ޑިޖިޓަލް ބޭންކިންގެ ފަސް ކާފު!

ޑިޖިޓަލް ބޭންކިންގެ ފަސް ކާފު!

ދުނިޔެ ތަރައްގީވެ، ޓެކްނޮލޮޖީ ކުރިއަރައިދާ ވަރަކަށް އެކި ދާއިރާތަކުން ތަފާތު އެކި އީޖާދުތަކުގެ ސަބަބުން އާންމު ދިރިއުޅުމުގައި އެތައް ކަމެއް ފަސޭހަވެ ގޮސްފި އެވެ.

މިގޮތުން ދުނިޔޭގެ މާލީ ނިޒާމުގެ ތެރެއަށް ޑިޖިޓަލް ބޭންކިން ހިދުމަތް ތައާރަފުވުމާ އެކު، ބޭންކު އިމާރާތެއްގެ ތެރޭގައި ފިޔަވަޅެއް ވެސް ނާޅާ، ބޭންކަކުން ލިބޭ ހުރިހާ ހިދުމަތެއް ހޯދާ މީހުން މިއަދު މަދެއް ނޫނެވެ. ނަގުދު ފައިސާގައި އަތް ބީއްސާނުލާ ބޮޑެތި އަދަދުތަކުން ފައިސާ ބަދަލުކުރުމަކީ މިހާރު އެއްވެސް ކަމެއް ނޫނެވެ.

މާލީ ނިޒާމުގެ ތެރެއަށް ވަދެގެން އައި އާ ވިޔަފާރިއަކަށްވި ޑިޖިޓަލް ބޭންކުތަކަކީ ހަމައެކަނި އޮންލައިންކޮށް ކަސްޓަމަރުންނަށް ހިދުމަތްތައް ފޯރުކޮށްދޭ ބޭންކުތަކެކެވެ. އެއްވެސް އިމާރާތެއްގައި ބްރާންޗު ހަދައިގެން ކަސްޓަމަރުންނަށް ހިދުމަތް ދިނުމެއް ނޯވެ އެވެ. ހުރިހާ ހިދުމަތެއް ފޯރުކޮށްދެނީ އެ ބޭންކަކުން ބޭނުންކުރާ ޕޯޓަލް ނުވަތަ އެޕް ބޭނުންކޮށްގެންނެވެ.

Advertisement

ޑިޖިޓަލް ބޭންކިންއަކީ ކޮބާ؟

ޑިޖިޓަލް ބޭންކިންއަކީ އޮންލައިން ބޭންކިން ހިދުމަތްތަކާއި މޮބައިލް ބޭންކިން ހިދުމަތްތައް އެއްކޮށްލައިގެން އެއް ހިދުމަތެއްގެ ގޮތުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ފޯރުކޮށްދޭ ހިދުމަތެކެވެ. އަދި މިއީ އޮންލައިން ބޭންކުތަކުން އެކަނި ފޯރުކޮށްދޭ ހިދުމަތެއް ވެސް ނޫނެވެ.

އޮންލައިން ބޭންކިން ހިދުމަތުގެ ބޭނުންކޮށްގެން ބޭންކަކުން ލިބޭ ހުރިހާ ހިދުމަތެއް ކޮމްޕިއުޓަރެއް ބޭނުންކޮށްގެން ލިބެ އެވެ. އަދި އެ މީހެއްގެ އެކައުންޓަށް ލޮގިން ވެލައިގެން ފައިސާ ޓްރާންސްފާކުރުމާއި، ބިލުތައް ދެއްކުމުން ފެށިގެން ގޮސް، ކާޑާއި ލޯނަށް އެދުމުގެ ހިދުމަތް އޮންލައިންކޮށް ނިންމާލެވެ އެވެ. މިކަމަށްޓަކައި ބޭންކުތަކުން ބޭނުންކުރަނީ މި ހިދުމަތްތައް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ހާއްސަ އޮންލައިން ޕޯޓަލްއެކެވެ.

މޮބައިލް ބޭންކިންގައި ވެސް ގާތްގަނޑަކަށް މި ސިފަތައް އެކުލެވޭގޮތަށް ތަރައްގީކޮށްފައިވާ އެޕްލިކޭޝަނެއްގެ ޒަރިއްޔާއިން ބޭނުންކުރެވޭ ހިދުމަތެކެވެ. އަދި ސްމާޓް ފޯނާއި، ޓެބްލެޓް ބޭނުންކޮށްގެން މި އެޕްލިކޭޝަންތައް ބޭނުންކުރެވެ އެވެ. އެޕަށް ވަންނަން އާންމުކޮށް ބޭނުންކުރަނީ އޮންލައިން ޕޯޓަލްއަށް ވަންނަން ބޭނުންކުރާ ލޮގިން އާއި އެހެނިހެން މައުލޫމާތުތަކެވެ. އެކަމަކު އޮންލައިން ޕޯޓަލްތަކާ ހިލާފަށް، މޮބައިލް ބޭންކިން އެޕްތަކުގައި ހުންނަނީ ބޭންކުގެ ކަސްޓަމަރުން އެންމެ އާންމުކޮށް ބޭނުންކުރާ ހިދުމަތްތަކެވެ.

ޑިޖިޓަލް ބޭންކަކީ ކޮބާ؟

ޑިޖިޓަލް ބޭންކުތަކަކީ ނަމުން އިޝާރާތްކުރާ ފަދައިން "ޑިޖިޓަލީ" ބޭންކިން ހިދުމަތްދޭ ބޭންކުތަކެވެ. މި ބޭންކުތަކަށް އޮންލައިން ބޭންކޭ ވެސް ކިޔައި އުޅެ އެވެ.

މި އޮންލައިން ބޭންކުތަކުން ކަސްޓަމަރުންނަށް ހިދުމަތްތައް ދޭން ބޭނުންކުރަނީ އޮންލައިން ޕޯޓަލް އާއި އެއާ ގުޅިފައިވާ އެޕާއި، އޭޓީއެމްތަކެވެ. ކުރިން ވެސް ފާހަގަކުރިހެން މި ބޭންކުގެ ހިދުމަތް ހޯދަން ދާނެ އެއްވެސް ބްރާންޗެއް ނުހުންނާނެ އެވެ. ހުރިހާ ހިދުމަތެއް ލިބޭނީ ޑިޖިޓަލްކޮށެވެ.

މީގެ ތެރެއިން ބައެއް އޮންލައިން ބޭންކުތަކުން ހިދުމަތް ދެނީ އާދައިގެ ބޭންކުތަކާ ގުޅިގެން، އެ ބޭންކުތަކުގެ އޮންލައިން ހިދުމަތެއްގެ ގޮތުގަ އެވެ. މިކަހަލަ ބޭންކުތަކަށް ކިޔަނީ "ނިއޯ ބޭންކްސް" އެވެ. މި ބޭންކުތަކުން ހިދުމަތްދެނީ ގުޅިފައިވާ ބޭންކުގެ އޭޓީއެމްތަކާއި ކާޑު ސްކީމްތަކުގައި އޮންލައިން ބޭންކުގެ ކަސްޓަމަރުންނަށް ވެސް ބޭނުންކުރެވޭ ގޮތަށެވެ. އެކަމަކު އޮންލައިން ބޭންކުތަކުގެ ތެރޭގައި މިހާރު ގިނައީ އަމިއްލަ ހިދުމަތެއްގެ ގޮތުގައި މި ހިދުމަތް ފޯރުކޮށްދޭ "ޗެލެންޖާ ބޭންކްސް" ތަކެވެ.

ޑިޖިޓަލް ބޭންކުތައް ތަފާތު ވަނީ ކިހިނެއް؟

ޑިޖިޓަލް ބޭންކުތައް ފުރަތަމަ ހާއްސަވެގެން އައީ ބޭންކު ބްރާންޗުތަކަށް ޒިޔާރަތްކޮށްގެން ހިދުމަތް ހޯދަން އުނދަގޫ މީހުންނަށެވެ. މިސާލަކަށް މި ހިދުމަތް އެންމެ ފުރަތަމަ ތައާރަފުވެގެން އައި އެމެރިކާގެ އޮންލައިން ބޭންކުތަކުގެ ހިދުމަތް އަމާޒުކުރީ، އެ ގައުމުގެ އައްސޭރި ހިސާބުތަކުގައި އުޅޭ މީހުންނަށާއި ޖޯގްރަފީގެ ގޮތުން އެކަހެރި ސަރަހައްދުތަކުގައި އުޅޭ މީހުންނަށެވެ.

އެކަމަކު 21 ވަނަ ގަރުނުގައި ހިއްލާލި ޓެކްނޮލޮޖީގެ ރާޅުގައި ޑިޖިޓަލް ވަސީލަތްތަކަށް އޮތް އިތުބާރު ބޮޑުވެ، ޓެކްނޮލޮޖީއާ ރައްޓެހި މީހުން އިތުރުވުމާއެކު މި މަންޒަރު ބަދަލުވި އެވެ. އަދި އޮންލައިން ބޭންކުތަކުން އާދައިގެ ބޭންކުތަކާ ވާދައަށް ބޭންކިން ދާއިރާއަށް ނުކުންނަށް ފެށި އެވެ.

އޮންލައިން ބޭންކުތަކުން ކަސްޓަމަރުން ހޯދަން ބޭނުންކުރާ އެންމެ ބޮޑު އުކުޅަކީ ޒަމާންވީ ބޭންކިން ނިޒާމުގައި ގެންގުޅުނު ހަމަތައް ދޫކޮށްލުމެވެ. އެގޮތުން އާދައިގެ ބޭންކުތަކުން ގެންގުޅޭ ބޮޑެތި ފީތަކާއި ކުޑަ ފައިދާއެއް ލިބޭ ނިޒާމު ދޫކޮށް، އޮންލައިން ބޭންކުތަކުން ހުށައެޅީ ސޭވިން އެކައުންޓުގެ އަހަރީ ޔީލްޑް (އޭޕީވައި) ބޮޑު، ފީތައް މަދު ނިޒާމެކެވެ. ބައެއް އޮންލައިން ބޭންކުތަކުން ޕްރޮސެސިން ފީ ފަދަ އެއްވެސް ފީއެއް ނުވެސް ނަގަ އެވެ.

ޑިޖިޓަލް ބޭންކުތަކުން ކޮން ފައިދާއެއް؟

ޑިޖިޓަލް ބޭންކުތަކަށް އޮންނަ އެންމެ ބޮޑު ފައިދާއަކީ ޓެކްނޮލޮޖީ އެވެ. ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއި އާ އީޖާދުތައް ބޭނުންކޮށްގެން މި ބޭންކުތަކުން ކަސްޓަމަރުންނާ ހަމައަށް ގެނެސްދޭ ޕްރޮޑަކްޓު ތަފާތެވެ. އަދި އެހެން ބޭންކުތަކާ ހިލާފަށް، ފޯރުކޮށް ދޭ ހިދުމަތްތައް އިތުރުކުރަން ފުޅާ ދާއިރާއެއްގައި ފުރުސަތު ލިބެ އެވެ.

ޑިޖިޓަލް ބޭންކުތަކުން ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި:

  • 24 ގަޑިއިރު މެދުނުކެނޑި ބޭންކިން ހިދުމަތްތައް ލިބުން
  • އަވަހަށް ހިދުމަތްތައް ލިބި، އެޕްލިކޭޝަންތައް ޕްރޮސެސްވުން
  • ބަންދު ދުވަސްތަކާއި ގުޅިގެން ބޭންކުގެ ހިދުމަތް މެދުނުކެނޑުން
  • ކޮންމެ ތަނެއްގައި ހުރެގެން ވެސް ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު އޮތުން
  • ލިޔެކިޔުންތަކުގައި ޖެހޭ މައްސަލަތައް ކުޑަވުން
  • ފީތައް ކުޑަވުމާއި އެކައުންޓުން ލިބޭ މަންފާ އިތުރުވުން
  • ހިދުމަތް ހޯދަން ކުރަން ޖެހޭ ހަރަދުތައް ކުޑަވުން

ފައިދާތަކެއް ހުރި ނަމަވެސް، އޮންލައިން ބޭންކުތަކުން ފާހަގަކުރެވޭ އުނދަގޫތަކާއި މައްސަލަތައް ވެސް އެބަހުއްޓެވެ. މިސާލަކަށް އިންޓަނެޓް ނޫނީ ސާވާ މައްސަލައެއް ޖެހިގެން ހިދުމަތް ބޭނުންނުކުރެވޭ ވަގުތެއްގައި ހިދުމަތް ބޭނުންކުރެވޭނެ އިތުރު ގޮތެއް ނޯވެ އެވެ. އަދި ޓެކްނޮލޮޖީއާ ރައްޓެހި ނޫން މީހުންނަށް ޑިޖިޓަލް ބޭންކުތައް ބޭނުންކުރުމުގައި ވެސް ދަތިތަކެއް ހުރެ އެވެ.

ޑިޖިޓަލް ބޭންކުތައް ރައްކާތެރިތަ؟

ޑިޖިޓަލް ބޭންކުތަކާ ގުޅިގެން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ރައްކާތެރިކަން ނުވަތަ ސެކިއުރިޓީ އެވެ. އެކަމަކު މިކަންބޮޑުވުމަކީ ޓެކްނޮލޮޖީއާ ގުޅިގެން އާންމުކޮށްވެސް ހުންނަ ކަންބޮޑުވުންތަކެވެ. އެކަމަކު ހަގީގީ މަންޒަރު ވަރަށް ތަފާތެވެ.

ސެކިއުރިޓީއަށް ބަލާއިރު، ޑިޖިޓަލް ބޭންކުތައް އުޅެނީ ކޮންވެންޝަނަލް ބޭންކުތަކަށް ވުރެ މާ ކުރީގަ އެވެ. އަދި އިންވެސްޓްކުރާ ކަންކަމުގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކުރާ އެއް ދާއިރާއަކީ ވެސް ސެކިއުރިޓީ އެވެ. އަދި ޓެކްނޮލޮޖީގެ ގޮތުން ޑިޖިޓަލް ބޭންކުތަކުން ގެންގުޅޭ އުސޫލުތައް މާ ފުރިހަމަ އެވެ.

މިގޮތުން ބޭންކިން ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި، އައިޑެންޓިޓީ ވެރިފިކޭޝަނާއި، ފިންގާޕްރިންޓް ރެކޮގްނިޝަންގެ އިތުރުން ފޭސް ރެކޮގްނިޝަނާއި ވޮއިސް ރެކޮގްނިޝަން ފީޗާތައް އެކުލެވިގެން ވެއެވެ. އަދި މިފަދަ ބޭންކުތަކަކީ ވެސް ގައުމުތަކުގެ މާލީ އިދާރާތަކުން ރެގިއުލޭޓް ކުރާ ބޭންކުތަކަށް ވީތީވެ، ކަސްޓަމަރުންނަށް ރައްކާތެރިކަމަށް އިތުރަށް ބާރު ލިބެ އެވެ.

ރާއްޖެއާ ގުޅޭ ނިޒާމެއްތަ؟

ޑިޖިޓަލް ބޭންކުތަކުން ހިދުމަތް ފޯރުކޮށްދޭ ގޮތަށް ބަލާއިރު، މިއީ ރާއްޖެއަށް އެންމެ ފައްކާ އެއް ނިޒާމޭ ބުނެވިދާނެ އެވެ.

މިހެން ބުރަވެވެނީ ދިވެހިން ޓެކްނޮލޮޖީއާ ރައްޓެހިވުމާއި ޖޯގްރަފީގެ ގޮތުން ރަށްތައް ވަކިވެފައި އޮންނާތީ އެވެ. އަދި ކުދި އާބާދީތައް އޮންނަ ރަށްރަށުގައި ބޮޑު ހަރަދުކޮށްގެން ބޭންކު ބްރާންޗެއް ހިންގުމަށް ވުރެ ކަސްޓަމަރަށާއި ބޭންކަށް ވެސް ފައިދާ ބޮޑީ އޮންލައިންކޮށް ބޭންކިން ހިދުމަތް ދީގެން ކަމަށް ވާތީ އެވެ.

ކޮވިޑާ ގުޅިގެން ދަސްވީ ކަންކަމަށް ބަލާއިރު ވެސް، ޑިޖިޓަލް ބޭންކެއްގެ ފައިދާތައް ފެނެ އެވެ. އަދި ބޭންކުތަކަށް ގޮސްގެން ހިދުމަތް ނުހޯދޭ ފަދަ ހާލަތްތަކުގައި ޑިޖިޓަލް ބޭންކިން އާއި ޑިޖިޓަލް ބޭންކުތަކުން އަދާކުރަނީ ކޮންމެހެން ބޭނުންތެރި ދައުރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox