ކުޅުދުއްފުއްޓަށް ރައީސް ވަޑައިގެންނެވުމުން އިދިކޮޅުން އަޑުއުފުލައިފި

Jul 16, 2021, 11:42 AM
ރައީސް ސޯލިހު މިއަދު ކުޅުދުއްފުށީ އެއާޕޯޓްގައި: ޕީޕީއެމްގެ ބަޔަކު ވަނީ އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލާފައި

ރައީސް ސޯލިހު މިއަދު ކުޅުދުއްފުށީ އެއާޕޯޓްގައި: ޕީޕީއެމްގެ ބަޔަކު ވަނީ އެމަނިކުފާނާ ދެކޮޅަށް އަޑުއުފުލާފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންނެވުމުން އިދިކޮޅު، ޕީޕީއެމްއިން އަޑުއުފުލައިފި އެވެ.

ކުޅުދުއްފުށީ ސިޓީއަށް ރައީސް ސޯލިހު މިއަދު ހަވީރު ވަޑައިގެންނެވިއިރު އެ ސިޓީގެ އެއާޕޯޓް ސަރަހައްދުގައި ޕީޕީއެމްއަށް ނިސްބަތްވާ ބަޔަކު އަޑުގަދަކުރާއިން އަޑުއުފުލަމުން ދިޔަ އެވެ.

އެއާޕޯޓް ސަރަހައްދުގައި ޕީޕީއެމްއަށް ނިސްބަތްވާ މީހުން އެކަން ކުރަމުންދިޔައީ އެ ހަރަކާތް ނުބޭއްވުމަށް ފުލުހުން އަންގާފައިވަނިކޮށެވެ. އަދި، ހަރަކާތް ފެށުމުން ވެސް އެކަމަށް ފުލުހުން ހުރަސްއަޅާފައިވެ އެވެ.

ނަމަވެސް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ސިޔާސީ ހަރަކާތް ހިންގޭނެ ކަމަށް ބުނަމުން އެމީހުން އަޑުގަދަކުރާ ބޭނުންކޮށްގެން އެއާޕޯޓް ސަރަހައްދުގައި އެމީހުން ހަރަކާތް ކުރިއަށް ގެންދިޔައީ އެވެ.

ރައީސް ސޯލިހު، އެއާޕޯޓުން ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އިސްތިއުފާއަށް އަޑުގަދަކުރާއިން ގޮވި އެވެ. އަދި، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ވެސް ގޮވާލަމުން ދިޔަ އެވެ.

ކާރުކޮޅަށް އަރާވަޑައިގަންނަވަން ރައީސް ވަޑައިގެންނެވިއިރު، އިދިކޮޅުން އުފުލަމުންދިޔަ އަޑުތަކަށް ސަމާލުކަން ދެއްވާފައެއް ނުވެ އެވެ.

އެއާޕޯޓުން ރައީސް ސޯލިހުގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމަށް ވަޑައިގެން ތިއްބެވީ ސިޓީގެ އިދާރާތަކުގެ ވެރިންނެވެ. ކޮވިޑްގެ ހާލަތު އޮތް ގޮތުން ރައީސަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު އެއްވެ ހަރަކާތްތައް ނުހިނގަން ރައީސް އޮފީހުން ވަނީ އަންގާފަ އެވެ.

މިއީ ކުޅުދުއްފުށި، ސިޓީއަކަށް ބަދަލުވި ފަހުން ރައީސް ސޯލިހު އެ ސިޓީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި، ކުޅުދުއްފުށީ އެއާޕޯޓަށް ވެސް ރައީސް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ކުޅުދުއްފުށީގައި މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދަނީ އެ ސިޓީގެ ހޮސްޕިޓަލްގެ ހިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތްތަކެވެ. އަދި، ކުޅުދުއްފުށީ ސިޓީގައި ޓާޝަރީ ހޮސްޕިޓަލެއް ވެސް އަޅަން މި ސަރުކާރުން ވަނީ ނިންމާފަ އެވެ.

މި ދަތުރުފުޅުގައި ކުޅުދުއްފުށީ ސިޓީގެ ހޮސްޕިޓަލަށް ރައީސް ސޯލިހު ޒިޔާރަތް ކުރައްވައި، އެތަނުގައި ކުރިއަށްދާ މަސައްކަތްތައް ބައްލަވާލައްވާނެ އެވެ. އަދި، އެ ސިޓީ ބައެއް އެހެން ތަންތަނަށް ވެސް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ކޮވިޑުގެ ސަބަބުން އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތައް މަޑުޖައްސަވާލެއްވުމަށްފަހު، ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަންނަވަނީ ކުޅުދުއްފުށީގެ އިތުރުން ހދ. ހަނިމާދޫ އަދި ކުމުންދޫއަށެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގައި އެ ތިން ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ރައީސް ބައްދަލު ކުރައްވާނެ އެވެ. އަދި އެ ރަށްރަށުގެ ސަރުކާރު މުއައްސަސާތަކަށް ވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox