މެޑްރިޑް (އޮގަސްޓް 27) - އަންނަ މަހު ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ނެގި ސްޕެއިންގެ ސްކޮޑުން މި ފަަހަރު ވެސް ރެއާލް މެޑްރިޑް ކުޅުންތެރިއަކަށް ފުރުސަތު ނުދޭން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ނިންމައިފި އެވެ.
މިދިޔަ ޖޫން/ޖުލައި މަހު ކުރިއަށްދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެގި ސްޕެއިންގެ ސްކޮޑުން ވެސް ރެއާލް ކުޅުންތެރިއަކަށް ފުރުސަތެއް ނުދެ އެވެ. އެހެންވެ، އެންރީކޭ އަށް ގިނަ ސަޕޯޓަރުންގެ ނުރުހުން އަމާޒުވި އެވެ.
ޔޫރޯ ސްކޮޑުން ފުރުސަތު ނުލިބުނު ބައެއް ރެއާލްގެ ކުޅުންތެރިން ވަނީ ދާދި ފަހުން އޮލިމްޕިކްސް އިން ރިހި މެޑަލް ހޯދި ސްޕެއިން ޓީމުގައި މޮޅަށް ކުޅެފަ އެވެ. އޭގެ ތެރޭގައި މާކޯ އަސެންސިއޯ ފަދަ ކުޅުންތެރިން ހިމެނެ އެވެ.
އެންރީކޭ ބުނީ ރެއާލާ ދެކޮޅަށް ވަކި ހާއްސަ ކަމެއް ނެތް ކަމަށާއި ސްކޮޑަށް ނަގަނީ އެއިރަކު ޓީމަށް އެންމެ ރަނގަޅުވާނެ ކުޅުންތެރިން ކަމަށެވެ.
ޔޫރޯގައި ވާދަކުރި ސްޕެއިން ޓީމަށް ބަލާއިރު، އެންރީކޭ މި ފަހަރު ވަނީ ހަތް ބަދަލެއް ސްކޮޑަށް ގެނެސްފަ އެވެ. އެ ގޮތުން މުޅިން އަލަށް ދެ ކުޅުންތެރިއަކަށް ވަނީ ފުރުސަތު ދީފަ އެވެ. އެއީ ވެލެންސިއާގެ މިޑްފީލްޑަރު ކާލޮސް ސޮލެއާ އާއި ބްރާގާ ފޯވާޑް އަބެލް ރުއިޒް އެވެ.
އަލުން ޓީމުން ފުރުސަތު ދިން ކުޅުންތެރިންގެ ތެރޭގައި ވެސްޓް ހޭމް ޔުނައިޓެޑްގެ ޕަބްލޯ ފޯނާލްސް އާއި ވިޔަރެއާލް ފަހަތުގައި މޮޅަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު ރައުލް އަލްބިއޯލް ހިމެނެ އެވެ.
މިދިޔަ ސީޒަނުގައި ބާސެލޯނާ އާއި ސްޕެއިނަށް 73 މެޗު ކުޅުނު އުމުރުން 18 އަހަރުގެ ޕެޑްރީ އަށް ވަނީ ގައުމީ ޓީމުން ޗުއްޓީއެއް ދީފަ އެވެ. އެއީ ބާސެލޯނާގެ ކޯޗު ކޫމަން އާއި އެންރީކޭ މަޝްވަރާ ކުރުމަށް ފަހު ނިންމި ނިންމުމެކެވެ.
ކޮލިފައިންގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި ރަށުންބޭރުގައި ކުޅޭނީ ސްވިޑެންއާ އެވެ. އޭގެ ތިން ދުވަސް ފަހުން ޖޯޖިއާއާ ކުޅޭނެ އެވެ. އަދި އަށް ވަނަ ދުވަހު ކޮސޯވޯއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެ އެވެ.












