ދިވެހި ލީގާ ދިމާކޮށް އަތޮޅުތަކުން މެޗު އޮފިޝަލުންނާއި ކޯޗުން ތަމްރީން ކުރާނެ: އެފްއޭއެމް

Jul 17, 2021, 6:40 AM
ދިވެހި ލީގާ ދިމާކޮށް އަތޮޅުތަކުން މެޗު އޮފިޝަލުންނާއި ކޯޗުން ތަމްރީން ކުރާނެ: އެފްއޭއެމް

އެފްއޭއެމުން، 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން އަތޮޅުތަކަށް ހާއްސަކޮށްގެން ވަރަށް ގިނަ ކޯޗުންނާއި ރެފްރީން އަދި މެޗު ކޮމިޝަނަރުން ތަމްރީން ކުރާނެ ކަމަށް ބުނެފި އެވެ.

ބުރާސްފަތި ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އަދި ލީގުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާ ކޯޗު މުހައްމަދު އާދަމް ވަނީ ލީގުގެ ކަންތައްތައް ވަރަށް ތަފްސީލްކޮށް ކިޔައިދީފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ މި ލީގުގެ މަސައްކަތަކީ ހަގީގަތުގައި ކުޑަ ކަމެއް ނޫން ކަމަށާއި ވަރަށް ބޮޑު ކަމެއް ކަމަށެވެ. އެއީ މި ލީގު ބޭއްވުުމުގެ މަސައްކަތާ އެކީގައި ބައިވަރު ކަންތައްތަކެއް އެފްއޭއެމުން ކުރަން ޖެހޭކަން ބައްސާމް ފާހަގަކުރެއްވި އެވެ.

"އޭގެ ތެރޭގައި އަޅުގަނޑުމެން ވަރަށް ބައިވަރު ކޯޗުން ތަމްރީންކުރަން ޖެހޭ. ވަރަށް ބައިވަރު ރެފްރީން އުފައްދަންޖެހޭ. ވަރަށް ބައިވަރު މެޗު ކޮމިޝަނަރުން އަންނަން ޖެހޭ. ދަނޑުތައް ބަލަހައްްޓާނެ ފަރާތެއް އެބަ އަންނަން ޖެހޭ. އެ ގޮތަށް ގޮސް ވަރަށް ބައިވަރު މޭން ޕަވާ (މީހުން އެކި ކަންކަމަށް) މި އަށް (ލީގަށް) ބޭނުންވޭ،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފްއޭއެމުން މިހާރު އެކުލަވާލާފައިވާ ލީގުގެ ޕްލޭންތަކުގެ ތެރޭގައި ހުރިހާ ކަމެއް ރޭވިފައި އެބަހުރި ކަމަށާއި ކުރިއަށް އޮތް އީދާއި ޖުލައި 26 ބަންދަށް ފަހު އޮގަސްޓް މަހުގެ ތެރޭގައި ލީގުގެ އެކި ކަންކަމާ ގުޅޭ މީހުން ތަމްރީން ކުރުމުގެ މަސައްކަތްތަށް ފެށިގެންދާނެ ކަމަށެވެ.

އެފްއޭއެމްގެ މިދިޔަ ދައުރު ފެށިގެން ވަނީ ކޯޗުން ތަމްރީންކުރުމާއި މެޗު ކޮމިޝަނަރުން އުފެއްދުމުގެ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފަ އެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް އޭގެ މަސައްކަތްތަކެއް ކުރެވުނެވެ.

ރާއްޖެ އަށް ލީގު ފުޅާކޮށްގެން ބޭއްވޭއިރު، ލީގުގެ ފޯމެޓްގައިވާ ގޮތުން ރާއްޖެ ބަހާލާނީ ހަތަރު ޒޯނަކަށެވެ. ކޮންމެ ޒޯނެއްގައި ވަކިން އޯޕަން ޑިވިޝަނަކާއި ތިން ވަނަ ޑިވިޝަން، ދެ ވަނަ ޑިވިޝަން އަދި އެއް ވަނަ ޑިވިޝަނެއް އޮންނާނެ އެވެ.

ބައްސާމް ވިދާޅުވީ 2023/2024 ގެ ލީގުގެ ފުރަތަމަ މަސައްކަތްތައް މި އަހަރު ފަށަން ޖެހޭ ކަމަށެވެ. އަދި އެކަން ފަސޭހަގޮތަކަށް ކުރުމުގެ ގޮތުން ކޮންމެ ބައެއް (ޑިވިޝަނެއް) ގެންދާނީ ވަކިން ކަމަށް ވިދާޅުވި އެވެ.

"އެއް ފަހަރާ ހުރިހާ ކަމެއް އެއް ވަގުތެއްގައި ކުރިއަށް ގެންދަންވެއްޖިއްޔާ ވާނީ އުނދަގޫ ކަމަކަށް. އެކަމަކު ލީގު ފަށައިގެން ކުރިއަށް ގެންގޮސް ކުރިއަށް އޮތް ދެތިން އަހަރަކަށް ދާއިރު ހަމަ އެއް ފަހަރާ މި ލީގުތަކެއް ކުޅެވިގެންދާނެ،" ބައްސާމް ވިދާޅުވި އެވެ.

ލީގުގެ ޒޯން ބުރުގެ ޑިވިޝަންތަކުގެ މެޗުތައް ކުޅޭނީ ސެންޓްރަލައިޒް ދަނޑުތަކެއްގަ އެވެ. ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅޭނީ ޕްރިމިއާ ލީގުގަ އެވެ. ކޮންމެ ޒޯނެއްގެ ޗެމްޕިއަން ޕްރިމިއާ ލީގަށް ހޮވޭނެ އެވެ.

އެފްއޭއެމުން ބުނީ ލީގު ފަށާއިރު ވެސް ކޮންމެ ޒޯނެއްގައި ރީޖަނަލް އޮފީހެއް ހުންނާނެ ކަމަށެވެ. އެންމެ ފުރަތަަމަ ލީގުގެ އިންތިޒާމްތައް ކުރިއަށްގެންދާނީ އެފްއޭއެމާއި އެ ޒޯން އޮފީހެއް ގުޅިގެންނެވެ. ޒޯން އޮފީހުން ކަންތައްތައް ދަސްކޮށް އެކަމަށް ފަރިތަވާ މިންވަރަށް ބެލުމަށް ފަހު މުސްތަގުބަލުގައި ޒޯން ލީގު އިންތިޒާމް ކުރުމުގެ ފުރިހަމަ ބާރު ޒޯން އޮފީހަށް ދޭނެ އެވެ.

ބައްސާމް ވިދާޅުވީ މުސްތަގުބަލުގައި އެ ގޮތަށް ޒޯން އޮފީހެއްގެ ދަށަށް ލީގުތައް އިންތިޒާމްކުރުން ދޫކޮށްލަން ޖެހޭ ސަބަބެއް އެބައޮތް ކަމަށެވެ. އެއީ މުޅި ދިވެހި ޕްރިމިއާ ލީގު ކުރިއަށް ގެންދާނީ ހާއްސަ ބޯޑެއްގެ ބެލުމުގެ ދަށުން ކަމަށާއި އެއީ ހަގީގަތުގައި އެކަން ވާން ޖެހޭ ގޮތްކަމަށް ފެންނާތީ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"މުޅި ލީގު ވަކި ބޯޑެއްގެ ދަށަށް ދާން ޖެހޭ. އެކަމަށް ޑެޑިކޭޓެޑް ހާއްސަ ބަޔަކު ތިބެގެން އެކަން ކުރުން އެންމެ ރަނގަޅީ. އެފްއޭއެމަށް އޮންނަން ޖެހޭނެ ކަމަކީ މުޅި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް މަސައްކަތާއި ގައުމީ ޓީމާ ގުޅޭ ކަންކަން ކުރުން،" ބައްސާމް ވިދާޅުވި އެވެ.

ދިވެހި ފުޓްބޯޅައިގެ އެންމެ ބޮޑު ލީގުގެ ފޯމެޓަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާއިރު، އެ މަސައްކަތުގެ ތެރެއިން އެފްއޭއެމުން ވަނީ ފުޓްބޯޅަ ކޯޗުންނާއި ކުޅިވަރާ ބެހޭ އެގި ވުޒާރާތަކުގެ ވެރިންނާ ބައްދަލުކޮށް ހިޔާލު ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox