ޔާމީން ރަޝީދު މަރު: އިސްމާއިލް ރަޝީދުގެ ގޮޅިން ނެރުނު ތަކެތި ދޭން އަންގައިފި

އިސްމާއިލް ރަޝީދު: އޭނާ ބަންދަށް ލުޔެއް ނުދިން އެކަމަކު ކަރެކްޝަން ސާވިސްގެ މައްޗަށް ވަނީ އަމުރެއް ނެރެފައި - ފޮޓޯ: އަވަސް

އިސްމާއިލް ރަޝީދު: އޭނާ ބަންދަށް ލުޔެއް ނުދިން އެކަމަކު ކަރެކްޝަން ސާވިސްގެ މައްޗަށް ވަނީ އަމުރެއް ނެރެފައި - ފޮޓޯ: އަވަސް

ބްލޮގާ ޔާމީން ރަޝީދު މަރާލި ކަމުގެ ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ބަންދަށް ލުޔެއް ދޭން އެދުނު ނަމަވެސް، އެކަން މި ވަގުތަށް ކުރެވެން ނެތް ކަމަށް ކުރިމިނަލް ކޯޓުން ނިންމައިފި އެވެ. ނަމަވެސް، ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ގޮޅިން ނެރުނު ތަކެތި އަނބުރާ ހަވާލުކުރުމަށް ކަރެކްޝަނަލް ސާވިސްގެ މައްޗަށް މިއަދު އަމުރުކޮށްފަ އެވެ.

ދިރިއުޅޭ ގޭގެ ލިފްޓް ކައިރީ ޔާމީން ރަޝީދަށް ގިނަ ހަމަލާތަކެއް ދިނުމަށްފަހު މަރާލި މައްސަލާގައި ޖުމްލަ އަށް މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ކުރެ އެވެ. އޭގެ ތެރެއިން އެކަކަކީ މ. ތާއިފް، އިސްމާއީލް ރަޝީދެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުރި އިސްމާއިލް ރަޝީދު، ބަންދުން ދޫކޮށްލުމަށް ނުވަތަ ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފައިވަނީ މީގެ މަސްތަކެއް ކުރިންނެވެ. އެގޮތަށް އެދުނީ ތިން ކަމެއް ފާހަގަކޮށްފަ އެވެ. އެއީ، އެކަށީގެންވާ ބޭސްފަރުވާ ނުލިބުމާއި ޑޮކްޓަރުން ލަފާ ދީފައިވާ ގޮތަށް ކާބޯތަކެތި ނުލިބުމާއި އޭނާގެ ގޮޅިން ގެންދިޔަ އަންނައުނުތަކާއި ލިޔެކިޔުންތައް އަނބުރާ ދީފައިނުވާތީ އެވެ.

"އަނިޔާކުރި، ބޭސްފަރުވާއެއް ނުލިބޭ"

އިސްމާއިލް ރަޝީދު ވަނީ އޭނާގެ ސިއްހީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފަ އެވެ. އެގޮތުން، ހަމުގެ ބައްޔެއް ތަހައްމަލު ކުރަމުންދާ ކަމާއި ކަންފަތާއި ލޯ އަދި އަތުގައި ވެސް މައްސަލަތަކެއް ހުރި ކަމަށް އޭނާ ބުނެ އެވެ. ލޮލުގެ ސާޖަރީއެއް ވެސް ވަނީ ހަދާފަ އެވެ. އަދި ހަމުގެ މައްސަލައަށް ޑޮކްޓަރުން ވަނީ ބޭސް ދީފަ އެވެ. ހާއްސަ ޑައިޓް މެނޫއެއް ވެސް ޑޮކްޓަރުން އޭނާއަށް ދީފައިވެ އެވެ.

ނަމަވެސް، އިސްމާއިލް ރަޝީދު ބުނާ ގޮތުގައި ލޮލުގެ ސާޖަރީއަށްފަހު ގަވައިދުން ހެނދުނުގެ ބޭސް ދީފައެއް ނުވެ އެވެ. އަދި ގައިގާ އުނގުޅަން ދިން ބޭސް، އުނގުޅޭނެ ގޮތެއް ވެސް ނެތެވެ. އޭނާއަކީ ގޮޅީގައި އެކަނި އޮންނަ މީހެއް ކަމުން ބުރަކަށީގައި ބޭސް އުނގުޅާނެ ގޮތެއް ނެތް ކަމަށް ބުނެފައިވެ އެވެ.

އިސްމާއިލް ރަޝީދު ވަނީ ކަރެކްޝަންގެ އޮފިސަރުން އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. އެގޮތުން ގޮޅިން ނެރެ ބޮލާއި ދަށް ފައިގާ ތަޅާފައިވާ ކަމަށް ބުނެފަ އެވެ. އެކަމާ ގުޅިގެން ޑޮކްޓަރަށް ދެއްކުމުން އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ޑޮކްޓަރުން ވެސް ބުނެފައިވާ ކަމަށް ބުންޏެވެ. އޭނާ ބުނާ ގޮތުންނަމަ، އަނިޔާކުރިކަން ޖަލުގެ ސީސީޓީވީ ފްޓޭޖްތަކުން ވެސް އެނގޭނެ އެވެ. އެ ވީޑިއޯތައް ބެލުމަށް ވެސް ކޯޓުގައި އެދިފައިވެ އެވެ.

އޭނާގެ ގޮޅީގައި ހުރި އަންނައުނުތަކާއި ޝަރީއަތާ ގުޅޭ ލިޔުންތައް އަދި ކޯޓުގައި ނޯޓްކޮށްފައިވާ ނޯޓްސްތައް ޑަސްބިން ކޮތަޅަކަށް އަޅައިގެން ގެންދިޔުމަށްފަހު، މިއަދާ ހަމައަށް ވެސް އެ ތަކެތި އަނބުރާ ފޯރުކޮށްދީފައިނުވާ ކަމުގެ ޝަކުވާ ވެސް އިސްމާއިލް ރަޝީދު ވަނީ ކޮށްފަ އެވެ.

މައްސަލާގައި ދައުވާކޮށްފައިވާ އިސްމާއިލް ރަޝީދާއި އިތުރު ދެ މީހަކު
މައްސަލާގައި ދައުވާކޮށްފައިވާ އިސްމާއިލް ރަޝީދާއި އިތުރު ދެ މީހަކު

މައްސަލާގައި ދައުވާކޮށްފައިވާ އިސްމާއިލް ރަޝީދާއި އިތުރު ދެ މީހަކު

ބަންދަށް ލުޔެއް ނުދިން، ކަރެކްޝަންގެ މައްޗަށް އެންގުމެއް

އިސްމާއިލް ރަޝީދުގެ ޝަކުވާތަކާ ގުޅިގެން މައްސަލަ މިހާރު ބައްލަވާ ގާޒީ އާދަމް މުހައްމަދު ވަނީ ގޮތެއް ނިންމަވާފަ އެވެ. ގާޒީ ވިދާޅުވި ގޮތުގައި، ޖަލުގައި އެކަށީގެންވާ ބޭސްފަރުވާ ލަސްވުމެއް ނެތި ލިބެން ޖެހެ އެވެ. ނަމަވެސް، އެކަށީގެންވާ ބޭސްފަރުވާ ނުލިބުމަކީ އޭގެ ޒާތުގައި ބަންދުގައި ހުންނަ މީހަކު ބަންދުން ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށް ހައިކޯޓުން މީގެކުރިން ކަނޑައަޅާފައިވާ ކަމަށެވެ.

އިސްމާއިލް ރަޝީދު ފާހަގަކުރި ކަންކަމަށް ބަލާއިރު އޭނާއަށް ފަރުވާ ދިނުމުގައި ލަސްވެފައިވާކަން އެނގޭ ކަމަށާއި ނަމަވެސް، އޭގެ ސަބަބުން އޭނާގެ ހާލަތު އިތުރަށް ގޯސްވެފައިވާކަން ސާބިތުކޮށް ދެވިފައިނުވާކަން ގާޒީ ފާހަގަ ކުރެއްވި އެވެ. ގާޒީ ވިދާޅުވި ގޮތުގައި އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމުގެ ޝަކުވާ އޮންނަ ހާލަތުގައި މީހަކު ބަންދުން ދޫކުރެވޭނީ ފުރާނައަށް ނުރައްކަލެއް އޮންނަ ހާލަތްތަކުގައިކަން ވެސް ގާޒީ ފާޙަގަ ކުރެއްވި އެވެ. މި މައްސަލާގައި އިސްމާއިލް ރަޝީދަށް އެފަދަ ހާލަތެއް ނެތެވެ.

އެހެންވެ، ގާޒީ އެންގެވީ އެކަށީގެންވާ ބޭސްފަރުވާ ލަސްވުމެއް ނެތި ފޯރުކޮށްދިނުމަށެވެ. އަދި ޑޮކްޓަރުން ވަކި ގޮތަކަށް ކެއުން ބަހައްޓަން އަންގާފައިވާނަމަ، އެގޮތަށް ކެއުމުގެ ކަންކަން ހަމަޖެއްސުމަށް ވެސް ގާޒީ އެންގެވި އެވެ. ދެން ގާޒީ ކަރެކްޝަނަލް ސާވިސްގެ މައްޗަށް ނެރުނީ 30 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އަމުރެކެވެ.

އެ އަމުރަކީ އިސްމާއިލް ރަޝީދުގެ ގޮޅިން ނެރުނު ހުރިހާ ސާމާނެއް އޭނާއަށް އަނބުރާ ރައްދުކުރުމަށެވެ. މުއްދަތުގެ ތެރޭ އެގޮތަށް ކަރެކްޝަނަލް ސާވިސްއިން އަމަލު ނުކޮށްފިނަމަ، އެޗްއާރްސީއެމްއަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ވެސް ގާޒީ ދެއްވި އެވެ. އަދި، އޭނާގެ ބަންދު 30 ދުވަހަށްފަހު ރިވިއު ކުރާއިރު އެކަމަށް ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގާޒީ އާދަމް ވަނީ އިސްމާއިލް ރަޝީދު އެދުނު ގޮތަށް ވީޑިއޯތައް ބެލުމުގެ ފުރުސަތު ވެސް ގާޒީ ދެއްވި އެވެ. އެގޮތުން އަޑުއެހުން ނިންމާލުމަށްފަހު ދައުލަތުގެ ވަކީލާއެކު ވީޑިއޯތައް ބެލުމުގެ އިންތިޒާމް ކޯޓުން ހަމަޖެއްސި އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ އެންމެން ކޯޓަށް ހާޒިރުކޮށްގެންނެވެ. ކޮވިޑާ ގުޅިގެން މިހާރު ގިނަ މައްސަލަަތައް އޮންލައިންކޮށް ކުރިއަށް ދިޔަ ނަމަވެސް، މި މައްސަލަ އެގޮތަށް ކުރިއަށް ނުގެންދަނީ އިސްމާއިލް ރަޝީދުގެ ފަރާތުން ހުރިހާ އަޑުއެހުމެއް ވެސް ކޯޓަށް ހާޒިރުވެގެން ކުރިއަށް ގެންގޮސްދޭން އެދިފައިވާތީ އެވެ.

އެކަމާ ގުޅިގެން އަޑުއެހުންތައް ކުރިއަށް ނުގެންދެވި ލަސްވިކަން ގާޒީ ފާހަގަ ކުރެއްވި އެވެ. އެއީ، ޖަލުގެ ކޮވިޑް ހާލަތާ ގުޅިގެން މީހުން ކޯޓުތަކަށް ހާޒިރުކުރުން ހުއްޓާލާފައި އޮތުމުންނެވެ. މައްސަލާގައި އެންމެ ފަހުގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭ އެވެ. އެ އަޑުއެހުމުގައި ޔާމީން ރަޝީދަށް ހަމަލާދޭ ވީޑިއޯ ދެއްކި އެވެ.

އޭގެ ހަތް މަސް ފަހުން ބޭއްވި މިއަދުގެ އަޑުއެހުމަށް އިސްމާއިލް ރަޝީދު އޭނާގެ ވަކީލް މައުމޫން ހަމީދާއެކު ހާޒިރުވެ އިންއިރު، އަޑުއެހުމަށް އޭނާގެ ބައްޕަ ވެސް ވަދެ އިނެވެ. އަދި، ޔާމީންގެ ރަޝީދުގެ ދައްތަ އާއި ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ދައްތަ ވެސް އަޑުއެހުމަށް ވަނެވެ.

މަރާލާފައިވާ ޔާމީން ރަޝީދު: ނޮވެމްބަރަށް ޝަރީއަތް ނިންމަން ވަނީ އަމާޒު ހިފާފައި
މަރާލާފައިވާ ޔާމީން ރަޝީދު: ނޮވެމްބަރަށް ޝަރީއަތް ނިންމަން ވަނީ އަމާޒު ހިފާފައި

މަރާލާފައިވާ ޔާމީން ރަޝީދު: ނޮވެމްބަރަށް ޝަރީއަތް ނިންމަން ވަނީ އަމާޒު ހިފާފައި

އާ ޝެޑިއުލެއް، ނޮވެމްބަރަށް މައްސަލަ ނިންމަނީ

އިސްމާއިލް ރަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށްފަހު ދެން ދައުވާ ލިބޭ ހަތް މީހުންނާއެކު ޝަރީއަތުގެ މަޖިލީހެއް ކުރިއަށް ގެންދިޔަ އެވެ.

އެ ހަތް މީހުންނަކީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލެވެ.

އަޑުއެހުމުގައި ގާޒީ އާދަމް މައްސަލަ ދެން ކުރިއަށް ގެންދާނެ ޝެޑިއުލެއް ކަނޑައަޅުއްވާފަ އެވެ. އެގޮތުން ތިން އަޑުއެހުމެއް ތާވަލުކުރި އެވެ. އެއީ އަންނަ މަހުގެ 16 ވަނަ ދުވަހަށް ދިފާއުގައި ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ތާވަލުކުރި އަޑުއެހުމާއި އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ވާރިސުންގެ ބަސް ނެގުމަށް ތާވަލުކުރި އަޑުއެހުމެވެ. އަދި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހަށް ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުން ތާވަލުކުރި އެވެ. އެއަށްފަހު އޮންނާނީ ހުކުމް އިއްވުމެވެ.

މީގެކުރިން ގާޒީ އަލީ ރަޝީދު މައްސަލަ ބެއްލެވިއިރު ވެސް ޝެޑިއުލެއް އެކުލަވާލެއްވި އެވެ. ނަމަވެސް، އެ ޝެޑިއުލްއާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވުނެވެ. އޭރު ގާޒީ އަލީ ރަޝީދު ވިދާޅުވެފައިވާ ގޮތުގައި ޝެޑިއުލްއާ އެއްގޮތަށް މައްސަލަ ކުރިއަށް ނުދިޔައީ، އެކި ސަބަބުތަކާ ހުރެ ވަކީލުން ކޯޓަށް ހާޒިރު ނުވާތީ، އަޑުއެހުންތައް ކެންސަލް ކުރަން ޖެހުމުންނެވެ. މި މައްސަލައަކީ ދިފާއީ ގިނަ ވަކީލުންތަކެއް ތަމްސީލު ކުރާ މައްސަލައެކެވެ.

ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ ގުޅިގެން ޔާމީން ރަޝީދުގެ މަރުގެ ޝަރީއަތާ ކުރިން ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ގާޒީ އާދަމް މުހައްމަދު ހަވާލުވެވަޑައިގެންނެވީ އެވެ.

މިއަދުގެ އަޑުއެހުމަށް ވެސް މައްސަލާގެ ވަކީލެއްގެ ގޮތުގައި ހިމެނޭ އަބްދުﷲ ހަސީން ހާޒިރެއް ނުވެ އެވެ. ގާޒީ އާދަމް ވިދާޅުވި ގޮތުގައި، ވަކީލް ހަސީނަށް އެތައް ފަހަރަކު ކޯޓުން ގުޅުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ. އަދި ޗިޓާ ހަވާލުވުމަށްފަހު ހާޒިރު ނުވާ ސަބަބެއް ވެސް އަންގާފައިނުވާ ކަމަށެވެ. މަގުބޫލް އުޒުރެއް އެންގުމަކާ ނުލައި ކޯޓަށް ވަކީލުން ހާޒިރު ނުވިޔަސް އަޑުއެހުންތައް ކުރިއަށް ގެންދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެފަދަ މައްސަލަ ބާ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

"ދަ ޑެއިލީ ޕެނިކް" އާއި "ސްލިކާ ދޭން ޔުއާ އެވަރެޖް"ގައި މަޒުމޫނުތައް ޝާއިއުކުރަމުންދިޔަ ޔާމީން ރަޝީދު، މަރާލާފައިވަނީ 23 އޭޕްރީލް 2017 ވަނަ އާދީއްތަ ދުވަހުގެ މެންދަމުން އަލިވުމުގެ ކުރީގެ ވަގުތެއްގަ އެވެ. މައްސަލާގައި ދައުވާކޮށް ޝަރީއަތް ފެށިތާ ވެސް ހަތަރު އަހަރުވެފައިވާއިރު އިންސާފު ލަސްވާތީ އާއިލާއިން ކަންބޮޑުވެ އެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި، އޭނާއަށް ބަޔަކު ފޮނުވި މަރުގެ އިންޒާރުތަކަށް ސަމާލުކަން ދީފައިނުވުމުން ޔާމީން ރައްކާތެރިކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިހުމާލުވެފައިވާކަމަށް ތުހުމަތުކޮށް 3 މެއި 2017 ގައި ސިވިލް ކޯޓަށް މައްސަލައެއް ހުށައެޅި އެވެ. އެއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މައްސަލަ ބެލުމުގެ އިހްތިސާސް ކޯޓަށް ނެތްކަމަށް ނިންމަވާ، ފަނޑިޔާރު އަބްދުލްނާސިރު ޝަފީގު މައްސަލަ ބާތިލުކުރެއްވި އެވެ. އެއަށްފަހުގައި 2 އޮކްޓޫބަރު 2017 ގައި އާއިލާއިން ހައިކޯޓަށް ހުށައެޅި މައްސަލާގެ ޝަރީއަތް ވެސް ނުހިނގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox