ހުޅުމާލޭ ޓޭބަލް ޓެނިސް (ޓީޓީ) ހޯލުގައި މިއަދު މެންދުރު ފަހު ގްރީސްގެ ޓޭބަލް ޓެނިސް ތަރި ޕެނަޖިއޯޓިސް ޖިއޯނިސް ދިވެހި ކުޅުންތެރިންނާ އެކު ބޭއްވި އިވެންޓުގައި ހޭދަވީ ދޮޅު ގަޑިއިރެއްހާއިރެވެ. އެ ވަގުތަކީ ހަގީގަތުގައި އެ ތަނުގައި ތިބި ޓީޓީ ގައުމީ ޓީމަށް ނިސްބަތްވާ އަދި އެ ކުޅިވަރުން ކެރިއަރެއް ބައްޓަން ކުރަން ބޭނުންވާ ކުދިންނަށް މުހިއްމު ވަގުތަކަށް ހެދިދާނެ އެވެ. އެ ކުދިންނަށް އުމުރުން 41 އަހަރު ޕެނަޖިއޯޓިސް ވަނީ މުހިއްމު މެސެޖުތަކެއް ދީފަ އެވެ. ކެރިއަރުގައި ކުރިއަށްދާން އޭގެ ބޭނުން ހިފޭނެ އެވެ.
މި އިވެންޓްގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތަމޫހު އަހުމަދު ސައީދު (ތަމޫ) އާއި ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ބައިވެރިވެވަޑައިގެންނެވި އެވެ.
ގައުމީ ޓީމުގެ ކޯޗަކަށް މިދިޔަ މާޗް މަހު ހަމަޖެއްސި ގްރީސްގެ ފެންވަރު ރަނގަޅު ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސްގެ ހާޒިރުގައި ދިވެހި ކުޅުންތެރިންނާ މުހާތަބުކޮށް ޕެނަޖިއޯޓިސް ވާހަކަ ދެއްކި އެވެ. އެ ވަގުތު ދިވެހި ކުޅުންތެރިން ގާތުގައި ޕެނަޖިއޯޓިސް ބުނީ ކުޅިވަރެއްގައި ކުރިއަށްދިއުމުގެ މައިގަނޑު މަސައްކަތަކީ "ފޯކަސް ގެއްލުވާނުލައި އަމިއްލަ ނަފްސަށް ކުރާ އިތުބާރާ އެއް ވަރަށް ޕްރެކްޓިސް ކުރުން" ކަމަށެވެ.

ހުޅުމާލޭ ޓީޓީ ހޯލްގައި މިއަދު ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ކޮންމެ ކުޅުންތެރިއަކާ ދެކޮޅަށް ޕްރެކްޓިސް ކޮށްލަން ޕެނަޖިއޯޓިސް ވަނީ ކުޅެފަ އެވެ. ހަމައެކަނި ކުޅުންތެރިންނާ ދެކޮޅަކަށް އެކަންޏެއް ނޫނެވެ. ޓީޓީ އެސޯސިއޭޝަނުގެ ނައިބު ރައީސް އަދި ކުރީގެ ކުޅުންތެރިޔާ އިބްރާހިމް ޝިއުރީއާ ދެކޮޅަށް ވެސް ޕެނަޖިއޯޓިސް ވަނީ ކުޅެފަ އެވެ.
އިވެންޓަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުގައި ޕެނަޖިއޯޓިސް ބުނީ ރާއްޖެ ޓީޓީގައި އޮތް ލެވަލެއް ސީދާ ބުނަން ނޭނގޭ ކަމަށާއި އެކަމަކު މިއަދު ރާއްޖޭގެ ކުޅުންތެރިންނާ އެކު ހޭދަކުރި ވަގުތުތަކުގައި ފެނުނު މަންޒަރަށް ބަލައި އެއްޗެއް ބުނާކަމަށް ވާނަމަ ކޯޗު ކޮންސްޓަންޓީނޯސްގެ މަސައްކަތުގެ ކުރިއެރުން ފެންނަ ކަމަށެވެ.
"ރަނގަޅު ކޯޗަކާ އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަމާ އެކު ފޯކަސް ކޮށްގެން ޕްރެކްޓިސް ކުރާނަމަ ކުރިއަރާނެ. ކުޅިވަރުން ކުރިއަށް ދިއުމަކީ ހަަމައެކަނި ހުނަރު ހުރެގެން ވާކަމެއް ނޫން. ޖެހޭނެ ވަރަށް ގިނަ ވަގުތު ރަނގަޅަށް މަސައްކަތް ކޮށްގެން ޕްރެކްޓިސް ކުރަން،" ފަސް އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ޕެނަޖިއޯޓިސް ބުންޏެވެ.
"ފުރަތަމަ ޝައުގުވެރިކަމާ އެކު ވަރަށް ގަޔާވެގެން ޕްރެކްޓިސް ކުރަންވީ. ކާމިޔާބީ ލިބޭނީ ފިޔަވަޅަކަށް ފަހު. ކުޅިވަރުން ކުރިއަށްދާއިރު ރަނގަޅުވާނީ އެ ވިސްނުން،"

ޕެނަޖިއޯޓިސް މީޑިއާ އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ގްރީސްގައި ޓީޓީ ޕްރޮފެޝަނަލްކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކޯޗު ކޮންސްޓަންޓީނޯސް ރާއްޖޭގައި މި ވަގުތު ހުރުމަކީ ރާއްޖޭގައި ޓީޓީ ތަަރައްގީ ކުރަން ކުރާ މަސައްކަތަށް އެޅޭ ރަނގަޅު ބިންގަލެއް ކަމަށް ޕެނަޖިއޯޓިސް ވަނީ ބުނެފަ އެވެ.
ކުޅެން ފަށަން އެންމެ ރަނގަޅީ އުމުރުން 6 އަހަރުގައި
ގްރީސްގެ އެތަންސް އަށް އުފަން ޕެނަޖިއޯޓިސް ޓީޓީ ކުޅެން ފެށީ އުމުރުން ނުވަ އަހަރުގަ އެވެ. އޭނާ އަށް ޅަ އުމުރުގައި ޓީޓީން ކުރިއަށްދާން މަގުފަހިކޮށްދިނުމުގެ އެހީތެރިއަކީ އޭރު ގްރީސްގައި މަސައްކަތް ކުރަމުން އައި ރުމޭނިއާގެ ކޯޗެކެވެ. ކެރިއަރުގައި ކުރިއަށްދާން ބަލާއިރު އަބަދުވެސް ރަނގަޅު ހިޔާލުދޭނެ އެހީތެރިން ބޭނުންވާނެ ކަމަށް ޕެނަޖިއޯޓިސް ވަނީ ބުނެފަ އެވެ.
"އުމުރުން 16 ނޫނީ 17 އަހަރުގައި އަހަރެން ކުޅުން ހުއްޓާލަން ވެސް ހިތަށް އެރި. އެކަަމަކު ރަނގަޅު ގޮތް ބުނެދޭނެ މީހުން ތިބީމަ ކުރިއަށް ދެވުނީ. އަހަރެން ދޭނެ ނަސޭހަތަކީ ފޯކަސް ކޮށްގެން އަމިއްލަ ނަފްސަށް އިތުބާރު ކޮށްގެން ކަންކަން ކުރަންވީ،" 2014 އަހަރުގެ ނޮވެމްބަރު މަހު ދުނިޔޭގެ ރޭންކިންގެ 18 ވަނައިގައި އޮތް ޕެނަޖިއޯޓިސް ބުންޏެވެ.
ޕެނަޖިއޯޓިސް ބުނީ އެންމެ މުހިއްމީ އެންމެ އަވަސް ވެގެން އުމުރުން ހަ އަހަރުގައި ޕްރެކްޓިސް ކުރަން ފެށުން ކަމަށެވެ. އަދި 10 އަހަރަށް ވުރެ ލަސްކޮށްލައިގެން ކުޅެން ނުކުމެއްޖެނަމަ ރަނގަޅު ވަގުތުގައި ބޭސިކް ކަންކަން ދަސްނުވެ، ދިގު ކެރިއަރަށް ކޮންމެ ވެސް ވަރަކަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިއަދު ކުރިއަށްދިޔަ އިވެންޓްގެ ތެރެއިން ޕެނަޖިއޯޓިސް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
"ކުޅިވަރުގައި ކަމެއް ހާސިލްކުރެވޭނީ ވަރަށް ގިނަ ދުވަހު ވަރަށް ރަނގަޅަށް ޕްރެކްޓިސް ކޮށްގެން. އަމިއްލަ ނަފްސަށް ކުރާ އިތުބާރު މަތިކުރެވޭނީ ރަނގަޅު ޕްރެކްޓިހަށް ފަހު މުބާރާތްތަކުގައި ވާދަކޮށްގެން. ހުވަފެން ބަލަންޖެހޭނީ މަސައްކަތް ކޮށްގެން އެ ހާސިލްކުރެވޭނެ ކަމުގެ އުއްމީދުގައި،" ޔޫރަޕާއި ދުނިޔޭގެ ފެންވަރުގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައިވާ ޕެނަޖިއޯޓިސް ބުންޏެވެ.
ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއަށް ގެންދަން އެސޯސިއޭޝަނުން ކުރާ މަސައްކަތުގެ އެންމެ ބޮޑު ބައިވެރިއަކަށްވާނީ މަސައްކަތް ކުރާނެ ރަނގަޅު ކުޅުންތެރިން ތިބުން ކަމަށް ޕެނަޖިއޯޓިސް ވަނީ ބުނެފަ އެވެ. އަދި އެކަން ކުރެވޭނީ ކެތްތެރިކަމާ އެކު ހުނަރު ތަރައްގީ ކުރަން ދަންނަ އަދި ޓޭބަލް ޓެނިސް ވެސް ރަނގަޅަށް އެނގޭ ކޯޗަކާ އެކު އެވެ.
ޕެނަޖިއޯޓިސް ބުނީ އެކަން ކުރެވޭނެ ގާބިލުކަން ކޮންސްޓަންޓީނޯސްގެ ކިބައިގައި އެބަހުރި ކަމަށާއި އޭނާގެ މަަސައްކަތުން އެ މަންޒަރުތައް ފެނިފައިވާ ކަމަށެވެ.













