މި އަހަރު ބާއްވަން ނިންމާފައިވާ ސާފް ޗެމްޕިއަންޝިޕް ހޯސްޓް ކުރަން ރަސްމީކޮށް ރާއްޖެ އާއި އިންޑިއާ އަދި ނޭޕާލުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމި މުބާރާތެެކެވެ. އެކަމަކު، ކޮވިޑް-19ގެ ހާލަތު މިދިޔަ އަހަރު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމުން މި އަހަރު ސެޕްޓެމްބަރު މަހަށް ފަސްކުރީ އެވެ.
ބަންގްލަދޭޝްގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން މިހާތަނަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުނުވުމާ އެކު އެންމެ ފަހުން އެ ގައުމުން ވަނީ ސާފް ހޯސްޓްކުރުމުގެ ވިސްނުން ދޫކޮށްލައިފަ އެވެ. ބަންގްލަދޭޝް އިން މުބާރާތް ބާއްވަން ކުރި މަސައްކަތުގައި އެކަށީގެންވާ ކުރިއެރުމެއް ނުލިބުނު އެންމެ ބޮޑު ސަބަބަކީ ސްޕޮންސަރެއް ހަމަނުޖެހުމާއި އެ ގައުމުގައި ކޮވިޑް ހާލަތު ގޯސްވަމުންދާތީ އެވެ.
މިއަދު ބޭއްވި ސާފްގެ ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއްގައި މި ފަހަރުގެ މުބާރާތް ބާއްވަން ޝައުގުވެރިކަން ފާޅުކުރަން ފުރުސަތު ހުޅުވާލުމާ އެކު ރާއްޖެ އާއި އިންޑިއާ އަދި ނޭޕާލް އިން ވަނީ މުބާރާތް ބާއްވަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އިންޑިއާ އިން އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2015 ވަނަ އަހަރު ޓްރިވެންޑްރަމްގަ އެވެ. ނޭޕާލުން ވަނީ 2013 ވަނަ އަހަރު ކަތުމަންޑޫގައި ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފަ އެވެ. ރާއްޖޭން މިހާތަނަށް މި މުބާރާތް ހޯސްޓްކުރީ ލަންކާއާ ގުޅިގެން 2008 ވަަނަ އަހަރު އެވެ. މި ފަހަރުގެ މުބާރާތް ބާއްވަން ރާއްޖޭން އެންމެ ފުރަތަމަ ބެލީ ލަންކާއާ ގުޅިގެންނެވެ.
ސާފް އިން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ އަންނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި މި ފަހަރުގެ ސާފް ބާއްވާނެ ގައުމެއް ކަނޑައެޅުމަށާއި އަންނަ އޮކްޓޫބަރު މަހުގެ ކުރީ ކޮޅުގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށެވެ.
އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ވަނީ ދެ ވަނަ ފަހަރަށް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.











