މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަނަކަށް އަނެއްކާ ވެސް، ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އިންތިހާބުކޮށްފި އެވެ.
1990ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން މަޓީ ހިންގަވަމުން ގެންދަވާ ކޮލިގޭ އެމްޔޫ މަނިކަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރިކުރާ އެއް ކުންފުނި ޔުނިވާސަލް އެންޓަޕްރައިސެސްގެ ޗެއާމަން އެވެ. އޭނާ އަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަން ވެސް މެ އެވެ.
ރާއްޖެއަށް ޓޫރިޒަމް ތައާރަފްކޮށް އެކަން ތަރައްގީކުރެއްވުމުގެ އެންމެ ބޮޑު އެއް ހިއްސާދާރުކަމަށްވާ އެމްޔޫ މަނިކު، މަޓީގެ ޗެއާމަނަކަށް އިތުރު އެއް އަހަރުގެ ދައުރަކަށް އިންތިހާބުކުރީ މިދިޔަ ބުދަ ދުވަހު ވާޗުއަލްކޮށް ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާއްމު ޖަލްސާގަ އެވެ. މި ޖަލްސާގައި 78 މެމްބަރުން ބައިވެރިވި އެވެ.
ޖުމްލަ 15 މެމްބަރުން ހިމެނޭ މަޓީގެ ބޯޑަށް މި ފަހަރު އައީ އެންމެ ބަދަލެކެވެ. އެއީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ތަމްސީލްކުރާ މެމްބަރުކަމަށް، އެ ކުންފުނީގެ މިހާރުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުއާޓް އިންތިހާބުކުރުމެވެ. މަޓީގައި އެމްއޭސީއެލް ކުރިން ތަމްސީލްކުރެއްވީ އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު އެވެ. އޭނާ ރިޓަޔާކުރެއްވުމުން މަޓީގައި އެމްއޭސީއެލް ތަމްސީލްކުރާ ގޮނޑި ހުރީ ހުސްކޮށެވެ.
މަޓީގެ ދެ ވައިސް ޗެއާމަނުންނަށް މި ފަހަރު ވެސް އިންތިހާބުވީ ޗަމްޕާ ހުސެއިން އަފީފް އާއި ވޮޔޭޖަސް މޯލްޑިވްސްގެ ޑިރެކްޓަރު ސަލާހު ޝިހާބެވެ. ސެކްރެޓަރީ ޖެނެރަލަކަށް އިންތިހާބުވީ ކްރައުން ކުންފުނީގެ އަހުމަދު ނަޒީރު (ކްރައުން ނަޒީރު) އެވެ. އޭނާގެ ނައިބަކީ އައްސަދު އަލީ އެވެ. ފައިނޭންޝިއަލް ކޮންޓްރޯލަކަށް މި ފަހަރު އިންތިހާބުވީ ލިލީ ހޮޓެލްސްގެ ޑިރެކްޓަރު އަހުމަދު ހަފީޒް (ޑިކޭ) އެވެ.
އެކްސްކޯ މެމްބަރުންނަކީ ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ވިލާ ކުންފުނީގެ ހިއްސާދާރު އިބްރާހިމް ސިޔާދު ގާސިމް އާއި އިސްމާއިލް ޝިޔާން ގާސިމް އާއި އިޔާޒް ވަހީދާއި އިބްރާހިމް ނޫރައްދީނާއި ޒުލައިޚާ މަނިކު އާއި އައިޝަތު ނީނާ އަހުމަދާއި ވިޝާ މާހިރު އެވެ.
މެމްބަރުން އިންތިހާބުކުރުމުގެ އިތުރުން މިދިޔަ އަހަރު ކުރި މަސައްކަތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލުމާއި މިދިޔަ އަހަރުގެ އަހަރީ ހިސާބާއި މި އަހަރުގެ ބަޖެޓްފާސްކުރި އެވެ. އަދި ޗާޓަރަށް ބައެއް އިސްލާހުތައް ވަނީ ގެނެސްފަ އެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް ކުރިއަރުވަން 1982 ވަނަ އަހަރު އުފެއްދި މަޓީ އަކީ ރާއްޖޭގެ ޓޫރިޒަމްގެ ސިޔާސަތުތައް އެކުލަވާލުމުގައި ބޮޑު ހިއްސާއެއްވާ ޖަމިއްޔާއެކެވެ.
މަޓީގެ ބޯޑު މެމްބަރުން
- މުހައްމަދު އުމަރު މަނިކު: ޗެއާމަން
- ހުސެއިން އަފީފު: ވައިސް ޗެއާމަން
- ސޮލާހު ޝިހާބު :ވައިސް ޗެއާމަން
- އަހުމަދު ނަޒީރު :ސެކެޓްރީ ޖެނެރަލް
- އައްސަދު އަލީ :ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް
- އަހުމަދު ސިޔާމް މުހައްމަދު : އެގްޒެކެޓިވް ބޯޑު މެމްބަރު
- އިބްރާހިމް ނޫރައްދީން : އެގްޒެކެޓިވް ބޯޑު މެމްބަރު
- އިބްރާހިމް ޝިޔާން ގާސިމް : އެގްޒެކެޓިވް ބޯޑު މެމްބަރު
- އިބްރާހިމް ސިޔާދު ގާސިމް : އެގްޒެކެޓިވް ބޯޑު މެމްބަރު
- ޒުހައިލާ މަނިކް : އެގްޒެކެޓިވް ބޯޑު މެމްބަރު
- އައިޝަތު ނީނާ އަހުމަދު : އެގްޒެކެޓިވް ބޯޑު މެމްބަރު
- ގޯޑަން އެންޑްރޫ ސްޓުއާޓް : އެގްޒެކެޓިވް ބޯޑު މެމްބަރު










