ކުރިން ބޭނުން ކުރި ކަރުދާސް ނޫޓުތަކުގެ ތެރެއިން ފަސް ޕަސެންޓް އަދިވެސް ނުލިބޭ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.
ކަރުދާސް ނޫޓުތައް ރާއްޖޭގައި ބޭނުންކުރުން ހުއްޓާލީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅިގެން ޖެނުއަރީ، 2016 ގައި ނެރުނު "ރަން ދިހަފަހެއް" ސީރީޒްގެ ޕޮލިމާ ނޫޓުތައް ބޭނުންކުރަން ފެށި ފަހުންނެވެ. އަދި އެ އަހަރުގެ އޮގަސްޓް މަހު އެ ފައިސާ ބޭނުން ކުރުން ހުއްޓާލި ދުވަހުން ފެށިގެން އެމްއެމްއޭ އިން އަންނަނީ ކަރުދާސް ނޫޓުތައް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި މިހާތަނަށް އޭރު ދައުރު ވަމުން ދިޔަ 2.9 ބިލިއަން ރުފިޔާގެ ނޫޓުގެ 95 ޕަސެންޓް އަނބުރާ ލިބިއްޖެ އެވެ. އަދި ނުލިބި ހުރި ފައިސާގެ އަގަކީ ގާތްގަނޑަކަށް 145 މިލިއަން ރުފިޔާ ކަމަށް ބުންޏެވެ.
މި ނޫޓުތައް ބަދަލު ކުރަން ހުށައެޅޭނެ އެންމެ ފަހުގެ ތާރީހަކީ ޖުލައި 31 އެވެ. އަދި އެ ތާރީހާ ހަމައަށް އެމްއެމްއޭގެ ބޭންކިން ހިދުމަތްތައް ދޭ ގަޑިތަކުގައި އެ އޮތޯރިޓީއަށް ހުށައަޅައިގެން މިހާރު ބޭނުންކުރާ "ރަން ދިހަފަހެއް" ނޫޓަށް ކަރުދާސް ނޫޓުތައް ބަދަލު ކުރެވޭނެ އެވެ.
އެގޮތުން ކުރިން ބޭނުން ކުރަމުން އައި 5، 10، 20، 50، 100 އަދި 500ރ. ގެ ކަރުދާސް ނޫޓުތައް އެމްއެމްއޭ އިން ބަދަލުކޮށްދޭނެ އެވެ. މީގެ ތެރެއިން 500ރ. ނޫޓުތަކުގެ ތެރެއިން ބަދަލުކޮށްދޭނީ 2006 ވަނަ އަހަރުގެ ފަހުން ދައުރު ކުރަން ފެށި ކަރުދާސް ނޫޓު އެކަންޏެވެ.
އެމްއެމްއޭއިން ވަނީ ކަނޑައަޅާފައިވާ ތާރީހުގެ ފަހުން ހުށައަޅާ ނޫޓުތައް ބަދަލު ނުކޮށްދޭނެ ކަން އާންމުކޮށް އަންގާ އިއުލާންކޮށްފަ އެވެ. އަދި މިހާރު ބޭނުންކުރާ ޕޮލިމާ ނޫޓަށް ކުރީގެ ނޫޓުތައް ބަދަލުކުރަން އިތުރު ފުރުސަތެއް ނުލިބޭނެ ކަމަށް ވަނީ އަންގާފަ އެވެ.
މިހާރު ބޭނުންކުރާ ޕޮލިމާ ނޫޓުތަކަކީ ކުރީގެ ނޫޓުތަކާ ހިލާފަށް ގިނަ ސެކުއިރިޓީ ފީޗާތަކެއް ހިމެނޭ ބޭނުން ކުރަން ފަސޭހަ ނޫޓުތަކެކެވެ.
އެމްއެމްއޭ ގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި މި ވަގުތު ރާއްޖޭގައި ދައުރު ކުރަމުން އަންނަ ނަގުދު ފައިސާގެ އަގަކީ 3.9 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 83 ޕަސެންޓަކީ 500ރ. ގެ ނޫޓެވެ.









