Advertisement

ޕެޑްރީ އަށް ޗުއްޓީއެއް ދޭން ބާސެލޯނާ އާއި ސްޕެއިނުން ނިން

19 އޮގަސްޓު 2021 - 09:06 0

ބާސެލޯނާގެ މެޗެއްގެ ތެރެއިން ޕެޑްރީ.-- ފޮޓޯ: އޭއެފްޕީ


ޕެޑްރީ އަށް ޗުއްޓީއެއް ދޭން ބާސެލޯނާ އާއި ސްޕެއިނުން ނިން

19 އޮގަސްޓު 2021 - 09:06 0

މެޑްރިޑް (އޮގަސްޓް 19) - މިދިޔަ ސީޒަނުގައި ގިނަ މެޗުތަކެއް ކްލަބާއި ގައުމީ ޓީމަށް ކުޅެފައިވާ އުމުރުން 18 އަހަރުގެ ހުނަރުވެރި މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭޒަށް ޗުއްޓީ އެއް ދޭން ބާސެލޯނާ އާއި ސްޕެއިނުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޕެޑްރީ ވަނީ މިދިޔަ ސީޒަނުގައި ބާސެލޯނާ އާއި ސްޕެއިން ގައުމީ ޓީމަށް ޖުމްލަ 73 މެޗު ކުޅެފަ އެވެ. މިދިޔަ ސީޒަނުގައި ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގައި ވެސް އެންމެ ގިނަ މެޗު ކުޅުނީ ޕެޑްރީ އެވެ. އޭނާ ވަނީ ބާސެލޯނާ އަށް 52 މެޗާއި ސްޕެއިންގެ ޔޫރޯ ޓީމާއި އޮލިމްޕިކްސް ޓީމަށް 21 މެޗު ކުޅެފަ އެވެ.

އޮލިމްޕިކްސް އަށް ފަހު ޕެޑްރީ ޗުއްޓީ އަކަށް ދާނެ ކަމަށް ބެލެވިފައި އޮއްވައި އޭނާ ވަނީ ބާސެލޯނާގެ ޕްރެކްޓިހާ ގުޅި ސީޒަންގެ ފުރަތަމަ މެޗުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅެފަ އެވެ.

ބާސެލޯނާގެ ވިސްނުމަކީ މި މަހު 29 ވަނަ ދުވަހު ގެޓަފޭއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު އަންނަ އިންޓަނޭޝަނަލް ބްރޭކް ތެރޭގައި ޕެޑްރީ އަށް ޗުއްޓީއެއް ދިނުމަށެވެ. ގެޓަފޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ހޮނިހިރު ދުވަހުގެރޭ ބާސެލޯނާ އިން އެތުލެޓިކް ބިލްބާއޯއާ ކުޅޭނެ އެވެ.

ޕެޑްރީ އަށް ޗުއްޓީ އަކަށް ދެވޭނީ ކުރިއަށް އޮތް ސްޕެއިންގެ މެޗުތަކަށް އޭނާ ނުނަގަން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ނިންމައިފިނަމަ އެވެ.

ނެދަލެންޑްސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާގެ ކޯޗު ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ވަނީ ސްޕެއިންގެ ކޯޗު އެންރީކޭ ގާތުގައި ކުރިއަށް އޮތް މެޗުތަކަށް ޕެޑްރީ ސްޕެއިން ޓީމަށް ނުނަގައި އޭނާ އަށް އަރާމްކުރަން ފުރުސަތު ދޭން އެދިފަ އެވެ. އެންރީކޭ އެ ގޮތަށް ނިންމާނީ އޭނާގެ ޓެކްނިކަލް ސްޓާފުންނާ މަޝްވަރާ ކުރުމަށް ފަހު އެވެ.

ސްޕެއިންގެ ސީނިއާ ގައުމީ ޓީމަށް މިދިޔަ މާޗް މަހު ކުޅެން ފެށި ޕެޑްރީ ވަނީ ނިމިދިޔަ ޔޫރޯގައި ސްޕެއިނުން ކުޅުނު ހުރިހާ މެޗެއްގައި ފުރަަތަމަ އެގާރައިގައި ކުޅެފަ އެވެ. އޭނާ އަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހޮވި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އެވެ. އޮލިމްޕިކްސް ފައިނަލުގައި ސްޕެއިން ބަލިވީ ބްރެޒިލް އަތުންނެވެ.