ހިމާޔަތް ކޮށްފައިވާ ކ. ރަސްފަރު ފަރަށް އެރި ޕެނެމާގެ އެމް. ވީ ނަވިއޯސް އަމާރީލިސް (ބަލްކު ކެރިއާ) ފުން ކުރުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކާއެކު ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ ބޯޓް ފަރަށް އެރީ އިންޑިޔާގެ ޓުޓުކޮރިން ބަނދަރުން ފުރައިގެން އެފްރިކާ ބައްރަށް ދަތުރުކުރުމަށްޓަކައި އިނޮސެންޓް ޕެސޭޖުގެ ގޮތުގައި ރާއްޖޭގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަމުން ދަނިކޮށެވެ. މި ބޯޓުގައި އެއްވެސް ކާގޯއެއް ނެތެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އެ ބޯޓް ފަރަށް އެެރީ ކާށިދޫ ކަނޑުގެ ދެކުނުން އިންޖީނު ފެއިލްވުމުގެ ސަބަބުން ޑްރިފްޓްވެގެން ކަމަށެވެ.
އެ ބޯޓް ފުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑާއި، އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އާއި، ކަސްޓަމްސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި އިމިގްރޭޝަން އާއި ޕޯޓް ހެލްތާއި އަދި މި އުޅަނދުގެ ލޯކަލް އެޖެންޓު ގުޅިގެންނެވެ.

އީޕީއޭން ބުނާ ގޮތުގައި ބޯޓް ފުން ކުރެވުނުހާ އަވަހަކަށް ފަރަން ލިބިފައި ހުރި ގެއްލުންތައް ބަލައި ފިޔަވަޅު އަޅާނެ އެވެ.
އޮތޯރިޓީން ބުނީ މިހާތަނަށް ބެލިބެލުމުން މި އުޅަނދުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާ ކަމަށެވެ. އަދި މި ބޯޓުގައި ބޯޓު ދުއްވުމަށް ބޭނުންކުރުމަށް ހުރި 1200 ޓަނުގެ ލޯސަލްފާ އައިއެފްއޯ އަދި 80 ޓަނުގެ ލޯސަލްފާ މެރިންގް ގޭސް އޮއިލް އެބަހުރި ކަމަށް ބުންޏެވެ.
މި އާގުބޯޓަކީ 58735 ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. ފުޅާމިނުގައި 32.26 މީޓަރު އަދި ދިގުމިނުގައި 189.99 މީޓަރު ހުރެ އެވެ.











