ފޭސްބުކް އާއި ރޭބޭން ގުޅިގެން އުފެއްދި ފުރަތަމަ ސްމާޓް އައިނު "ރޭބޭން ސްޓޯރީޒް" 299 ޑޮލަރަށް މާކެޓަށް ލޯންޗުކޮށްފި އެވެ.
ރޭބޭން ބްރޭންޑުގެ މި އައިނުގެ ފީޗާޒްތަކުގެ ތެރޭގައި ވީޑިއޯ އާއި ފޮޓޯ ނެގުމަށް ހާއްސަ ދެ ފްރަންޓް ކެމެރާ ހިމެނެ އެވެ. ކެމެރާތައް މަސައްކަތް ކުރާނީ ފޭސްބުކް ވިޔު ނަމަކަށް ކިޔާ އެޕަކާ ސިންކްރޮނައިޒް ވެގެންނެވެ. ފޭސްބުކް ވިޔު އެޕްގެ އެހީގައި ފޮޓޯ އާއި ވީޑިއޯތައް އެޑިޓުކޮށް، ފޯނުގައި ހުންނަ އެހެން އެޕްތަކާ ޝެއާކުރެވޭނެ އެވެ.
ވީޑިއޯ ނެގުމަށް ހާއްސަ ފިތެއް އައިނުގައި ހުރެ އެވެ. އޭގެ އިތުރުން "ހޭ ފޭސްބުކް، ޓޭކް އަ ވީޑިއޯ" އޭ ބުނެލުމުން ހޭންޑްސްފްރީކޮށް ވީޑިއޯ ކުރަން ފަށާނެ އެވެ.
މި އައިނަކީ ސްމާޓް އައިނެއް ނަމަވެސް، މިއީ ފެންނަ ފެނުމަށް އަދި އަޅައިގެން ހުންނައިރު ވެސް އާދައިގެ އައިނުތަކާ އެއްވެސް ތަފާތެއް ހުންނަ އައިނެއް ނޫނެވެ.

ރޭބޭން ސްޓޯރީޒް އައިނުގެ ޗާޖު ހަ ގަޑިއިރު ވަންދެން ހުންނާނެ.
ރޭބޭން ސްޓޯރީޒްއަކީ 2016 ވަނަ އަހަރު ނެރުނު ސްނެޕްޗެޓް ސްޕެކްޓެކަލްސް ފަދަ އައިނެކެވެ. ނަމަވެސް މި އަހަރުގެ ކުރީކޮޅު ދައްކާލި ސްޕެކްޓެކަލްސްގެ އެންމެ ފަހުގެ ވާޝަން ފަދައިން އައިނުގެ ލެންސުގައި ޑިސްޕްލޭއެއް ނުހުރެ އެވެ.
އެހެންނަމަވެސް އައިނުގެ ފްރޭމުގައިވާ ސްޕީކަރުތަކުން ބްލޫޓޫތުގެ އެހީގައި ފޯނުގައި ހުންނަ މިޔުޒިކް ނުވަތަ އަޑު އައިނުން ޖަހާލެވޭނެ އެވެ. އެ ސްޕީކަރުތަކުގެ އެހީގައި ފޯނަށް އަންނަ ކޯލު ވެސް ނެގޭނެ އެވެ. އަދި ފޯނުގައި އަތް ނުލައި، ޕޮޑްކާސްޓު އަޑުއަހާލެވޭނެ އެވެ. ފްރޭމްގައިވާ ޓަޗްޕެޑުގެ އެހީގައި ޕްލޭކޮށް ޕޯސްކޮށް އަދި އަޑުގެ ބާރުމިން ކޮންޓްރޯލް ކުރެވެ އެވެ.
ފޭސްބުކް އިން ބުނީ އައިނު އެއްކޮށް ޗާޖު ކުރުމަށް ނަގާނީ ގަޑިއިރެއް ކަމަށާއި ހަ ގަޑިއިރު ވަންދެން ޗާޖު ދަމަހައްޓާނެ ކަމަށެވެ. އައިނު ރައްކާކުރާ ފޮށީގައި ބިލްޓް އިން ޗާޖަރެއް ހުރެ އެވެ. ޗާޖު ކުރުމަށް ބޭނުން ކުރަނީ ފޮއްޓާއެކު ލިބޭ ޔޫއެސްބީ-ސީ ކޭބަލް އެކެވެ.
ރޭބޭން ސްޓޯރީޒް އަކީ ފޭސްބުކް އާއި ޔޫރަޕުގެ އައިނު އުފައްދާ ކުންފުނި އެސިލޯލަކްސޯޓިކާއާ ދެމެދު ވެފައިވާ ޕާޓްނާޝިޕްގެ ދަށުން ނެރޭ ފުރަތަމަ އުފެއްދުމެވެ. މިއީ މިހާތަނަށް މާކެޓަށް ނެރޭ އެންމެ "ފަސޭހަ" ސްމާޓް އައިނެވެ.








