ހަމަލާގެ ތަހުގީގު ނުނިމެނީސް ރާއްޖެ ވަޑައިގަންނަވަން ނަޝީދު ޖެހިލުންވޭ

މީގެ ކުރިން ބޭއްވުނު މަޖިލީހުގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

މީގެ ކުރިން ބޭއްވުނު މަޖިލީހުގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގު ނިންމައި، އެ ހަމަލާ ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރިން ރާއްޖެއަށް ވަޑައިގެންނެވުމަށް ޖެހިލުންވާކަމަށް ވިދާޅުވެ، މަޖިލީހުގެ މަސައްކަތްތަކުން ވީއްލައި ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާތައް މިއަދު ފެށިފައިވާއިރު، މަޖިލީހަށް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވީ މެއި6 ގެ ހަމަލާގެ ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން ބުނެފައިވާއިރު، އެ ތަހުގީގު ނިންމައި އެ ހަމަލާ ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރިން އެނބުރި ރާއްޖެއަށް ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާ އާއި ހެޔޮ އެދޭ ފަރާތްތަކުގެ އިތުރުން ހުދު އެމަނިކުފާނު ވެސް ޖެހިލުންވާ ކަމެއް ކަމަށެވެ.

"ވީމާ މި މަޖިލީހުގެ ކިބައިން އަޅުގަނޑު އެދެނީ އަޅުގަނޑުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވައި އަޅުގަނޑު ރާއްޖޭން ބޭރުގައި ދިރިއުޅުމަށް ހިތް ހަލާސް ކުރައްވައި އެ ފުރުސަތު ފަހިކޮށްދެއްވުމަށެވެ،" ނަޝީދު އެދިވަޑައިގެންނެވި އެވެ.

ނަޝީދު އިތުރަށް ރާއްޖޭން ބޭރުގައި ހުންނެވި ނަމަވެސް، އައިޕީޔޫ އާއި ކޮމަންވެލްތުގެ އިތުރުން ކްލައިމެޓް ވަލްނަރަބިލިޓީ ފޯރަމާ ގުޅިގެން ކުރައްވާ މަސައްކަތްތުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ނަޝީދަށް 2019 ވަނަ އަހަރުން ފެށިގެން ފާރަލައި ބޮމެއް ގޮއްވާލައިގެން ދެ ފަހަރަށް ދޭން އުޅުނު ހަމަލާ ނާކާމިޔާބުވުމުން ތިން ވަނަ ހަމަލާ އަމާޒުކުރީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރެ އެވެ.

ސައިކަލެއްގައި ހަރުކޮށްގެން ބޮން ގޮއްވާލީ ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.

އެ ހަމަލާ އިން އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށް އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ.

ފަރުވާ އަށް ޖަރުމަނަށް ވަޑައިގަތުމަށް ފަހު މިވަގުތު ޔޫކޭގައި ހުންނެވި ނަޝީދު އަންނަ ސެޕްޓެމްބަރު ނިމޭހާ ތަނުގައި ރާއްޖެއަށް ވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ދެއްވުމާއެކު އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ހިމެނޭ ގޮތަށް އެމަނިކުފާނަށް އަދި ރައްކާތެރިކަމެއް ނެތް ކަމަށް ދަނީ ވިދާޅުވަމުންނެވެ.

އެ ބޭފުޅުން މައިގަނޑު ގޮތެއްގައި އިޝާރާތް ކުރަނީ ކުރިން ބަޔަކު ފާރަލައި ނުރައްކާ ބޮޑުވެފައި އޮތް ކަން އެނގޭއިރު ވެސް އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަން ފޯރުކޮށްދެވިފައި ނުވާ ކަމަށް 241 ކޮމިޓީގެ ރިޕޯޓުގައި އޮތް ކަންބޮޑުވުމަށެވެ.

އެ ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގައި ހަމަލާ ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް ތަފްސީލްކޮށް ހިމަނާފައިވެ އެވެ. އަދި ޖުމްލަ 45 ކަމެއް މުއައްސަސާތަކަށް ހުށަހަޅާފައިވެ އެވެ.

އޭގެ ތެރޭގައި މުއައްސަސާތަކުން ފާހަގަވި ކަންބޮޑުވުންތަކާއި އިންޓެލިޖެންސްއާ ގުޅޭ ގޮތުން އޮތް ނިޒާމީ ބާގަނޑުތަކާއި އެމްއެމްޑީއެފްގެ އެތެރޭގައި ހުރި ފުށުއެރުންތަކާއި ސަލާމަތީ ކަންކަން ފުރިހަމަނުވެ ހުރި ކަންކަން ހައްލުކުރަން ވެސް ލަފާތައް ދިނެވެ.

ނަމަވެސް، ސަރުކާރުން އެންމެ ފަހުން ބުނެފައިވަނީ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަން މިހާރު ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.

އަދި ނަޝީދު އެނބުރި ރާއްޖެ ވަޑައިގެން، މިނިވަންކަމާއެކު އުޅުއްވާ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ބޭނުންވޭ ވީހާވެސް އަވަހަކަށް ރައީސް ނަޝީދު ފަރުވާއިން ސަލާމަތްވެ މިނިވަންކަމާއެކީގައި ހަމަޖެހިގެން ރާއްޖޭގައި އުޅެވޭތަން ފެނުން. އެއީ އަޅުގަނޑު އެދޭ އެދުމެއް،" ރައީސް ވިދާޅުވި އެވެ.

ނަޝީދުގެ ރައްކާތެރިކަމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ސަރުކާރުންނާއި ސިފައިން ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ސަލާމަތީ ކަންކަން އިތުރަށް ރަނގަޅު ކުރުމަށް ހޯދަން ޖެހޭ ތަކެތި ހޯދައި ކުރަން ޖެހޭ ކަންކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އަންނަ ޖުމްލަ 12 ދައުވާ ވަނީ އުފުލައިފަ އެވެ.

ނަމަވެސް، އެ ހަމަލާއަށް ބަޔަކު ފަންޑު ކުރި ކަމުގެ އެއްވެސް ހެއްކެއް އަދި ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox