ދުނިޔޭގެ މަޝްހޫރު ޓޭބަލް ޓެނިސް ކުޅުންތެރިޔާ ގްރީސްގެ ޕެނަޖިއޯޓިސް ޖިއޯނިސްގެ އިވެންޓެއް މިއަދު ރާއްޖޭގައި ކުރިއަށްގެންދަން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ނިންމައިފި އެވެ.
ހުޅުމާލޭ ޓީޓީ ހޯލުގައި މިއަދު މެންދުރު ކުރިއަށްގެންދާ އިވެންޓްގައި ދުނިޔޭގައި އުފެދުނު ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ޕެނަޖިއޯޓިސްއާ ބައްދަލުކޮށް ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޓީޓީއޭއެމް އިން މައުލޫމާތު ދެ އެވެ.
ޓީޓީ އެސޯސިއޭޝަނުގެ ނައިބް ރައީސް އިބްރާހިމް ޝިއުރީ، "އަދަދު" އަށް ވިދާޅުވީ ޕެނަޖިއޯޓިސްގެ މި އިވެންޓަކީ އޭނާ ޓޯކިޔޯ އޮލިމްޕިކްސް އަށް ފަހު ޗުއްޓީ ދަތުރެއްގައި ރާއްޖެ އައުމުން ޓީޓީ އެސޯސިއޭޝަނުން ކުރެވުނު މަސައްކަތުގެ ތެރެއިން ހަމަޖެހިގެން ދިޔަ އިވެންޓެއް ކަމަށެވެ.
"ވަރަށް ރަނގަޅު ފުރުސަތެއް މިއީ ޓީޓީ ކުޅުންތެރިންނަށް،" ޝިއުރީ ވިދާޅުވި އެވެ.
ޓީޓީ އެސޯސިއޭޝަނުން ވަނީ މިދިޔަ މާޗް މަހު ގައުމީ ޓީޓީ ޓީމުތަކަށް އިރުޝާދުދޭން ގްރީސްގެ ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް ހަމަޖައްސައިފަ އެވެ.
ޓީޓީ އަކީ ރާއްޖޭގައި އަރަމުން އަންނަ ގިނަ ޒުވާން ކުދިންތަކެއް ކުޅެމުން އަންނަ ކުޅިވަރެކެވެ. ޓީޓީގެ ގައުމީ ޓީމުގެ އިސް ރޯލުތަކުން ވެސް މި ވަގުތު ފެންނަނީ ޒުވާން ކުދިންނެވެ. އެހެންކަމުން ޕެނަޖިއޯޓިސްއާ އެކު މި ކުރިއަށްގެންދާ އިވެންޓުން ޓީޓީން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ އެވެ.
އުމުރުން 41 އަހަރުގެ ޕެނަޖިއޯޓިސް އަކީ ފަސް އޮލިމްޕިކްސްގައި ވާދަކުރުމުގެ އިތުރުން ޔޫރަޕްގެ ޓީޓީ މުބާރާތާއި އެކި ގައުމުތަކުގައި ބާއްވާ އެންމެ މަތީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ ޔޫރަޕްގެ މުބާރާތުގެ ޓީމް އިވެންޓުން 2013 ވަނަ އަހަރު ރިހި މެޑަލް ހޯދައިފަ އެވެ. ހަމަ އެ އަހަރު އޭނާ ވަނީ ސިންގަލްސް ބައިން ލޯ މެޑަލް ވެސް ހާސިލްކޮށްފަ އެވެ.
މި ފަަހަރުގެ ޓޯކިޔޯ އޮލިމްޕިކްސްގެ ތިން ވަނަ ބުރުން ބަލިވި ޕެނަޖިއޯޓިސް އަމާޒުހިފައިގެންހުރީ 2024 ވަނަ އަހަރު ޕެރިހުގައި ހޯސްޓްކުރަން ނިންމާފައިވާ އޮލިމްޕިކްސްގައި ވެސް ވާދަކުރުމަށެެވެ. މީގެ ކުރިން 2015 ވަނަ އަހަރު ދުނިޔޭގެ ރޭންކިންގެ 19 ވަނައިގައި ވެސް އޮތް ޕެނަޖިއޯޓިސް މި ވަގުތު އޮތީ ދުނިޔޭގެ 49 ވަނައިގަ އެވެ.












