ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފުލާ ކާގޯ މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސް އެންޑް ކަސްޓަމްސް (ސީބީއައިސީ)އިން މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމަކީ އެއް ގައުމުން އަނެއް ގައުމަށް ބޭރުކުރާ ކާގޯއާ ގުޅޭ މައުލޫމާތު އެ ގައުމެއްގެ ކަސްޓަމްސްގެ ތެރެއިން ޕްރޮސެސް ކުރެވޭ ހިސާބުން، އަނެއް ގައުމުގެ ކަސްޓަމާ އެ މައުލޫމާތު ހިއްސާކުރުމަށް ވެވޭ އެއްބަސްވުމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އިންޑިއާއިން އަންނަ މުދާ އިންޑިއާގެ ކަސްޓަމްސްގެ މަރުހަލާތައް ފުރިހަމަކުރާ ހިސާބުން ރާއްޖޭގެ ކަސްޓަމްސްއަށް އެ މައުލޫމާތު ލިބޭނެ އެވެ.
އިންޑިއާގެ ކަސްޓަމްސް އިދާރާއާ ދެމެދު ވެވުނު އެއްބަސްވުމާ ގުޅިގެން ކަސްޓަމުން ބުނީ، މުސްތަގުބަލުގައި މުދާ ކްލިއާ ކުރުމަށާއި ކަސްޓަމްސްގެ ކޮންޓްރޯލްތައް ވަރުގަދަކުރަން މި އެއްބަސްވުމުން ފަހިކޮށްދޭނެ ކަމަށެވެ. އަދި ދެ ގައުމުގެ ދޭތެރޭގައި ވިޔަފާރި އިތުރަށް ފުޅާވެ، އިމްޕޯޓަރުންނަށާއި އެކްސްޕޯޓަރުންނަށް ވެސް ފަސޭހަތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުންޏެވެ.
އެގޮތުން ދުރާލާ ކަސްޓަމްސް ކްލިއަރަންސް މަރުހަލާ ފުރިހަމަކުރަން ބޭނުންވާ މައުލޫމާތު ހުށައެޅޭނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ބަނދަރުން މުދާ ކްލިއާ ކުރަން ހޭދަވާ ވަގުތު ސަލާމަތްކުރެވި، މީގެ ސަބަބުން ކްލިއަރަންސް މުއްދަތު ދިގުލައިގެން ދާތީ ކުރަން ޖެހޭ ބައެއް ހަރަދުތައް ވެސް ސަލާމަތްކުރަން ފަސޭހަވާނެ އެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް އެވެ. އަދި އިންޑިއާ ކަސްޓަމްސް އިދާރާގެ ފަރާތުން ސޮއިކުރެއްވީ ސީބީއައިސީ ޗެއާމަން އެމް އަޖިތް ކުމާރެވެ.
ސީބިއައިސީގެ ޗެއާ މި ދުވަސްކޮޅު ރާއްޖެ ވަޑައިގެން އުޅުއްވަނީ ދެ ގައުމުގެ ކަސްޓަމްސް އިދާރާތަކުގެ މެދުގައި ބައިލެޓެރަލް ބައްދަލުވުންތަކެއްގައި ބައިވެރިވާން ރަސްމީ ދަތުރުފުޅެއްގަ އެވެ. އޭނާގެ އަރިހުގައި ސީބީއައިސީގެ މަތީ ފަންތީގެ ޑެލިގޭޓުންގެ ޓީމެއް ރާއްޖެ ވަނީ އައިސްފަ އެވެ.











