އިއްޔެ އަކީ ދުނިޔޭގެ ކުޅިވަރުގެ ހަބަރު ގެނެސްދޭ ހުރިހާ ޕްލެޓްފޯމެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޓްރާންސްފާ ވާހަކަ ވަގުތުން ވަގުތަށް ލިބެމުންދިޔަ ދުވަހެކެވެ. އެންމެ ގިނަ ބަޔަކު ފުޓްބޯޅައިގެ ވާހަކަ މިހާރު ދައްކަމުން އަންނަ ސޯޝަލް މީޑިއާގައި އެންމެ ގަދަޔަށް ދެކެވެމުންދިޔައީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދި ރޮނާލްޑޯ، 36، ދެން ބަދަލުވާނެ ކްލަބެއްގެ ވާހަކަ ތަކެވެ.
އިޓަލީގެ ޔުވެންޓަސް ދޫކޮށް މެންޗެސްޓާ ސަރަހައްދުގެ ނޫ ޖޯޒީގައި، މެންޗެސްޓާ ސިޓީން ރޮނާލްޑޯ ފެންނާނެ ކަމަށް ބަލައިގެން ހުއްޓައި ފަހު ވަގުތު މެންޗެސްޓާ ޔުނައިޓެޑުން ވަނީ ރޮނާލްޑޯގެ ޑީލް "ހައިޖެކް" ކޮށްފަ އެވެ. ޔުނައިޓެޑްގެ ސަޕޯޓަރުންގެ މޫނަށް ހިނިތުންވުން ގެނެސްދިން އެ ހަބަރު މާލަސްތަކެއް ނުވެ ކްލަބުން ވެސް ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. ގާތްގަނޑަކަށް 13 އަހަރު ފަހުން އަލުން ޔުނައިޓެޑްގެ ޖޯޒީގައި ރޮނާލްޑޯ ފެންނާނެކަން ޔަގީންވީ އެވެ.
ޔުވެންޓަސް އިން އެންމެ ފުރަތަމަ ރޮނާލްޑޯ ނުވިއްކާނެ ކަމަށް ބުނަމުންދިޔަ ނަމަވެސް ހުރިހާ ކަމެއް ބަދަލުވީ ސީޒަންގެ ފުރަތަމަ މެޗާ ހަމައިންނެވެ. ޔުވެންޓަސްގައި ރޮނާލްޑޯގެ އެެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައި އެ ކޮންޓްރެކްޓާ މެދު ގޮތެއް ނިންމަން ކްލަބްގެ މެނޭޖްމަންޓުން ލަސްކޮށްލުމުން ރޮނާލްޑޯ ހިތްހަމަނުޖެހުނެވެ.
އެ ގޮތުން ލީގުގެ ފުރަތަމަ މެޗުގައި އުދިނޭޒީއާ ދެކޮޅަށް ޔުވެންޓަސްގެ ފުރަތަމަ އެގާރައިގައި ކުޅެން ބޭނުންނުވާކަން ރޮނާލްޑޯ ވަނީ އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ އަށް އަންގައިފަ އެވެ. އެކަމަކު، މެޗުން މޮޅުވާން ބޭނުންވާތީ އަލެގްރީ ވަނީ ދެ ވަނަ ހާފްގައި ރޮނާލްޑޯ ކުޅެން އަރުވައިފަ އެވެ. ފަހު ވަގުތު ޔުވެންޓަސް މޮޅުކޮށްދޭން ރޮނާލްޑޯ ގޯލެއް ވެސް ޖެހި އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އޮފްސައިޑް ކަމަށެވެ. އެއީ ޔުވެންޓަސްގައި ރޮނާލްޑޯގެ އެންމެ ފަހު ވަގުތު ކޮޅެވެ.
އެ މެޗަށް ފަހު ޔުވެންޓަސްގައި ރޮނާލްޑޯގެ މުސްތަގުބަލާ ބެހޭގޮތުން އަވަހަށް ގޮތެއް ނިންމަން މަޝްވަރާތައް ފެށުނެވެ. އެކަމަކު، ރޮނާލްޑޯ ބޭނުންވާ ވަރުގެ ހުށަހެޅުމެއް ޔުވެންޓަސްގެ ފަރާތުން ނަ އެވެ. ޔުވެންޓަސް އިން ބޭނުންވީ އިތުރު އެއް އަހަރުގެ ކޮންޓްރެކްޓެއް ދޭށެވެ. ރޮނާލްޑޯ ބޭނުންވީ މަދުވެގެން ދެ އަހަރުގެ ކޮންޓްރެކްޓެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ އެހެންވެ، ރޮނާލްޑޯ އެހެން ކްލަބަކަށް ބަދަލުވާން ނިންމި އެވެ.

ޔުވެންޓަސްގައި ރޮނާލްޑޯ ވަނީ ލަނޑު ޖެހުމުގެ ރެކޯޑްތަކެއް ގާއިމްކޮށްފައި: އެކަމަކު އެ ޓީމުން އެންމެ ބޭނުންވި ކާމިޔާބީތަކެއް ނުލިބުނު
ރޮނާލްޑޯ ޔުވެންޓަސްގައި މަޑުނުކުރާނެކަން އެނގުނު ހިސާބުން އެންމެ ފުރަތަމަ އޭނާގެ ސޮއި ހޯދަން އަވަސްވެގަތީ ސިޓީންނެވެ. ސިޓީން ވަނީ ވަގުތުން ރޮނާލްޑޯ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅައިފަ އެވެ. ސިޓީން މަޝްވަރާތައް ކުރިއަށްގެންދިޔައީ ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒްއާ އެކު އަނގަބަހުންނެވެ.
މެންޑޭޒްއާ އެކު ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ފަހު ރަސްމީކޮށް ރޮނާލްޑޯ އަށް ކޮންޓްރެކްޓް ހުށަހެޅުމުގައި ސިޓީގެ ބައެއް ކަންކަން ނިންމަން އަމާޒުހިފި އެވެ. އެ ގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކްލަބްގެ މާލީ ހާލަތު ދެނެގަނެ، ރަހީމް ސްޓާލިން އާއި ބެނާޑޯ ސިލްވާގެ ތެރެއިން ކޮންމެ ވެސް އެއް ކުޅުންތެރިއަކު ދޫކޮށްލަން މަސައްކަތް ފެށި އެވެ. އެކަަމަކު، އެ މަސައްކަތުގައި ސިޓީ އަށް ހައްްލެއް ނުލިބި އޮއްވައި ޔުނައިޓެޑުން ވަނީ ރޮނާލްޑޯގެ ސޮއި ހޯދުމުގެ ރޭހުގައި ކުރިހޯދައިފަ އެވެ. ޔުނައިޓެޑުން އެކަމަށް ބޭނުންކުރީ ހާއްސަ އުކުޅެކެވެ. އެ ޓީމުން ރޮނާލްޑޯގެ ޑީލްގައި ކުރިހޯދީ ކުރީގެ ކޯޗު އަލެކްސް ފާގަސަން އާއި ރޮނާލްޑޯއާ އެކު ޔުނައިޓެޑަށް ކުޅުނު ކުޅުންތެރިންގެ އެހީއާ އެކު އެވެ.
ޔުނައިޓެޑުން ރޮނާލްޑޯއާ މަޝްވަރާތައް ފެށުމާ އެކު ސިޓީން އަމިއްލަ އަށް ޓްރާންސްފާ އިން ބޭރުވި އެވެ.
ސިޓީން ރޮނާލްޑޯ ގަންނަން ވާހަކަ ދެއްކިއިރު، ޔުވެންޓަސް އިން ރޮނާލްޑޯ ވިއްކާލަން ކީ އަގަކީ 30 މިލިއަން ޑޮލަރެވެ. އެކަމަކު، ޔުނައިޓެޑުން ރޮނާލްޑޯ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ގަތީ 23 މިލިއަން ޑޮލަރަށެވެ. މީގެއިން އެންމެ ފުރަތަމަ ޔުވެންޓަސް އަށް ލިބެނީ 17 މިލިއަން ޑޮލަރެވެ.
މީގެ ތިން އަހަރު ކުރިން، 2018 ވަނަ އަހަރު ޔުވެންޓަސް އިން ރޮނާލްޑޯގެ ސޮއި ހޯދީ ރެއާލް މެޑްރިޑަށް 120 މިިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ދެއްކުމަށް ފަހު އެވެ. ކުއްލިއަކަށް ޔުވެންޓަސް އިން އެހާ އަގުކުޑަކޮށް ރޮނާލްޑޯ ދޫކޮށްލުމަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމެވެ. އެކަމަކު، ޔުވެންޓަސް އިން އެ ގޮތަށް ނިންމީ ވީ އެންމެ އަވަހަކަށް ކްލަބްގެ މާލީ ހާލަތަށް ބަދަލުތަކެއް ގެނައުމުގެ ބޭނުމުގަ އެވެ.
ފުރަތަމަ ކަމަކަށް ރޮނާލްޑޯ މި ސީޒަން ނިމެންދެން ޔުވެންޓަސްގައި އެ ހުރި ގޮތަށް މަޑުކުރިނަމަ ހިލޭ ޓްރާންސްފާއެއްގައި ބޭނުން ކްލަބަކަށް ބަދަލުވުމުގެ އިހުތިޔާރު ލިބޭނެ އެވެ. ޔުވެންޓަސް އިން އެ ގޮތެއް ބޭނުމެއްނުވި އެވެ. ދެން ޔުވެންޓަސް އިން ވިސްނީ ވީ އެންމެ އަވަހަކަށް ކުޑަ އަގެއްގައި ރޮނާލްޑޯ ދޫކޮށްލާށެވެ. އެ ގޮތަށް ވިސްނައި ހަރަދުތައް ސަލާމަތްކުރަން ރޮނާލްޑޯ ދޫކޮށްލަން މަޖުބޫރުވީ އެެވެ.

ޔުނައިޓެޑްގައި ރޮނާލްޑޯ އަށް އަހަރަކު 30 މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭނެ: މިއީ ސިޓީން ހުށަހެޅި ވަރަށް ވުރެ 12 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށް ރިޕޯޓްތައް ބުނޭ.
ރޮނާލްޑޯ ޔުވެންޓަސްގެ ކޮންޓްރެކްޓްގައި ހުރީ އަހަރަކު 36 މިލިއަން ޑޮލަރަށެވެ. އަދި ޔުވެންޓަސްގެ ކޮންޓްރެކްޓް ފުރިހަމަކޮށްފައި ރޮނާލްޑޯ އެހެން ކްލަބަކަށް ދިޔަ ނަމަ އޭނާ އަށް ލޯޔަލްޓީ ބޯނަހެއްގެ ގޮތުގައި އިތުރު 12 މިލިއަން ޑޮލަރު ދޭން ޖެހެ އެވެ. މާނަ އަކީ އަންނަ އަހަރު ކޮންޓްރެކްޓް ފުރިހަމަކޮށްފައި ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލާނަމަ ޖުމްލަ އެކު 48 މިލިއަން ޑޮލަރު ލިބޭނެ އެވެ.
މި ވަގުތު ރޮނާލްޑޯ ދޫކޮށްލައިގެން ޔުވެންޓަސް އިން 23 މިލިއަން ޑޮލަރު ހޯދީ އަންނަ ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ރޮނާލްޑޯ ކްލަބް ދޫކޮށްލާއިރު އޭނާ އަށް ބޮޑު ހޭދައެއް ކުރުމުން ސަލާމަތްވާށެވެ. އަދި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ފޯވާޑެއް ހޯދުމުގެ ބޭނުމުގަ އެވެ. ޔުވެންޓަސް އިން ފާރަލަމުން އަންނަނީ ޕީއެސްޖީގެ މައުރޯ އިކާޑީ ނޫނީ ރެއާލްގެ އެޑެން ހަޒާޑް ހޯދުމަށެވެ.
ކެރިއަރުގައި ދެ ވަނަ ފަހަރަށް ރޮނާލްޑޯ ޔުނައިޓެޑަށް ކުޅެން ތައްޔާރުވަމުން އަންނައިރު، އޭނާ ބޭނުންކުރާނީ އެންމެ ފުރަތަމަ އެ ކްލަބްގައި ބޭނުންކުރި ހަތް ނަމްބަރު ޖޯޒީއެއް ނޫނެވެ. ޔުނައިޓެޑްގެ ހަތް ނަމްބަރު ޖޯޒީ ބޭނުންކުރަނީ އެޑިސަން ކަވާނީ އެވެ. ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ދެން ފެންނާނީ ޔުނައިޓެޑްގެ 28 ނަމްބަރު ޖޯޒީގަ އެވެ. މިއީ އޭނާ ސްޕޯޓީން ލިޒްބަންގައި ބޭނުންކުރި ނަމްބަރެކެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ އަށް ޔުނައިޓެޑްގައި ސީޒަނަކަށް ބޯނަހާ އެކުގައި 30 މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭނެ އެވެ. މިއީ ސިޓީން ހުށަހެޅި ކޮންޓްރެކްޓަށް ވުރެ އިތުރު އަދަދެކެވެ.
ޔުނައިޓެޑުން އެންމެ ފުރަތަމަ 2003 ވަނަ އަހަރު ރޮނާލްޑޯ ގަތީ 16 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އެ ފަހަރު ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ހަ އަހަރު ކުޅެފަ އެވެ. ޔުނައިޓެޑާ އެކު ނުވަ ތަށި ހޯދި ރޮނާލްޑޯ ވަނީ އެ ޓީމަށް 292 މެޗުން 118 ގޯލު ޖަހައިދީފަ އެވެ. އަދި އެ ޓީމުގައި ހުރެ 2008 ވަނަ އަހަރު ބެލޮންޑިއޯ ކާމިޔާބުކުރި އެވެ.












