މުޖުތަމައުގައި އުޅޭ ކުޑަކުދިންނަށް ފުޓްބޯޅައިގެ ތެރެއިން ކަށަވަރުކޮށްދޭން ޖެހޭ ރައްކާތެރިކަން ޔަގީންކޮށްދިނުމުގެ ބޭނުމުގައި އެފްއޭއެމް ފައުންޑޭޝަންގެ ބެލުމުގެ ދަށުން "އެފްއޭއެމް ޗައިލްޑް ސޭފްގާޑިން ޕޮލިސީ" ލޯންޗްކޮށްފި އެވެ.
މި ޕްރޮޖެކްޓް ލޯންޗްކުރަން މިއަދު ހަވީރު ވަނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގެ ސެމީނާ ރޫމުގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވައިފަ އެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަޒްނާ އަހްމަދު އާއި ޖެންޑަ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. އޭގެ އިތުރުުން އެފްއޭއެމާއި ކުޅިވަރާ ބެހޭ އެކި ވުޒާރާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެފްއޭއެމުން މި ޕޮލިސީ އެކުލަވާލުމުގައި އެންމެ އިސް ބައިވެރިއެއްގެ ގޮތުގައި އެހީތެރިކަން ހޯދީ އެފްއޭއެމް ފައުންޑޭޝަން ޕާޓްނަރުންގެ ގޮތުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކުރަމުން އަންނަ އެޑްވަކޭޓިން ރައިޓްސް އޮފް ޗިލްޑްރެން (އާކް) އެވެ.
މީގެ އިތުުރުން ޒުވާން ފުޓްބޯޅަ ކުޅުންތެރިންނާއި އެކެޑަމީތަކުގެ ހިޔާލުވެސް ހޯދުމަށް ފަހު އެކުލަވާލި ޕޮލިސީ ކަރުދާހާ ހަމައަށް ގެނައުމުގެ ކުރިން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން ހިންގާ ޕްރޮގްރާމްތަކަށް ވެސް ވަނީ ވަރަށް ފުންކޮށް އަލި އަޅުވާލައިފަ އެވެ.
ޕޮލިސީއާ އެކު އެފްއޭއެމްގެ ޒިންމާ
- އެފްއޭއެމުން ހާއްސަ ސޭފްގާޑް ޔުނިޓެން އެކުލަވާލުން (އެކި ޒިންމާތަކާ އެކު މި ޔުނިޓުން ހާއްސަ ކަމެއް ދީގެން ކަންކަން ބަލާނެ)
- ޗައިލްޑް ސޭފްގާޑް ކޮމިޓީއެއް ހެދުން. (މިއީ ދިމާވާ މައްސަލަތައް ހުށަހެޅުމަށް އެކުލަވާލާ ކޮމިޓީއެއް)
- ޗައިލްޑް ސޭފްގާޑް އޮފިސަރެއް އައްޔަނުކުރުން (އޮފިސަރުގެ ޒިންމާ އަކީ އޮންނަ އުސޫލުގެ ތެެރެއިން އޮޕަރޭޝަން ރަނގަޅަށް ހިންގުން)
- ޗައިލްޑް ސޭފްގާޑް ފޯކަލް ޕޮއިންޓުން ހަމަޖެއްސުން (މިއީ ކްލަބްތަކާއި އެކަޑަމީތަކުގައި ޗައިލްޑް ސޭފްގާޑާ ގުޅޭ ކަންކަމުގައި ސީދާ ޝާމިލުވެ އުޅޭ ފަރާތެއް އެނގޭ ގޮތަށް ބެހެއްޓުން)

މިއަދުގެ ރަސްމިއްޔާތުގެ ތެރެއިން ފަސްޓް ލޭޑީ ފަޒްނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އާކާއި އެފްއޭއެމުން ގުޅިގެން މި ކުރި މަސައްކަތުން ޕްރޮފެޝަނަލްކޮށް ވެސް ކުޑަކުދިންގެ ރައްކާތެރިކަން ކަަށަވަރުކުރާނެ އިތުރު ފަރާތެެއް ހަމަޖެހިގެން ދިއުމަކީ އުފާވެރި ހަބަރެއްގެ ގޮތުގައި ރައީސްގެ އަނބިކަނބަލުން، ފަޒްނާ ފާހަގަކުރެއްވި އެވެ.
ކުޅިވަރުގެ ތެރެއިން ވެސް ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރަން ހަރުދަނާ އުސޫލެއް ހެދޭނެކަން މިކަމުން އެނގިގެން ގޮސްފައިވާ ކަމަށް ފަޒްނާ ވިދާޅުވި އެވެ.
"ގާނޫނުގެ ތެރެއިން އެކިއެކި ފަރާތްތަކަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން އެފްއޭއެމަށް ކުރެވޭނެ ކަންކަން ބަލައި ތަންފީޒުކުރަން ރާވާފައި ވާތީ، އަދި ވަކިން ހާއްސަގޮތެއްގައި ކުދިންނާ ގުޅޭ ކަންކަން ނިންމުމުގައި ނޫނީ ކުދިންނަށް އަސަރުކުރާނެ ކަންކަމުގައި ބަސްބުނެ ކުދިންގެ ބައިވެރިވުން އޮތުމަކީ ވެސް ގާނޫނުން ލިބޭ ބާރެއް،" ފަޒްނާ ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޖެންޑާ މިނިސްޓަރު އާއިޝަތު ވިދާޅުވީ މި ޕޮލިސީން ކުޑަކުދިންނަށްޓަކައި ރޭވިފައިވާ ކަންކަން ފާހާގަކުރާ ކަމަށެވެ. އަދި މިފަދަ ޕޮލިސީއެއް އެކުލަވައިލެއްވުމުގައި ރާއްޖެ އިން ތަސްދީގު ކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތަށް ކުޑަކުދިން ރައްކާތެރި ކުރުމުގެ ގާނޫނާއި ގަވައިދަށް ބޯލެނބުމަކީ މި ޕޮލިސީ އަށް ލިބިގެންދާނެ ބާރެއްގެ ގޮތުގައި ޖެންޑާ މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އާކްގެ އެގްޒެކްޓިވް ކޮމިޓީ މެމްބަރު މުރުތަލާ މޫސާ ވިދާޅުވީ އެހެން ކުޅިވަރުތަކާ އަޅާކިޔާއިރު ފުޓްބޯޅައިގައި ޝާމިލުވެ އުޅޭ ކުދިން ގިނަ ކަމަށެވެ. އެހެން ކަމުން އެފްއޭއެމުން މި ފަދަ މަސައްކަތެއް ފެށުމުން އޭގެ އާކުން ވެސް ބައިވެރިވެ، މި ކުރެވުނު މަސައްކަތުން ވަރަށް ގިނަ ކުޑަކުދިންނަށް ބޭނުންވާ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް މުރުތަލާ ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސް ކަމާ އެންމެ ފުރަތަމަ 2016 ވަނަ އަހަރު އިންތިހާބުވެ ވަޑައިގަތްއިރު ވެސް ރައީސް ބައްސާމް ގެންގުޅުނު އެއް ވިސްނުމަކީ އެފްއޭއެމްގެ ފަންޑޭޝަނެއް ފަށައި އިޖުތިމާއީ ރޮނގުން އެފްއޭއެމްގެ ބައިވެރިވުން ބޮޑު ކުރުމެވެ. ފުރަތަމަ ދައުރުގައި މިކަމުގެ ޕްލޭން ކުރުމުގެ މަރުހަލާ ދިގުލައި ގޮސް އެތައް މަޝްވަރާތަކެއް ކުރުމަށް ފަހު ދެ ވަނަ ދައުރަކަށް އެސޯސިއޭޝަންގެ ރައީސްކަމަށް އިންތިހާބުވެ ވަޑައިގަތްތާ ހަތަރު ވަރަކަށް މަސް ތެރޭ ވަނީ ފައުންޑޭޝަން ރަސްމީކޮށް ލޯންޗްކޮށްފަ އެވެ. ފައުންޑޭޝަން ލޯންޗްކުރީ މިދިޔަ އަހަރު ނޮވެމްބަރު މަހު ފަހުކޮޅުފަ އެވެ.
އެފްއޭއެމް ފައުންޑޭޝަން ލޯންޗްކުރުމަށް ފަހު މިހާތަނަށް ވެސް ފައިދާހުރި ގިނަ ޕްރޮގްރާމްތަކެއް ވަނީ ހިންގައިފަ އެވެ. އޭގެ އަށް އިތުރުވި ބޮޑު ޕްރޮޖެކްޓަކީ މިއަދު މި ފެށުނު "އެފްއޭއެމް ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ މިއީ ފައުންޑޭޝަން ފެށިގެން މިވީ އަހަރެއްހާ ދުވަސް ތެރޭގައި އައި ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މެނޭޖްމަންޓުން އެފްއޭއެމަަށް ހޮވިގެން އައުމަށް ފަހު އެންމެ އިސްކަމެއްގެ ގޮތުގައި ކުރި ކަމަކީ ޓުވާޑްސް ފިއުޗާ ބެނާގެ ދަށުން މުސްތަގުބަލަށް ޒުވާނުންތަކެއް އުފެއްދުން. އެ ގޮތުން އަޅުގަނޑުމެންގެ ވަރަށް ގިނަ ކަންކަން ބައްޓަންވެގެން ރޭވިގެން ގޮސްފައިވަނީ އެ ޒުވާން ކުދިންނަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުން،" ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ ޓުވާޑްސް ފިއުޗާ ބެނާ އަށް ލިބޭ އެންމެ ބޮޑު އެއް ފައިދާ އަކީ ރާއްޖޭގެ އެއް ނަމްބަރު ކުޅިވަރަކީ އަދިވެސް ފުޓްބޯޅަ ކަމަށްވުމެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ އަށް ލޯބިކުރާ ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް ތިބުން އެއީ ސުވާލު އުފެއްދޭނެ ކަމެއް ނޫން ކަމަށް ބައްސާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެން އަންނަ ކުޅުންތެރިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ވެސް ވާޖިބެއް. އަޅުގަނޑުމެންގެ ޒުވާން ކުޅުންތެރިން އުފެދިގެން އައުމަށް އެންމެ ބޮޑު ފުރުސަތެއް ފަހިވެގެން މިދަނީ (ފުޓްބޯޅަ) އެ ކުޅޭ މާހައުލަކީ ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރެވިގެން،" ބައްސާމް ވިދާޅުވި އެވެ.
"އެފްއޭއެމް ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އިން ކަށަވަރުކޮށްދޭ ކަންތައްތަކަށް ބަލާއިރު، ކޮންމެ ކަމެއް ނިންމުމުގައި ވެސް ކުއްޖާގެ ހައްގަށް އިސްކަން ދިނުމާއި ކުޑަކުދިންގެ ހައްގުތަކަށް ހުރިހާ ފަރާތެއް އިހުތިރާމްކުރުމާއި އެއްވެސް ޒާތެއްގެ ނަސްލީ ތަފާތުކުރުމެެއް ނުގެންގުޅުން ހިމެނެ އެވެ. ދެން ހިމެނެނީ ބޮޑެތި މީހުންގެ ޒިންމާ ބޮޑުވާ ގޮތްގޮތަށް ކުޑަކުދިންގެ ހައްގު ކަށަވަރުކުރުން އަދި ކުދިންގެ ހައްގަށް އިސްކަންދީގެން އެފްއޭއެމުން ވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމެވެ.











