ގުދުސް، ފަލަސްތީން (ޖުލައި 17) - ޕްރީ ސީޒަނުގައި އިޒްރޭލުގެ ބެއިތާރު ފުޓްބޯލް ކްލަބާ ދެކޮޅަށް ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އިން ކުޅެން ރޭވި މެޗު ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ބެއިތާރުން ބުނެފި އެވެ.
މި މެޗު ކުޅެން ރޭވީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ގުދުސްގައި ހުންނަ ޓެޑީ ސްޓޭޑިއަމްގަ އެވެ. މިއީ ބެއިތާރުން ހޯމް ސްޓޭޑިއަމެއްގެ ގޮތުުގައި ބޭނުން ކުރަމުން އަންނަ ދަނޑެވެ.
ބެއިތާރުގެ ވެރިޔާ މޯޝޭ ހޮގެޖް ބުނީ ބާސެލޯނާ އިން މިހާރު އެދިފައިވަނީ ބެއިތާރާ ދެކޮޅަށް ކުޅެން އޮތް މެޗު ގުދުސްގައި ނުކުޅެވޭނެ ކަމަށާއި އެހެންވެ، ބެއިތާރުން ނިންމީ މެޗު އެއްކޮށް ކެންސަލްކުރުމަށް ކަމަށެވެ.
އަދި މެޗު ރޭވި އެންމެ ބޮޑު ބޭނުމަކީ ބެއިތާރުގެ ސަޕޯޓަރުންގެ ކުރިމަތީގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓީމާ ދެކޮޅަށް ކުޅުމަށް ކަމަށްވާއިރު، އެކަން ފުރިހަމަވާން ނެތުމުން މެޗު ކުރިއަށް ގެންދަން ބޭނުންނުވީ ކަމަށް ހޮގެޖް ބުންޏެވެ.
"އަހަރެން މި ހުރީ ބާސެލޯނާ ދެކެ ރުޅި އައިސްފައެއް ނޫން. އެ މީހުންނަކީ ސިޔާސީ ކްލަބެއް ނޫން. މިތާގައި (ފަލަސްތީނާއި އިޒްރޭލުގައި) މި ހިނގާ ދެބަސްވުމަކީ އެ މީހުންގެ ޝައުގުވެރިކަން ހުރި ކަމެއް ކަމަށް ނުދެކެން. އަހަރެމެންނާއި އެ މީހުން (ބާސެލޯނާ)ގެ ގުޅުން ރަނގަޅުވާނެ ކަމަށް އަބަދު ވެސް ގަބޫލުކުރަނީ،" ހޮގެޖް ބުންޏެވެ.
ބެއިތާރަކީ އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހިއްސާ ވެސް އޮންނަ ކްލަބެކެވެ.
ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް 2018 ވަނަ އަހަރު އެމެރިކާ އިން ބަލައިގަނެ، އެކަން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރުމުން އެތައް ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
އިޒްރޭލުގެ ކްލަބް ބެއިތާރުން މަޝްހޫރު ކުޅުންތެރިން ގެނެސްގެން ގުދުސްގައި މެޗު ކުޅެނީ އެ މީހުންނަށް ސަޕޯޓް އޮތްކަން ދައްކައިދިނުމުގެ ގޮތުންނެވެ.
ގުދުސްގައި ބާސެލޯނާ އިން މެޗު ކުޅެން ރޭވި ހިސާބުން ފަލަސްތީނުން ދިޔައީ ބާސެލޯނާގެ ކައިރިން އެ މެޗު ނުކުޅެން އެދެމުންނެވެ. އެ ގޮތުން ފަލަސްތީންގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ޖިބްރީލް ރަޖޫބް އާއި ފަލަސްތީން ތަމްސީލުކުރާ ސިޔާސީ ލީޑަރު ސާމީ އަބޫ ޝަހާދާ ވަނީ ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ އަށް ސިޓީއެއް ފޮނުވައި މި މެޗު ގުދުސްގައި ނުކުޅެން އެދިފަ އެވެ.
ބާސެލޯނާ އިން ރަސްމީކޮށް ބަޔާނެއް ނެރެފައި ނުވި ނަމަވެސް އެ ކްލަބުން ވަނީ ގުދުސްގައި އެ މެޗު ނުކުޅޭނެކަން ބެއިތާރަށް ރަސްމީކޮށް އަންގައިފަ އެވެ.
ފަލަސްތީންް މީހުންގެ ނަޒަރުގައި ބެއިތާރަކީ މުޅި ދުނިޔޭގައި އޮތް އެންމެ ނަސްލީ ތަފާތުކުރުން ބޮޑު ފުޓްބޯޅަ ކްލަބެވެ. ބެއިތާރު ސަޕޯޓަރުން މެޗުތަކުގެ ތެރެއިން ފަލަސްތީނުގެ މީހުންނަށް މަލާމަތްކޮށް ލަވަކިޔުމާއި ދަނޑުގައި ފަލަސްތީނާއި އިސްލާމް ދީނާ ދެކޮޅު ބެނާތައް ދަމާފައި ހުރެ އެވެ.
މީގެ އިތުރުން ބެއިތާރުގެ މެނޭޖްމަންޓުން މިހާތަނަށް މުސްލިމް ކުޅުންތެރިއަކަށް އެ ޓީމަށް ކުޅުމުގެ ފުރުސަތު ވެސް ނުދެ އެވެ. ބެއިތާރުގެ މެޖޯރިޓީ ހިއްސާދާރަކަށް މިހާރު ހުރި ވެރިޔާ، ހޮގެޖް ހޮވުނުއިރު، އޭނާ ވަނީ ފަލަސްތީނުގެ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު މަގާމަށް ހޮވުނު ފަހުން އެ ގޮތަށް ކަންތައް ކޮށްފައެއް ނުވެ އެވެ.
މީގެ ކުރިން ބާސެލޯނާ އިން ވަނީ 2013 ވަނަ އަހަރު ޕްރީ ސީޒަނުގެ ޓުއާއެއްގެ ތެރެއިން އިޒްރޭލަށް ގޮސް މެޗެއް ކުޅެފަ އެވެ. އެއީ ފަލަސްތީނާއި އިޒްރޭލުގެ ކުޅުންތެރިން ހިމެނޭ ޖޮއިންޓް ޓީމަކާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެކެވެ. ބާސެލޯނާގެ ރައީސަކަށް އޭރު ހުރި ސަންޑްރޯ ރޮސެލް އެ މެޗާ ބެހޭގޮތުން ބުނެފައިވަނީ އެއީ "ޕީސް ޓުއާ" އެއްގެ ހަރަކާތެއް ކަމަށެވެ.
އޭގެ ފަހުން 2018 ވަނަ އަހަރު އާޖެންޓީނާ އާއި އިޒްރޭލުން ގުދުސްގައި ކުޅެން ރޭވި މެޗު އެންމެ ފަހު ވަގުތު ކެންސަލްކުރަން ޖެހުނީ ފަލަސްތީނުން އެ މެޗު ނުކުޅެން އެދި ޕްރެޝަރު ކުރަމުން ދިއުމުންނެވެ. މެޗު ކެންސަލްކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ ފަލަސްތީނުގެ ސަޕޯޓަރުންގެ ޕްރެޝަރު ބޮޑުވުމުގެ ސަބަބުން އެ ފަދަ މާހައުލެއްގައި މެޗު ނުކުޅެން އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމުމުންނެވެ.












