ކޮވިޑާ ގުޅިގެން ކްރެޑިޓް ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ އަދަދު ހިފަހައްޓާފައި އޮތުމަށް ފަހު، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެ ލިމިޓު އިތުރުކުރަން ނިންމާފައިވާކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިއުލާންކޮށްފި އެވެ.
މިއަދު ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ކްރެޑިޓު ކާޑުން ބޭރުގެ މުއާމަލާތްތައް ކުރެވޭ އަދަދު އިތުރު ކުރާނެކަން އިއުލާންކުރެއްވި ނަމަވެސް، ލިމިޓްތަކަށް އަންނަ ބަދަލު އަދި ހިއްސާކޮށްފައެއް ނުވެ އެވެ.
ބީއެމްއެލްއިން މައުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކަސްޓަމަރުންނާ ތަފްސީލުތައް ހިއްސާ ކުރާނެ އެވެ.
މިހާރު ބެންކުގެ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކަށް ބޭރުގެ މުއާމަލާތްތައް ކުރެވޭ ލިމިޓަކީ މަހަކަށް 250 ޑޮލަރެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ލިމިޓަކީ މަހަކު 750 ޑޮލަރެވެ. އަދި ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް އެމެރިކާ ޑޮލަރުން ކަނޑައަޅާފައިވާ ކަސްޓަމަރުންނަށް ލިމިޓަކީ ދުވާލަކު 3000 ޑޮލަރެވެ.
ބީއެމްއެލްގެ ކާޑުތަކުގެ ލިމިޓްތަކަށް ބަދަލު ގެނައީ ކޮވިޑާ ގުޅިގެން ޑޮލަރު ލިބުން ދަތިވުމާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
މިކަމާ ގުޅިގެން ކަސްޓަމަރުން ހިތްހަމަނުޖެހުން ފާޅުކުރި ނަމަވެސް، ބޭންކުން ބުނީ އޭރު އިސްކަން ދިނީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ ޒަރޫރީ މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރު ހަމަޖެއްސުމަށް ކަމަށެވެ. އަދި އޭރު ކަންބޮޑުވާ މިންވަރަށް ރާއްޖޭން ޑޮލަރު ބޭރުވަމުން ދިޔަކަން ފާހަގަކުރި އެވެ.











