ސަލާމަތީ ހިދުމަތްތަކުގެ މެދުގައި އެންމެ މުހިއްމު ކަމަކީި ގުޅިގެން މަސައްކަތްކޮށް އިންޓެލިޖެންސްގެ މައުލޫމާތު ހިއްސާކުރުން ކަމަށާއި އިންޓެލިޖެންސް ހިއްސާކުރުމުގެ އޮނިގަނޑު އިތުރަށް ހަރުދަނާވުމުން ޓެރަރިޒަމްގެ ނުރައްކާތައް މިހާރަށް ވުރެން ރަނގަޅަށް ވަޒަން ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ސިފައިންގެ 67 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މުޅި ދުނިޔެ ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކުގެ ނުރައްކާ ރާއްޖެއަށް ވެސް އެބައޮތް ކަމަށެވެ. ޓެރަރިޒަމާއި ހަރުކަށި ފިކުރު އޭގެ ތެރޭގައި ހިމެނޭއިރު އެ ކަންކަމާ ކުރިމަތިލާން ސިފައިން ވެސް ތައްޔާރުވުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ގޮންޖެހުންތަކާ ކުރިމަތިލާއިރު އެންމެ މުހިއްމު ކަމަކީ އިންޓެލިޖެންސްގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރުމެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އޮނިގަނޑު މި މަހު 17 ވަނަ ދުވަހު އާއްމުކޮށް، އިދާރާތަކުން މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އޮނިގަނޑު ނިމި ޖާސޫސީ މައުލޫމާތު ބަދަލުކުރަމުން އަންނަނީ ފަސް އިދާރާއަކުންނެވެ.

މި އޮނިގަނޑަށް އަމަލުކުރަން މި ފެށީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހިންގި އިންކުއަރީގައި އިންޓެލިޖެންސް އިދާރާތަކުގައި ބޮޑު "ބާގަނޑެއް" އުފެދިފައިވާ ތަން ފެނުމުން ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި އިންޓެލިޖެންސް އިދާރާތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފުލުހުންނާއި އެމްއެންޑީއެފާއި ކަސްޓަމްސް އާއި އިމިގްރޭޝަންގެ އިތުރުން އެމްއެމްއޭ އިން މައުލޫމާތު ހިއްސާކުރާނެ އޮނިގަނޑެއް އެކުލަވާލަން ލާޒިމްކޮށްފައި އޮތަސް އޭރު އެ އޮނިގަނޑެއް ނެތެވެ.
ރައީސް ވިދާޅުވީ އިންޓެލިޖެންސް މައުލޫމާތު ހިއްސާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް، ކަމާގުޅޭ އިދާރާތައް ގުޅިގެން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
"އެ މަސައްކަތް އިތުރަށް ހަރުދަނާވުމުން، ޓެރަރިޒަމްގެ ނުރައްކާތައް މިހާރަށްވުރެ ރަނގަޅަށް ވަޒަންކުރެވި، އެފަދަ ކަންކަމާ ކުރިމަތިލުމުގެ ގާބިލުކަން، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގައި އިތުރުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ސިފައިންގެ ހިދުމަތަކީ ވަޒީފާއެއް ނޫން ކަމަށާއި ގައުމަށްޓަކައި ވަމުން އަންނަ ގުރުބާނީއެއް ކަން ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން އަހުލާގީ ގޮތުންނާއި ސުލޫކީ ގޮތުން ނަމޫނާ ބައެއްގެ ގޮތުގައި ތިބެން އިލްތިމާސްކުރެއްވި އެވެ.
"ތިޔަބޭފުޅުންގެ ފަރާތުން ގައުމަށް ދެއްކޭނެ އެންމެ ފުރިހަމަ ނަމޫނާއަކަށް ވާނީ، ސިޔާސީ ނުފޫޒުން އެއްކިބާވެ ގައުމަށް ހިދުމަތްކުރުމުގައި ދެމިތިއްބެވުން. އެކަމަށް ތިޔަ ސިފައިންނަށް މަގުދައްކައިދޭނެ އާރުކާޓީއަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ދިވެހި ސިފައިންގެ ގާނޫނު،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ސިފައިންގެ ތެރޭގައި އަމަލުކުރަމުން އަންނަ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކާއި ސުލޫކީ މިންގަނޑުތައް ކަމަށް ވިދާޅުވި އެވެ.
ސިފައިން އަދާކުރަމުން އަންނަ ގައުމީ ހިދުމަތުގެ މަތީގައި ދެމިތިބެން ރައީސް ގޮވާލެއްވި އެވެ.











