ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފްލެޓް ލިބުނު މީހުންނަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފައިވާ ހޯމް އިމްޕްރޫވްމަންޓް ލޯނާއި އިސްލާމިކް ފައިނޭންސިންގެ ޝަރުތުތައް ލުއިކޮށްފި އެވެ.
ހިޔާ މަޝްރޫއުން ފްލެޓް ލިބުނު މީހުންނަށް ހާއްސަކޮށްގެން ބީއެމްއެލްއިން ތައާރަފުކުރި މި ޕްރޮޑަކްޓްތަކަކީ 15،000ރ. އިން ފެށިގެން 150،000ރ. އާ ހަމައަށް ލޯނާއި ފައިނޭންސިން ލިބޭ ލޯނު އެހީއެކެވެ. މިއީ ރަހުނަކާ ނުލާ 12 ޕަސެންޓް އިންޓްރެސްޓް/ޕްރޮފިޓް ރޭޓުގައި ދޫކުރާ ލޯނުތަކެކެވެ.
ބީއެމްއެލްގެ ލޯނު ޝަރުތުތަކަށް ގެނައި ބަދަލުތަކާއެކު މިހާރު ދެ މީހަކު ވެގެން މި ލޯނަށް އެދި ހުށައެޅޭނެ އެވެ. އަދި ލޯނަށް އެދޭ ފަރާތުގެ އާމްދަނީގެ ގޮތުގައި އެ މީހަކަށް ލިބޭ މުސާރައިގެ އިތުރުން، ކުއްޔާއި ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ ވެސް ބަލައިގަންނަ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
މިބަދަލާއެކު ލޯނު ނުވަތަ ފައިނޭންސިން ދިނުުމުގައި ފައިސާގެ އަދަދު ކަނޑައަޅާނީ އަދި އެހެން ޝަރުތުތައް ފުރިހަމަވާތޯ ބަލާނީ ދެ މީހުންގެ އާމްދަނީއަށް ބެލުމަށް ފަހު އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި، ދެ މީހަކު ގުޅިގެން ލޯނަށް އެދި ހުށައަޅާނަމަ އެ ދެ ފަރާތަކީ އާއިލީ ގުޅުން އޮންނަ ދެ މީހަކަށް ވާން ޖެހެ އެވެ. ބީއެމްއެލްއިން އާއިލާ މެމްބަރުންގެ ގޮތުގައި ގަބޫލުކުރަނީ މަންމަ އާއި ބައްޕަ އާއި ކައިވެނިކޮށްގެން އުޅޭ މީހާ އާއި ދަރިންނާއި ކާފަ އާއި މާމަގެ އިތުރުން ކާފަ ދަރިންނާއި މާމަ ދަރިންނެވެ.
ހޯމް އިމްޕްރޫވްމަންޓް ލޯނުގެ އިތުރުން ރޯހައުސްތަކާއި އެހެން އެޕާޓްމަންޓްތަކުގެ ފިނިޝިން ނޫނީ ރެނޮވޭޝަން ނިންމަން ތައާރަފުކުރި ހޯމް އިމްޕްރޫވްމަންޓް ލޯނު ޕްލަސް އަދި އިސްލާމިކް ފައިނޭންސިންއަށް ވެސް މި ޝަރުތުތައް ހިނގާނެ އެވެ. މިއީ ވެސް 12 ޕަސެންޓު އިންޓްރެސްޓް/ޕްރޮފިޓް ރޭޓުގައި ދޫކުރާ ލޯނެކެވެ. އަދި 25،000ރ. އާއި 300،000ރ. އާ ހަމައަށް ފައިނޭންސިންއަށް އެދެވޭނެ އެވެ.
ބޭންކުން އާންމުކޮށް ނަގާ އިންޓްރެސްޓަށް ވުރެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި މި ލޯނުތަކަށް ދޫކުރަނީ ސޯޝަލް ހައުސިން، ހާއްސަކޮށް ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ފިނިޝިން މަސައްކަތް ނިންމާލަން ފަހިކޮށްދިނުމުގެ ގޮތުން ބޭންކުން ތައާރަފުކުރި ޕްރޮޑަކްޓެއްގެ ގޮތުގަ އެވެ. އެކަމަކު ސަރުކާރުން ހިންގާފައިވާ ނުވަތަ ހިންގަމުންދާ ކޮންމެ ސޯޝަލް ހައުސިން މަޝްރޫއެއްގެ ތެރެއިން ފްލެޓް ލިބިފައި ހުއްޓަސް މި ލޯނަށް އެދެވޭނެ އެވެ.











