ރާއްޖޭގައި ވަޒީފާ އަދާކުރާ އެއް ލައްކަ މީހުންގެ އެވަރެޖް މުސާރައަކީ 7،386ރ. ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ހުސްވި އަހަރު ލައިގަތް ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ސަރުކާރު މުވައްޒަފުންގެ މުސާރައިން ބަޔެއް އުނި ނުކުރި ނަމަވެސް ޕްރައިވެޓް ގިނަ ކުންފުނިތަކުން މުސާރަތައް ކުޑަކުރި އެވެ. އަދި ބައެއް ކުންފުނިތަކުން އެއްކޮށް މުސާރަ ދިނުން ހުއްޓާލި އެވެ.
މިއަދު އިކޮނޮމިކް މިނިސްޓްރީން އާންމުކުރި ފުރަތަމަ ކުއާޓާގެ ލޭބާ ރިޕޯޓުގައި ބުނި ގޮތުގައި، އިގުތިސޯދީ ހާލަތަށް އައި ބަދަލާ އެކު މިހާރު އެވަރެޖް މުސާރަ އުފުލިއްޖެ އެވެ. އެގޮތުން ހުސްވި އަހަރުގެ ފުރަތަމަ ކުއާޓާގައި އެވަރެޖްކޮށް މުސާރައަށް 7،362ރ. ލިބުނު އިރު، މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު މުސާރަތައް ވަނީ ދެ ޕަސެންޓު އުފުލިފަ އެވެ.
އެވަރެޖް މުސާރަތައް 7،000ރ. އަށް އުފުލުނު ނަމަވެސް، އަދިވެސް އެންމެ ގިނަ ބަޔެއްގެ މުސާރަ ހުރީ 3،000ރ. އާއި 5،500ރ. ދެމެދުގަ އެވެ. މި އަދަދަށް މުސާރަ ލިބޭ މީހުންގެ އަދަދު އުޅެނީ 40،000 އިން މަތީގަ އެވެ. ދެވަނައަށް އެންމެ ގިނަ ބަޔަކަށް މުސާރަ ލިބޭ މިންގަނޑަކީ 5،500ރ. – 8،000ރ. އާ ދެމެދުގަ އެވެ. އެންމެ މަދީ 20،500ރ. – 25،500ރ. ދޭތެރަގެ މުސާރާ ލިބޭ މީހުންނެވެ.
ލޭބާ ރިޕޯޓުގައި ބުނި ގޮތުގައި މުސާރަތައް އުފުލުމުން ދޭހަވަނީ، ޕްރައިވެޓް ސެކްޓާގެ މުސާރަތައް އަލުން އިޔާދަވަމުން ދާކަމެވެ. ހާއްސަކޮށް ޕްރައިވެޓް ސެކްޓާގެ އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރާ ޓޫރިޒަމް ސެކްޓާގެ މުސާރަތައް ކޮވިޑު ކުރިޔާ އެއްވަރަށް އުފުލިއްޖެ ކަމަށް ފާހަގަކުރި އެވެ.
އެކަމަކު މުސާރައަށް އައި ބަދަލުތަކުގެ އަސަރު އިގުތިސޯދީ އެކި ދާއިރާތަކަށް ކުރީ އެކި ވަރަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި ވަކިވަކި ދާއިރާތަކަށް ކުރި އަސަރު ދެނެގަންނަން އެ ދާއިރާތަކުން ތަފްސީލީ ދިރާސާއެއް ހަދަން ޖެހޭ ކަމަށް ބުންޏެވެ.











