މާލޭގެ މަގުމަތީގައި ހިންގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް އުނދަގޫވާގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކާއި ނުދުއްވާ ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނަގައި އާއްމުންނަށް ހިތްފަސޭހަތަނަކަށް މަގުތައް ހެދުމުގެ މަސައްކަތް ފަަށަން މާލެ ސިޓީ ކައުންސިލުން ނިންމައިިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ވެހިކަލްތަކުން ތޮއްޖެހިފައިވާ މަގުތައް ތަރުތީބުކުރުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން އަންނަ ހޯމަ ދުވަހު ފަށާނެ ކަމަށެވެ. މަގުތަކުގައި މީހުންނަށް ދަތިވާގޮތަށް ހުންނަ ވެހިކަލްތައް އެ ދުވަހުން ފެށިގެން ޓޯކުރަން ފަށާނެ އެވެ.
މި ވެހިކަލްތައް ނެގުމުގައި ސިޓީ ކައުންސިލުން އަމަލުކުރާނީ ޓްރާންސްޕޯޓް އޮތޯރިޓީގެ އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދަށެވެ. އެގޮތުން މި ގަވާއިދުގެ 6 ވަނަ މާއްދާގައި ފުލުހުންނަށް ޓޯކުރެވޭނެ ކަމަށް ބުނާ ހާލަތްތަކުގެ ތެރެއިން ވެހިކަލްތައް ޓޯކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
ޓްރާންސްޕޯޓުގެ ގަވާއިދުގައި ވެހިކަލްތައް ޓޯކުރެވޭނެ 13 ހާލަތެއް އޮވެ އެވެ.
އޭގެ ތެރޭގައި ނުގަވައިދުން ޕާކުކުރުމުން ސްޓިކާ ހަރުކުރާތާ 24 ގަޑިއިރު ވެފައިވާ ވެހިކަލްތަކާއި ކަނޑައެޅިފައިވާ ޒޯން ނޫން ޒޯންތަކުގައި ޕާކު ކުރާ ވެހިކަލްތައް ހިމެނެ އެވެ. އަދި ފުރޮޅު ތަޅުއެޅުވުމަށް ފަހު 24 ގަޑިއިރު ހަމަވާ ވެހިކަލްތައް ވެސް ހިމެނެ އެވެ.

މާލޭގެ މަގުތައް ހިތްފަސޭހަ ތަނަކަށް ހެދުމަކީ އާ ސިޓީ ކައުންސިލުން ކުރާނެ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މަގުތައް ހިތްފަސޭހަތަނަކަށް ހެދުމުގެ އިތުރުން ވެސް މާލޭގެ އަމާންކަމަށް ގިނަ ޕްލޭންތަކެއް ސިޓީ ކައުންސިލުން އިއުލާންކޮށްފައިވެ އެވެ.












