ކުޅުދުއްފުށީ ސިޓީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަވީރު ވަޑައިގެން ފުރަތަމަ ވެސް ޒިޔާރަތް ކުރެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. ރައީސް ސޯލިހުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ތަރައްގީ ކުރަނީ އެ ހޮސްޕިޓަލެވެ.
އެމްޓީސީސީއާ 33 މިލިއަން ރުފިޔާއަށް ހަވާލު ކޮށްގެން މިހާރު ވެސް ހޮސްޕިޓަލްގައި 30 އެނދުގެ ވޯޑް އިމާރާތަކާއި ހަ އެނދުގެ އައިސީޔޫއަކާއި ލެބޯޓްރީ ބޮޑުކުރުމުގެ އިތުރުން ހޮސްޕިޓަލް ވޯކްވޭ އަކުން ގުޅާލުމާއި އޯޕީޑީގެ މަރާމާތުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.
ރައީސް ވަނީ ހޮސްޕިޓަލަށް ވަޑައިގެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ހޮސްޕިޓަލްގެ ވެރިންނާއި އެމްޓީސީސީގެ ވެރިންނާއެކު ބައްލަވާލައްވާފަ އެވެ.
މުޅި ހޮސްޕިޓަލަށް ބޮޑު ބަދަލެއް އަންނާނެ އެ މަސައްކަތްތައް ނިމުމާ ގާތްވެފައިވާއިރު މީގެކުރިން ވެސް ސަރުކާރުން ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފަ އެވެ. އެގޮތުން، ވަކި ގަވާނިން ބޮޑީއަކުން ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ފެށި އެވެ.


ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުޅުދުއްފުށީ ހޮސްޕިޓަލްގައި: އެ ހޮސްޕިޓަލްގެ މަސައްކަތްތައް ވަނީ ބައްލަވާލައްވައިފައި-- ފޮޓޯ: ރައީސް އޮފީސް
މިސަރުކާރުން ހަވާލުވިއިރު 208 މުވައްޒަފުން ތިބި އެ ހޮސްޕިޓަލުގައި މިހާރު 333 މުވައްޒަފުން އެބަތިއްބެވެ. މިދިޔަ އަހަރުން ފެށިގެން މިހާތަނަށް އަލަށް ދިވެހި ފަސް ޑޮކްޓަރަކު އެ ހޮސްޕިޓަލާ ވަނީ ގުޅިފަ އެވެ. އެއީ އެތެރެހައްޓާއި އޮޕަރޭޝަން ޑޮކްޓަރެއްގެ އިތުރުން ކުޑަކުދިންގެ ދެ ޑޮކްޓަރުންނާއި އެމަޖެންސީ ވޯޑްގައި ފަރުވާ ދެއްވާ ޑޮކްޓަރެކެވެ.
މިސަރުކާރުން ހަވާލުވިއިރު އެ ހޮސްޕިޓަލުގަިއ ތިބީ 18 ސްޕެޝަލިސްޓުންނެވެ. މިހާރު ވަނީ އެ އަދަދު 27 އަށް މަތިކޮށްފަ އެވެ. މެޑިކަލް އޮފިސަރުންގެ އަދަދު ނުވަ އަކުން 19 އަށް އިތުރު ކޮށްފައިވާއިރު ޖުމުލަ ޑޮކްޓަރުންގެ އަދަދު ވަނީ 46 އަކަށް އިތުރު ކޮށްފަ އެވެ.
މިފަހުން ކާމިޔާބު ބޮޑެތި އޮޕަރޭޝަންތަކެއް ވެސް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ވަނީ ކޮށްފަ އެވެ. ކޮވިޑްގައި މާލެ ލޮކްޑައުންގައި އޮތުމުން، މާލެ އަތޮޅުން ވެސް މީހުން އެ ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދާފައިވެ އެވެ.
ހޮސްޕިޓަލަށް އަލަށް އިތުރު ކުރި ކަންކަން
- އާ ލޭބާ ރޫމެއް
- ސެންޓްރަލް ސްޓެރަލައިޒޭޝަން ސާވިސަސް ޑިޕާޓްމެންޓެއް
- އެންއައިސީޔޫ ތަރައްގީ ކުރުން
- ރިސަސިޓޭޝަން ރޫމެއް ހަދައި ކުރިޓިކަލް ކެއާ ދޭން ފެށުން
- އޮކްސިޖަން ޕްލާންޓް
- ސްޕީޗު ތެރަޕީ
- އެމްއާރުއައި މެޝިން
- ޕީސީއާރު ލެބް
- އީއީޖީ އަދި ނާރުގެ ޓެސްޓް ހަދަން ފެށުން
ހޮސްޕިޓަލުގެ އާ އިމާރާތް ހެދުމުގެ އިތުރުން އެ ހޮސްޕިޓަލްގެ ލޯންޑްރީ ބޮޑުކޮށް ޒަމާނީ ކުރުމުގެ މަސައްކަތް އެސްޓީއޯއިން އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން ބެކަޕު ޖަނަރޭޓަރެއް ބެހެއްޓުމާއި ބްލަޑް ބޭންކެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އިސްވެރިންނާއި ރައީސް ބައްދަލު ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
އެ ހޮސްޕިޓަލްގެ އޯޕީޑީން މިދިޔަ އަހަރު 101،362 މީހުން ވަނީ ހިދުމަތް ހޯދައިފައިވެ އެވެ. އަދި މިދިޔަ އަހަރު 2،565 މީހަކު އެޑްމިޓް ކޮށްގެން އެ ހޮސްޕިޓަލުން ވަނީ ފަރުވާ ދީފަ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރާއިރު އެ ސިޓީގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އޭގެއިތުރުން ވެސް ކުޅުދުއްފުށީ ސިޓީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. އެގޮތުން، މި އަހަރުގެ ބަޖެޓްގައި ވެސް 146 މިލިއަން ރުފިޔާގެ މަޝްރޫއުތައް ހިމަނާފައިވެ އެވެ. އެއީ ޖުމްލަ 34 މަޝްރޫއުއެކެވެ.
ކޮވިޑުގެ ސަބަބުން އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތައް މަޑުޖައްސަވާލެއްވުމަށްފަހު، ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަންނަވަނީ ކުޅުދުއްފުށީގެ އިތުރުން ހދ. ހަނިމާދޫ އަދި ކުމުންދޫއަށެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި އެ ތިން ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ރައީސް ބައްދަލު ކުރައްވާނެ އެވެ. އަދި އެ ރަށްރަށުގެ ސަރުކާރު މުއައްސަސާތަކަށް ވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ.












