އެއީ މީގެ 15 އަހަރު ކުރި އެވެ. ސެޕްޓެމްބަރު 19، 2006 އެވެ. ތަނަކީ ގަލޮޅު ދަނޑެވެ. ކުރިއަށް ދަނީ ދިރާގު ދިވެހި ލީގުގެ ފަހު މެޗެވެ. ބައްދަލުކުރަނީ ނިއު ރޭޑިއަންޓާއި ވިކްޓްރީ އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ނިއު އަށް އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހި ލީގު ކާމިޔާބުކުރެވެން އެބައޮތެވެ. އަދި އެ މެޗުން މޮޅުވެގެން ވިކްޓްރީ އަށް ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު ލީގު ކާމިޔާބުކުރެވެން އެބައޮތެވެ.
މެޗު ނިމެން 10 ވަރަކަށް މިނެޓަށް އެޅުނުއިރު ނަތީޖާ 0-0 ގައި ނަތީޖާ އޮތުމާ ނިއު އަށް ލީގު ލިބޭނެ ކަމަށް އޮތީ ބެލެވިފަ އެވެ. އެކަމަކު 82 ވަނަ މިނެޓުގައި ވިކްޓްރީގެ އިސްމާއިލް އަނިލް ލަނޑު ޖަހައި، އެ ޓީމަށް ލީޑު ހޯދައިދިނީ، ލީގު އައްޑަނައާ ދިމާލަށް އެ ޓީމު ގެންދިޔަ އެވެ. އެއާ އެކު މަޖީދީމަގާވީ ފަޅީގެ ސިޑިބަރީގައި ތިބި ނިއުގެ ބައެއް ސަޕޯޓަރުން ދަނޑުން ނުކުތެވެ. އަދި ސަހަރާއާވީ ފަޅީގެ ސިޑިބަރީގައި ތިބި ވިކްޓްރީގެ ސަޕޯޓަރުން ފޯރިގަދަކޮށްލައި، ޗެމްޕިއަން ޖަހާފައިވާ ބެނާއެއް ދެމި އެވެ. ގިނަ ބަޔަކު ނިންމައިގެން ތިބީ ނަތީޖާ އަށް ދެން ބަދަލެއް ނާންނާނެ ކަމަށެވެ.
މެޗު ނިމެން ގާތްވި ވަރަކަށް ނިއު އިން ދިޔައީ އެޓޭކްތައް ވަރުގަދަކުރަމުންނެވެ. ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދިން ވަގުތުގެ ފަހު ސިކުންތުގެ ކޮޅުގެ ތެރޭގައި، ނިއުގެ މުހައްމަދު ސިފާން (ކުޑައްޓޭ) އޭރިއާ ބޭރުން ގޯލަށް ބާރު ހަމަލައެއް އަމާޒުކުރި އެވެ. އެ ބޯޅަ ވިކްޓްރީގެ ކުޅުންތެރިއަކު ބްލޮކްކޮށް ފޮނުވާލުމުން، ނިއުގެ އަލީ އަޝްފާގް (ދަގަނޑޭ) ހޯދި އެވެ. އަދި މެއިން ކޮންޓްރޯލްކޮށްލައި ވާތު ފަޔަށް ހެޔޮވަރުކޮށް، ބާރު ޝޮޓަކުން އެ ބޯޅަ ގޯލުގެ ދާގަނޑުގައި ތަތްކޮށްލި އެވެ. އެއާ އެކު، ނިއުގެ ސަޕޯޓަރުން އުތުރިއަރައިގަނެ، ނަގަން ފެށި ފޯރިން، ހީވީ މަޖީދީމަގާވީ ފަޅީގެ ސިޑިބަރި ވައްޓާލިހެންނެވެ.

ގޮފާ (ވ) ނިއުގެ އޭރުގެ ޗެއާމަން އަލީ އާޒިމްއާ އެކު އުފަލުގައި ބައިވެރިވަނީ.
އެ ވަގުތު އެއް ބަޔެއްގެ ލޮލުގައި އަޅައިގަތީ ނިއުގެ ކޯޗު ސްލޮވާކިއާގެ ލަޑިމިއާ ގޮފާގެ ހަރަކާތްތަކެވެ. ދަގަނޑޭގެ ލަނޑާ އެކު ރެފްރީ ހިނދުން ހިނދަށް ކަށިގަނޑު ފުމެ މެޗު ނިންމާލުމާ އެކު، ނިއު އަށް ލީގު ކަށަވަރުވެ ގޮފާ ބެންޗުގެ ކުރިމަތީގައި ބަނޑުވަތަށް އޮށޯތީ އެވެ. ދަގަނޑޭ ލަނޑު ޖެހުމަށް ފަހު ކޯނަރު ދަނޑިއާ ދިމާލަށް ދިއުމުން، ނިއުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ވެސް، އެ ދިމާލަށް މިސްރާބު ޖެހި ވަގުތު ގޮފާ އެތަނުގައި އޮށޯތުންވީ ތަފާތު ކަމަކަށެވެ. ގޮފާ ބުނީ އެއީ އުފާވެރިކަމުގެ ޖަޒުބާތުތައް އޭނާގެ ހަށިގަނޑުގައި ކެކި އަރައިގަތުމުން ކުރެވުނު ކަމެއް ކަމަށެވެ.
އެއީ އޭނާ އެވަރަށް އުފާވާން ޖެހޭ ވަރުގެ ކާމިޔާބެކެވެ. ސަބަބަކީ އެއީ ނިއު އަށް ބޮޑު ކާމިޔާބެއް ނަމަވެސް، ގޮފާ އަށް އެއީ އެއަށް ވުރެ ބޮޑު ކާމިޔާބަކަށް ވުމެވެ. އޭގެ ކުރީ އަހަރު ކ. ހުރާގެ ހުއްރިއްޔާ ސްޕޯޓްސް ކްލަބަށް ހޯދައިދިން ކާމިޔާބީ، ޖެހިގެން އައި އަހަރު އެހެން ޓީމަކަކާ އެކު ތަކުރާރުކުރެވުމަކީ ގޮފާ އަށް އާދަޔާހިލާފު ހާސިލްކުރެވުމެވެ.
ޖެހިޖެހިގެން ދެ އަހަރު ލީގު ކާމިޔާބުކުރި ފުރަތަމަ ކޯޗުގެ ޝަރަފް ހޯދި ގޮފާ ވަނީ 15 އަހަރު ކުރީގެ ހަނދާންތައް މި ހަފުތާގައި އޭނާގެ ފޭސްބުކުގައި ލިޔެފަ އެވެ. އެ ވާހަކަތައް އޭނާ ފެށީ 2005 ވަނަ އަހަރު ހުއްރިއްޔާ ހަވާލުވާން ރާއްޖެ އައި ހިސާބުންނެވެ. ފުޓްބޯޅައިގެ ސަގާފަތެއް އޮތް، ހުނަރުވެރި ކުޅުންތެރިން އުފައްދާފައިވާ އަދި ޕޮމިސް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ހުރާގައި، ގޮފާ ހަވާލުވިއިރު އޮތީ ކުރީގެ ފެންވަރުގެ ޓީމެއް ނޫނެވެ. އެ ރަށުގެ ތަރިން ކަމަށްވާ އަލީ ޝިހާމް (ހުރާ އައްޔަ) އާއި އަބްދުﷲ އިބްރާހިމް (ހުރާ އަބުޅޯ) އާއި މައުސޫމް އަބްދުލްޣަފޫރު (މާސޭ) ފަދަ ކުޅުންތެރިން ތިބީ މާލޭ ޓީމުތަކުގަ އެވެ.
ރާއްޖެ އަށް 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒް ހޯދައިދިން ފުރުސަތެއްގައި ހުއްރިއްޔާއާ ހަވާލުވާން ގޮފާ އައިއިރު އޭނާ އަށް ރަނގަޅަށް އިނގިރޭސިއެއް ނޭނގެ އެވެ. އެ ޓީމު ކުޅުންތެރިންނާ އޭނާ ފުރަތަމަ މުއާމަލާތްކުރީ އަތާ ފައިގެ ހަރަކާތްތަކުންނެވެ. ފިނި ގައުމެއްގައި އުޅުމަށް ފަހު އޭނާ ރާއްޖެ އައިއިރު މިތަނުގައި ހުރީ 30 ޑިގްރީ ސެލްސިޔަސްގެ ހޫނުމިނެކެވެ. ގިނަ ކުޅުންތެރިންނަކީ ޕްރޮފެޝަނަލް ތަމްރީން ލިބިފައި ނެތް ކުޅުންތެރިންނަށް ވުމުން ގޮފާގެ މަސައްކަތް ބުރަވި އެވެ.
"އަހަރެން ގާތު ޔަންކޭ ބުނީ މުސްލިމުންނާ މުއާމަލާތްކުރަން ޖެހޭނީ ތަފާތުކޮށޭ. އިހުތިރާމާ އެކު މަޑުމައިތިރިކޮށޭ ވާހަކަދައްކަން ޖެހޭނީ،" ގޮފާ ބުންޏެވެ.
އެކަމަކު ގޮފާ ފެނިގެން ދިޔައީ ހަރުކަށި ޓްރެއިނަރެއްގެ ގޮތުގަ އެވެ. ގަދަހޫނުގައި، އޭނާ ހުއްރިއްޔާ ކުޅުންތެރިން ކޮންމެ ދުވަހަކު ދެއިރު ވެލިދަނޑަށް ޕްރެކްޓިހަށް ނެރެ އެވެ. ގާތްގަނޑަކަށް 700 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގެ އެތައް ބަޔަކު ކޮންމެ ދުވަހަކު ޕްރެކްޓިސް ބަލަންދެ އެވެ. ފަހުން މެނޭޖްމަންޓާ މައްސަލަ ޖެހި ގޮފާ ރަށަށް ފޮނުވާލަން ވެސް ނިންމި އެވެ. އެކަމަކު ވަކި ހިސާބަކުން އެ ނިންމުން ބަދަލުކުރީ އެވެ.
ގޮފާއާ އެކު ލީގުގައި ހުއްރިއްޔާ ފެނުނީ ތަފާތު ޓީމެއްގެ ގޮތުގަ އެވެ. އަދި އެހެން ޓީމުތަކުން އެ ޓީމު އަންޑައެސްޓިމޭޓްކުރި ކަމަށް ގޮފާ ބުންޏެވެ. ނަތީޖާއަކަށްވީ ހުއްރިއްޔާ އިން ތަފާތު ނަތީޖާތަކަށް ނެރެ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ހޯދުމެވެ. އެކަމަކު ލީގުގެ ފަހު މެޗާ ކުރިމަތިލިއިރު އަމިއްލަ ބާރެއް ނެތެވެ. ފަހު މެޗުގައި ވިކްޓްރީ އަތުން މޮޅުވެގެން ނިއު އަށް ލީގު ލިބެން އޮތެވެ. ހުއްރިއްޔާ އަށް ލީގު ލިބެން އޮތީ ނިއު މޮޅުވުން ނޫން ނަތީޖާއެއް ނުކުމެގެންނެވެ. ކަންވީ އެހެންނެވެ. ނިއު އާއި ވިކްޓްރީ 2-2 އިން އެއްވަރުވެ، ކުޅިބަލަން އޮތް ހުއްރިއްޔާ އަށް، އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުވީ އެވެ.

ލީގު ކާމިޔާބުވުމުން ހުއްރިއްޔާގެ ކުޅުންތެރިން ގޮފާ އުފުލާލަނީ.
ހުއްރިއްޔާގެ އެދުމުގެ މަތިން އޭނާ ޖެހިގެން އައި 2006 ގައި ވެސް އޭނާ ގެނަ އެވެ. އެކަަމަކު މެނޭޖްމަންޓާ މައްސަލަ ޖެހި ކޮންޓްރެކްޓް އުވާލީ އެވެ.
"އަހަރެން ގައުމުގައި ހުއްޓާ އޮފާ ލިބުނީ ރާއްޖޭގެ އެންމެ މުއްސަނދި އަދި އެންމެ މަގުބޫލު ޓީމު ކަމަށްވާ ނިއު ރޭޑިއަންޓުން. މަތީ ފަންތީގެ ކުޅުންތެރިން ގިނަ، އެންމެންހެން ގައުމީ ޓީމަށް ކުޅޭ ޓީމެއް އެއީ. އެންމެ ސަޕޯޓަރުން ގިނަ ކްލަބް،" ސްލޮވާކިއާގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ފޭސްބުކުގައި ލިޔެފައިވެ އެވެ.
އޭގެ ކުރީ އަހަރު، 2005 ގައި އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށް ވަރުގަދަ ފޯމެއްގައި އޮތް ނިއު އިން 2006 ގެ ސީޒަނަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ އާއި އަލީ އުމަރު ފަދަ ކުޅުންތެރިން ގެނެ އެވެ. އެކަމަކު އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ފުލަށް ދިއުމާއި ކަޕްވިނާސް ކަޕް ކާމިޔާބުނުކުރެވުމުން ކޯޗު ބަދަލުކޮށް ގޮފާ އަށް އޮފާކުރީ އެވެ.
ގޮފާ ލިޔެފައިވާ ގޮތުގައި، ނިއުއާ ހަވާލުވިއިރު އެ ޓީމުގައި ތިބީ ބޮޑު މުސާރަ ލިބޭ ނަން މަޝްހޫރު ކުޅުންތެރިންނެވެ. އެކަމަކު އެ ކުޅުންތެރިންނަށް ބުރަކޮށް މަސައްކަތްކުރަން އޮތީ ދަސްކޮށްނުދީ ކަމަށް ވެސް އޭނާ ލިޔުނެވެ. އެހެންވެ ނިއުގައި ފެނުނީ ހުރާ އިން ފެނުނު ހަރުކަށި ގޮފާ އެވެ. އޭނާ ނޫސްވެރިން ކުރިމަތީ ކުޅުންތެރިންނަށް ފާޑުކިޔެވެ. މެޗުގެ ކުރީ ރޭ އަރާމުނުކޮށް ސައިކަލްބުރު ޖަހަން އުޅޭ ކުޅުންތެރިން މެޗަށް ނުނަގާނެ ކަމަށް ޕްރެސް ކޮންފަރެންސުގައި އިއުލާންކުރި އެވެ. ޕްރެކްޓިހުގައި ފަރުވާކުޑަކުރި ކުޅުންތެރިއަކު ވަގުތުން ގެޔަށް ފޮނުވާލި އެވެ. އަދި އެއް މެޗެއްގައި ފުރަތަމަ ހާފުގައި އެކަށީގެންވާ ވަރަށް ކުޅުންތެރިނ މަސައްކަތްނުކުރާ ކަމަށް ބުނެ ހާފުގަޑީގައި ޗޭންޖިން ރޫމަށް ވަނަނުދީ، އިރުޝާދު ދިނީ ދަނޑުމެދުގައި ބައިތިއްބައިގެންނެވެ. ގޮފާ ބުނީ އޭނާ ބޭނުންވީ ސަޕޯޓަރުން ކުރިމަތީ ކުޅުންތެރިން ލަދުގަންނުވާލަން ކަމަށެވެ.
"އަހަރެން ރަނގަޅު ގޮތުގައި ކުޅުންތެރިން މޯޓިވޭޓްކުރުމުގައި ކާމިޔާބު ހޯދިން. އެ ކުޅުންތެރިންނަށް އިތުރު ޒިންމާ ހަވާލުކޮށް، ކާމިޔާބަށް ފެންބޮވައިގަންނަވަރުކުރިން. އެއާ އެކު ކޮންމެ ބުރަކަށް ފަހު އަހަރެމެން ތާވަލުގެ އުހަށް އަރަމުން ދިޔައިން،" ގޮފާ ލިޔެފައިވެ އެވެ.

ނިއުގެ ކުޅުންތެރިން 2006 ގެ ލީގުގެ އައްޑަނައާ އެކު.
ގޮފާ އަބަދުވެސް ބުނާ ވާހަކައަކީ އޭނާ ބުނާ ގޮތަށް މަސައްކަތްކުރާ ނަމަ ކާމިޔާބު ލިބޭނެ ކަމެވެ. ކަންވީ އެހެންނެވެ. އޭނާ ނިއުގެ ޓީމު ހާނުވައި ރަނގަޅު ނަތީޖާތަކެއް ނެރެދިނެވެ. ފަހު މެޗުގައި ލީގު ގެއްލެން ދިޔަ ނަމަވެސް ދަގަނޑޭގެ ގޯލާ އެކު އެ ކާމިޔާބީ ހާސިލްކުރީ އެވެ. އެ ކާމިޔާބީ ހޯދަން ފަހު ވަގުތު ވިކްޓްރީ ކޮޅަށް ލަނޑު ޖެހި ދަގަނޑޭއާ ބެހޭގޮތުން ގޮފާ ލިޔުނު ގޮތުގައި އޭނާ އަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އެވަރުގެ ކުޅުންތެރިޔަކު ސްލޮވާކިއާ ލީގުން ވެސް ނުދެކޭ ކަމަށެވެ.
"ހަލުވި، ވާތުފައިން ކުޅޭ، ބަރާބަރަށް ޝޮޓްޖަހާ ކުޅުންތެރިއެއް އެއީ،" ގޮފާ ލިޔެފައިވެ އެވެ.
އޭގެ ފަހުން ކުޅުނު ގައުމީ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ނިއު އާއި ވިކްޓްރީ 2-2 އިން އެއްވަރުވެފައިވަނިކޮށް ނިއުގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގުމުން މެޗު ކެންސަލްކުރީ އެވެ. ސަޕޯޓަރުން ނުވައްދާ އަލުނު ކުޅުނު މެޗުން ނިއު އަތުން ވިކްޓްރީ 2-0 އިން މޮޅުވީ އެވެ. އެއާ އެކު ނިއު އަށް ޖެހުނީ ފައިނަލުގެ ޖާގައެއް ހޯދަން ތިން ވަނަ ސެމީގައި ކުޅޭށެވެ. އެ މެޗުން ކްލަބް ވެލެންސިއާ އަތުން 2-1 އިން ބަލިވެ ނިއު އަށް ސީޒަން ނިމުނީ އެވެ. އެ ހިސާބުން ނިއުއާ އެކު ގޮފާ ހޭދަކުރި ދުވަސްތަކަށް ނިމުން ވެސް އައީ އެވެ.
ގޮފާ ތިން ވަނަ ފަހަރަށް ރާއްޖެ އައީ އޭގެ ހަ އަހަރު ފަހުން 2013 ވަނަ އަހަރު ވިކްޓްރީން ދިން ފުރުސަތެއްގަ އެވެ. ވިކްޓްރީ އަކީ ގޮފާ ކުރިން ހުއްރިއްޔާ އާއި ނިއު އަށް ކޯޗުކޮށްދިންއިރު ގަދަ ބާރެއް ނަމަވެސް އޭނާ ހަވާލުވިއިރު އެއީ ބަލިކަށި ޓީމެކެވެ. ސީޒަން ފެށުނު ހިސާބުން ވެސް ގޮފާ ބުނަމުން އައީ ވިކްޓަރީގައި ހުނަރުވެރި ކުޅުންތެރިން ނެތް ކަމަށާއި ގިނަ ކުޅުންތެރިންނަކީ ދެ ވަނަ ޑިވިޝަނުގެ ފެންވަރުގެ ކުޅުންތެރިން ކަމަށެވެ.
"އަހަރެމެން ޓީމެއް ނެގީ މަގުމަތިން، ފުޓްސަލް ކުޅުންތެރިން ތެރެއިން،" ގޮފާ ލިޔެފައިވެ އެވެ.

ގޮފާ ބެންޗުގައި: އޭނާ ވަނީ ސްލޮވާކިއާގެ 19 އަހަރުން ދަށުގެ ޓީމަށް ކޯޗުކޮށްދީފައި.
ޓީމު ވަރުގަދަކުރަން، ރިޓަޔާމަންޓުގައި ތިބި ތަޖުރިބާކާރު ބައެއް ކުޅުންތެރިން ގެންނަން ގޮފާ މަސައްކަތްކުރި އެވެ. އެގޮތުން ގޮފާގެ ކޯޗުކަމުގައި 2006 ގައި ނިއުގައި މޮޅު ކުޅުމެއް ދެއްކި ކުޅަދާނަ ޑިފެންޑަރު ސޮބާހު މުހައްމަދު އިބްރާހީމްގެ ސޮއި ހޯދި އެވެ.
ބަލިކަށި ޓީމެއްގެ ގޮތުގައި އޮތް ނަމަވެސް ވިކްޓްރީން ޕޮއިންޓްތަކެއް ހޯދި އެވެ. އެކަމަކު ގޮފާ ބުނި ގޮތުގައި ވަކި ހިސާބަކުން ކްލަބް މާލީގޮތުން ވެސް ބަލިކަށިވެ، މުސާރަ ދިނުން ހުއްޓާލުންވީ އަރައިނުގަނެވުން ކަމަކަށެވެ. ކަންވީ އެހެންނެވެ. ނަތީޖާތައް ދަށްވެ، ދިވެހި ލީގުގެ ފުލަށް ގޮސް ވިކްޓްރީ އަށް ޖެހުނީ ފުރަތަމަ ޑިވިޝަނުގެ ޖާގަ ކަށަވަރުކުރަން ދިވެހި ލީގު ކޮލިފިކޭޝަނުގައި ވާދަކުރާށެވެ. ކޮލިފިކޭޝަނުގެ ފަހު މެޗުގައި ޖާގަ ސަލާމަތްކުރަން ވިކްޓްރީ ނުކުތީ ވީބީ އައްޑޫ އެފްސީއާ ދެކޮޅަށެވެ. އެ މެޗުގައި ވިކްޓަރީން މެޗުގައި ދެ ފަހަރަށް ލީޑު ނަގާފައިވަނިކޮށް ވީބީން ފަހަތުން އަރާ އެއްވަރުކުރި އެވެ. އެއާ އެކު ވިކްޓްރީ ރެލިގޭޓްވީ ކަމަށް ބެލެވުނެވެ. އެކަމަކު ފަހު ވަގުތު ޗިންޒީ ކަކާ ވައްދާލި ލަނޑާ އެކު ވިކްޓްރީ މޮޅުވެ، ފުރަތަމަ ޑިވިޝަނުގައި ދެމި އޮތެވެ.
އެ މެޗު ދިޔައީ 2006 ގެ ލީގުގެ ފަހު މެޗު ވެސް ދިޔަ ގޮތަށެވެ. ގޮފާގެ ޓީމުން ނަތީޖާ ނެރުނީ ފަހު ވަގުތު އެވެ. އެކަމަކު ނުކުތް ނަތީޖާ ތަފާތީ އެވެ. އޭނާ 2006 ގައި ނިއު އަށް ހޯދައިދިނީ ލީގެވެ. ވިކްޓްރީ ސަލާމަތްކޮށްދިނީ ރެލިގޭޝަނުންނެވެ. އެހެންވިޔަސްވިކްޓްރީ ފަދަ ބޮޑު ޓީމެއް ދެ ވަނަ ޑިވިޝަނަށް ނުވެއްޓި ސަލާމަތްކޮށްދިނުމަކީ، ލީގެއް ކާމިޔާބުކުރުން ފަދަ ބޮޑު ކާމިޔާބެއްގެ ގޮތުގައި ގޮފާ ސިފަކުރެ އެވެ.
އަހަންނަށް 2006 ގައި ވެސް ކުރެވުނު މި އާދަޔާހިލާފު އުފާވެރިކަމުގެ އިހުސާސް. ހަތް އަހަރު ފަހުން އެ އުފާވެރިކަން ތަކުރާރުމިވީ. މިއަދު ވެސް މި ކުރެވެނީ އެ އިހުސާސް. އަހަންނަށް މިއީ ތަށްޓެއް ލިބުން ފަދަ ކާމިޔާބެއް، ގޮފާ އެ މެޗަށް ފަހު ބުނެފައިވެ އެވެ.

ވިކްޓްރީ ރެލިގޭޓްނުވެ ސަލާމަތްވުމުން ސުޒޭން (ކ) އާއި ގާނާ (ކ-2) އާއި ނަޒީހު (ކ-3) އަދި ޕަޓޭ އުފަލުން ރޮނީ. --ފޮޓޯ: މޯލްޑިވްސޮކާ
ގޮފާގެ ރާއްޖޭގެ ޑައިރީ ނިންމާލަމުން ލާފައިވަނީ، ވިކްޓްރީ އެރޭ ސަލާމަތްވުމުން އެ ޓީމުގެ އޮފިޝަލް އަހުމަދު ރިޔާޒް (ގާނާ) ގައިގައި އޭނާގެ ދެ ކޮއްކޮއިން އަލީ ސުޒޭނާއި މުހައްމަދު ނަޒީހު އަދި އޮފިޝަލް އަހުމަދު އަރީޝް (ޕަޓޭ) އުފަލުން ބައްދާލާ ފޮޓޯއެކެވެ. އެ އެންމެންގެ ލޮލުން ވެސް އުފަލުގެ ކަރުނަ އޮހޮރޭ މަންޒަރު ފެނެ އެވެ.
"އަޖާއިބެއް ފަދަ އިހުސާސްތަކެއް،" ގޮފާ ލިޔެފައިވެ އެވެ.
ގޮފާ ރާއްޖޭގައި ހޭދަކުރި ތިން އަހަރުގެ ތެރޭގައި އޭނާ ތަޖުރިބާކުރީ އެފަދަ އިހުސާސްތަކެވެ. ކުޑަކުޑަ ރަށެއްގެ ޓީމަކަށް ބޮޑު ކާމިޔާބެއް ހޯދައިދިނުމާއި، ދިވެހި ފުޓްބޯޅައިގެ ގަދަބާރަކަށް އަލަށް ލީގު ހޯދައިދިނުން އަދި އެފަދަ އެހެން ބާރެއް ދެ ވަނަ ޑިވިޝަނަށް ވެއްޓުނަނުދީ ސަލާމަތްކޮށްދެވުމުގެ އުފާވެރި އިހުސާސްތަކެވެ.













