މި އަހަރު އަޟުހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
ކޮވިޑްއާ ގުޅިގެން މި އަހަރުގެ ފިތުރު އީދު ނަމާދު ނުކުރެ އެވެ. އަދި މިދިޔަ އަހަރު މާލެ ސަރަހައްދުގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފައެއް ވެސް ނުވެ އެވެ.
ނަމަވެސް، ކޮވިޑްގެ ހާލަތު މާލޭގައި ވެސް ރަނގަޅުވެފައިވާތީ މި އީދު ނަމާދު މިސްކިތްތަކުގައި ކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް "އަދަދު"އަށް ވިދާޅުވި ގޮތުގައި އީދު ނަމާދު މިސްކިތްތަކުގައި އޮތް ނަމަވެސް ބޮޑު ޖަމާއަތް ނޯންނާނެ އެވެ.
ނަމަވެސް ކޮވިޑްގެ ހާލަތު ނެތް ރަށްރަށުގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވަން އެދެފިނަމަ ހުއްދަ ދޭން ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ ޖުލައި މަހުގެ 20 ވަނަ ދުވަހެވެ.
ކޮވިޑް މާބޮޑަށް ފެތުރެން ފެށުމާ ގުޅިގެން، މިދިޔަ މެއި މަހުގެ 12 އިން ފެށިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލި އެވެ. ނަމަވެސް މިދިޔަ ޖޫން މަހު ދިން ލުއިތަކާއެކު އަނެއްކާވެސް ވަނީ ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދީފަ އެވެ.
ނަމާދު ކުރުމުގައި އެޗްޕީއޭން ކަނޑައަޅަފައިވާ އުސޫލާ އެއްގޮތަށް އަމަލުކޮށް ޖަމާއަތުގައި ނަމާދު ކުރުމުގައި ގައިދުރުކަން ބެހެއްޓުމަށާއި މިސްކިތަށް ދާއިރު މާސްކް އަޅައިގެން ތިބުމަށާއި އަމިއްލަ މުސައްލަ ގެންދިއުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.












