މެޑްރިޑް (އޮގަސްޓް 18) - ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ކަމަށް ސްޕެއިނުގެ މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެން ރޮނާލްޑޯ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއާ ގުޅުނީ 2018 ވަނަ އަހަރު އެވެ. ޔުވެންޓަސް އިން ރޮނާލްޑޯގެ ސޮއި ހޯދީ ރެއާލް މެޑްރިޑަށް 100 މިިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އެއް ދެއްކުމަށް ފަހު އެވެ. މިދިޔަ ހަފްތާ އިން ފެށިގެން ރޮނާލްޑޯގެ މުސްތަގުބަލާ ގުޅުވައިގެން އެކި ގައުުމުތަކުގެ ނޫސްތަކުގައި އަންނަނީ ތަފާތު ވާހަކަތައް ލިޔަމުންނެވެ. އެންމެ ބޮޑަށް ދެކެވުނީ އަލުން ރެއާލަށް ދާން އުޅޭ ވާހަަކަތަކެވެ.
ރޮނާލްޑޯ ރޭ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އޭނާ އަކީ އަބަދުވެސް ވަރަށް ބޮޑަށް ކެރިއަރަށް ފޯކަސްކޮށްގެން މަސައްކަތްކުރާ މީހެއް ކަމަށާއި އަބަދުވެސް އިހުތިޔާރުކުރަނީ މަދުން ވާހަކަ ދެއްކުމަށް ފަހު އަމަލުން ކަންކަން ދެއްކުމަށް ކަމަށެވެ. އެކަމަކު، އޭނާގެ އެ ވިސްނުމަށް މީޑިއާ އިން އިހުތިރާމެއް ނުކުރި ކަމަށް ރޮނާލްޑޯ ބުނެފައިވެ އެވެ. އަދި އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ހިތުހުރިހާ ގޮތަކަށް މީޑިއާތަކުގައި ލިޔާތީ ރޮނާލްޑޯ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރެެއާލާއި ރޮނާލްޑޯއާ ގުޅުވައިގެން ދައްކާ ވާހަކަތަކާ ބެހޭގޮތުން ރޮނާލްޑޯ ބުނީ އެ ކްލަބްގައި އޭނާ ކުރި މަސައްކަތް ވަރަށް ރަނގަޅަށް ފެންނަން ހުންނާނެ ކަމަށެވެ.
"ރެއާލާ އެކު އަހަރެންގެ ވާހަކަ އެ ހުރީ ލިޔެވިފައި. ރެކޯޑް ވެސް ކުރެވިފައި. ނަމްބަރުންނާއި ލަފުޒުތަކުންނާއި ތަަށިތަކުން. އެ ކަންކަން އެ ހުރީ ރެއާލް ދަނޑު ސަންޓިއާގޯ ބާނަބެއުގައި ހުރި މިއުޒިއަމް އާއި ރެއާލްގެ ސަޕޯޓަރުންގެ ސިކުނޑީގައި. ރެއާލްގައި ހޭދަކުރި އެ ނުވަ އަހަރުގެ ހަނދާންތައް ވަރަށް އިހުތިރާމާ އެކު އަހަރެން އަބަދު ވެސް ރައްކާކުރާނަން،" ރޮނާލްޑޯ ބުންޏެވެ.

ރެއާލްގައި ކުރީގެ މެޗެއްގެ ތެރެއިން ރޮނާލްޑޯ (ކ) އާއި އަންޗެލޮޓީ.
ފާއިތުވި ދުވަސްތަކުގައި ސްޕެއިންގެ ނޫސްތަކާއި ޔޫރަޕްގެ އެކި މީޑިއާތަކުން ވަނީ ރޮނާލްޑޯ އެކި ގައުމުތަކުގެ އެކި ލީގުތަކަށް ބަދަލުވާން އުޅޭ ކަމަށް ވަނީ ހަބަރުފަތުރައިފަ އެވެ. ރޮނާލްޑޯ ބުނީ އެ ހުރިހާ ކަމެއް ދިޔައިރު ވެސް އޭނާ އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެއްވެސް މީހަކު ހަގީގަތް އޮޅުންފިލުވަން ބޭނުންނުވުން ކަމަށެވެ.
"އަހަރެން ދެން މަޑުން ހުންނަން ބޭނުމެއް ނުވީ. އެއީ އަހަރެން ބޭނުމެއް ނޫން ކޮންމެ މީހެއް ވެސް އަހަރެންގެ ނަން ބޭނުންކޮށްގެން ބޭނުންވާ ހުރިހާ ކަމެއް ކުރަން ފުރުސަތު ދޭން. އަހަރެން މި ހުރީ ކެރިއަރުގައި ކުރިމަތިލާންޖެހޭ ކޮންމެ ކަމަކަށް ވަރަށް ކެރިގެން ސާބިތުކަންމަަތީ ކުރިމަތިލާން ތައްޔާރަށް،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ އާއި ރެއާލާ ގުޅުވައިގެން ދައްކާ ވާހަކަތަކާ ބެހޭގޮތުން ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވެސް ވަނީ މީޑިއާގައި ބަޔާނެއް އާންމުކޮށްފަ އެވެ. އަންޗެލޮޓީ ބުނީ ރޮނާލްޑޯ އަށް އަބަދުވެސް އިހުތިރާމް ކުރާނެ ކަމަށާއި އެކަަމަކު މި ވަގުތު ރޮނާލްޑޯ ގެންނަން ރެއާލުން މަސައްކަތް ނުކުރާ ކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި ރޮނާލްޑޯއާ ގުޅުވައިގެން އެހެން ދެ ކްލަބެއްގެ ވާހަަކަތަކެއް ވެސް މީޑިއާގައި ދެކެވުނެވެ. އެއީ ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ ތެެރެއިން ކްލަބަކުން ރޮނާލްޑޯ ފެނުމުގެ ފުރުސަތެއް އެބައޮތް ކަމަށް ބުނެ އެވެ.
މީޑިއާގައި އާންމުވި ވާހަކަތަކަށް ބަލާއިރު ޕީއެސްޖީން ކިލިއަން އެމްބާޕޭ ދޫކޮށްލަން ޖެހިއްޖެނަމަ ރޮނާލްޑޯ ގެންނާނެ ކަމަށެވެ. އަދި ސިޓީ އަށް ޓޮޓެންހަމްގެ ހެރީ ކޭންގެ ސޮއި ހޯދުމުގެ ރޭހުގައި އަލިމަގެއް ނުފެނިއްޖެނަމަ ރޮނާލްޑޯ ގެނެވޭތޯ މަސައްކަތްކުރަން އުޅޭ ކަމަށް ވެސް މީޑިއާ އިން ރިޕޯޓްކުރި އެވެ. މި ވާހަކަތައް އެންމެ ބޮޑަށް ފަތުރަމުން އަންނަނީ އިނގިރޭސި މީޑިއާތަކުގަ އެވެ.
އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޔުވެންޓަސްގެ ކޮންޓްރެކްޓްގައި ހުރި ރޮނާލްޑޯ މި ފަހަރުގެ އިޓާލިއަން ލީގުގައި ޔުވެންޓަސް ޖޯޒީގައި ކުޅޭނެ ކަމަށް އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ މީގެ ކުރިން ވަނީ ބުނެފަ އެވެ.












