ރިޕޯޓުހަމަލާގެ އިންކުއަރީން ވެސް ޖަވާބު ނުލިބޭ ބޮޑު ސުވާލު!

ހަމަލާގެ އިންކުއަރީން ވެސް ޖަވާބު ނުލިބޭ ބޮޑު ސުވާލު!

އާންމުންކޮށް އަންގާފައިނެތް ނަޝީދުގެ މޫވްމަންޓެއް އަދުހަމަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެ މައުލޫމާތު އޭނާއަށް ދިނީ ކާއްކު ހެއްޔެވެ؟ އެ ގަޑީގައި ހަމަލާދޭން އޭނާ ހިޔާރުކުރީ ސެކިޔުރިޓީ ޓީމު މަދުކޮށްފައި އޮތީމާ ހެއްޔެވެ؟ އެކަން އޭނާއަށް ދުރާލައި އަންގާފައިއޮތް ހެއްޔެވެ؟

ހަމަލާގެ އިންކުއަރީން ވެސް ޖަވާބު ނުލިބޭ ބޮޑު ސުވާލު!

މީގެ 65 ދުވަސް ކުރިން، މާލޭގެ އެންމެ ކާރޫބާރު ބޮޑު މަޖީދީމަގުގެ މެދުގައި ބޮމެއް ގޮއްވާލައިގެން، ރާއްޖޭގެ އެންމެ ހައި ޕްރޮފައިލް ސިޔާސީ ލީޑަރު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާއެކު ސިކުނޑީގައި ބޮޑު އެއް ސުވާލުމާކު ޖެހުނެވެ.

އެ ނުރައްކާތެރި ހަމަލާގެ މައުލޫމާތުތައް މަޑުމަޑުން ތިލަވަމުން އައިއިރު އެ ސުވާލަށް ވެސް ޖަވާބު ލިބޭނެ ކަމަށް އުއްމީދުކުރެވުނެވެ. އެކަމަކު އެ ހަމަލާދިން މީހުން ހައްޔަރުކުރުމާއި، އެކަމަށް ފަންޑުކުރި ބައެއްގެ ސުވާލުތަކުގެ ތެރޭގައި، އެންމެ ފުރަތަމަ ސިކުނޑީގައި އުފެދުނު ސުވާލު އެންމެ ފަހަތަށް ވެއްޓުނީ އެވެ.

ފަންޑުކުރި މީހުން ހޯދަން ގޮވަމުންދަނިކޮށް، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުޅި މަޖިލިސް އިގުރާރުވެގެން އެ ހަމަލާގެ ޕާލިމަންޓަރީ އިންކުއަރީއެއް ވަނީ ހިންގައިފަ އެވެ.

ސަލާމަތީ ބާރުތަކާއި ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ހާޒިރުކޮށް، ސުވާލުކޮށްގެން އެކުލަވާލާފައިވާ 270 އަށް ވުރެ ގިނަ ގަނޑުގެ ރިޕޯޓުން ކުރިން ނޭނގޭ އެތައް ކަމެއް ވަނީ ތިލަވެފަ އެވެ.

ރާއްޖޭގައި އިންޓެލިޖެންސް ނިޒާމުގައި ހުރި ބޮޑެތި ބާގަނޑުތަކެވެ. ސެކިއުރިޓީ ފޯރުކޮށް ދިނުމުގައި ހުރި ދޯހަޅި ކަމެވެ. އެ މުއައްސަސާތަކުގެ ވެރިން ވެފައިވާ އިހުމާލުތަކެވެ.

ގާތްގަނޑަކަށް ދޮޅު މަސް ދުވަހުން ހިންގި އެ އިންކުއަރީއަކީ ތަހުގީގެއް ނޫން ކަމަށް މަޖިލީހުގެ 241 ކޮމިޓީން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދިޔައީ ބުނަމުންނެވެ. އެއީ ނަޝީދުގެ ސެކިޔުރިޓީ ބްރީޗުވި ގޮތުގެ އިންކުއަރީއެކެވެ. ގިނަ ބަޔަކު ކިތަންމެ ބޭނުންވެފައިތިބި ނަމަވެސް، އެ ހަމަލާއަށް ފަންޑުކުރި ބަޔަކު އެ ރިޕޯޓުން ސާފުނުކޮށްދެވޭނެ ކަމެވެ.

އެ ހަމަލާގެ ފަހަތުގައި ތިބި ބަޔަކު އެ ރިޕޯޓުން ހާމަނުވިޔަސް، ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން، އެ ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިގޮތް ވަރަށް ތަފްސީލުކޮށް އެ ރިޕޯޓުގައި ހިމަނާފައި ވެ އެވެ.

އެހެންކަމުން އެ ރިޕޯޓު ކިޔަމުންދިޔައިރު، އެއްކަލަ ސުވާލަށް ކޮންމެވެސް ވަރެއްގެ ޖަވާބެއް ލިބޭނެކަމަށް ހީކުރެވުނެވެ.

ކުރުނބާގެ މޫވްމަންޓު

ނަޝީދަކީ އަބަދުވެސް ގިނަ ބަޔަކާ ބައްދަލުކުރައްވައި، ގިނަ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅެކެވެ. އެ ބައްދަލުވުންތަކުގެ ޒާތުން، ނަޝީދުގެ ގިނަ މޫވްމަންޓްސް މީޑިއާތަކުގެ އިތުރުން އާއްމުންނަށް ވެސް ދުރާލައި އަންގަ އެވެ.

ނަމަވެސް، އެ ދުވަސްވަރަކީ ފުރަތަމަ ދައުރު ނިންމައި މަޖިލިސް ވެސް ޗުއްޓީގައި އޮތް ދުވަސްވަރެކެވެ. އަދި މެއި 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު ވަޑައިގެންނެވީ ރަސްމީ ބައްދަލުވުމަކަށް ނޫންކަމުން، އޭގެ މައުލޫމާތެއް މާގިނަ ބަޔަކަށް އެނގިފައިނުވާކަން އިންކުއަރީ ރިޕޯޓުން ވެސް ސާފުވެ އެވެ.

އެ ދުވަހު ފުރަތަމަ ހަމަޖެހިފައިއޮތީ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރޯދަ ވީއްލުމަކަށް ނަޝީދު ވަޑައިގަންނަވާ ގޮތަށެވެ. ރިޕޯޓުގައި ބުނާގޮތުން، އެކަން މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ ރުގިއްޔާ އަހުމަދު ދީދީ، ސެކިއުރިޓީ ކޯޑިނޭޓަރު އަދި ޕީއެސްސޯ ސާޖެންޓް ފަސްޓް ކްލާސް އިބްރާހީމް ސިމާދަށް ފޯނުން ގުޅުއްވައި އެންގެވީ އެދުވަހުގެ ހެނދުނު 9:42 ގަ އެވެ.

ނަމަވެސް، އެ ދުވަހުގެ މެންދުރު 1:15 ކުރުނބާ މޯލްޑިވްސްއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ މޫވްމަންޓް ކެންސަލްވިކަމަށް ރުގިއްޔާ އަންގަވާފައި ވެ އެވެ.

އޭގެ ފަހުން، އެ މޫވްމަންޓް އަލުން ރޭވި، މެންދުރުފަހު 3:40 ގައި ކާނަލް ނަސްރުالله އިބްރާހީމް މަޖުދީ، ސިމާދަށް ގުޅުއްވައި، އެ އިވެންޓް ކެންސަލް ނުވާ ކަމަށާއި، އެކަން ރުގިއްޔާގެ ކައިރިން ސާފުކުރަން އެންގި ކަމަށް ރިޕޯޓުގައި ބުންޏެވެ.

އަދި ސިމާދު ރުގިއްޔާއަށް ގުޅުމުން އެ ރޯދަވީއްލުން، އެރޭ ރޭގަނޑުގެ ތަރާވީހަކަށް ބަދަލުވެފައިވާ ކަމަށާއި، ނަޝީދު ކުރުނބާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެ ރޭ 8:30 ގައި ކަމަށް ބުނެފައި ވެ އެވެ.

ހަމަލާދޭން އެތައް ފުރުސަތެއް

އެ ރިޕޯޓުން އެނގޭ ގޮތުގައި އައިއިޑީ ހަރުކޮށްފައިވަނީ ސައިކަލު ނީލޯފަރު ހިނގުމާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޕާކުކޮށްފައިވަނީ، އެ ސައިކަލު ގޮއްވައިލުމުގެ އެއް ދުވަސްކުރިން، މެއި 5 ވަނަ ދުވަހުގެ ރޭ 8:01 ގަ އެވެ.

އެއަށްފަހު، މެއި 6 ވަނަ ދުވަހުގެ ރޭ 8:27 ގައި އައިއީޑީ ގޮއްވާލުމާ ހަމައަށް އެ ސައިކަލު އެ ތަނުގައި ޕާކުކޮށްފައި ހުރިގޮތަށް ހުރީ އެވެ.

މިހާރު ތިލަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެތަނުގައި ސައިކަލު ބެހެއްޓި ވަގުތުން ފެށިގެން ހަމަލާދިނުމާ ހަމައަށް، ނަޝީދުގެ ޖުމްލަ ހަތަރު ފަހަރު ގެއިން ނުކުމެވަޑައިގެންފައި ވެ އެވެ.

ރިޕޯޓުގައި ބުނާ ގޮތުން ސައިކަލު ބެހެއްޓިތާ ގާތްގަނޑަކަށް ބައިގަޑިއިރު ފަހުން، މެއި 5 ގެ ރޭ 8:30 ގައި ނަޝީދުގެ މޫވްމަންޓެއް އޮތެވެ.

އަދި މެއި 6 ގެ ހެނދުނު މަޖިލީހުގެ އިދާރާއަށް ވެސް ވަޑައިގެންފައިވާއިރު، އެދުވަހުގެ މެންދުރު 1:00 ގައި އެމަނިކުފާނު އެމްޑީޕީގެ އޮފީހަށް ވެސް ވަޑައިގެންނެވި އެވެ. އެންމެ ފަހުން ގެއިން ނުކުމެވަޑައިގެންނެވީ ނޫސްވެރިންގެ ބައްދަލުވުމަކަށެވެ. އެކަން އޮތީ މީޑިއާތަކުގެ އިތުރުން ސޯޝަލް މީޑިއާގައި ވެސް އާއްމުކޮށްފަ އެވެ.

އެގޮތުން ބަލާއިރު، އެއީން ކޮންމެ ފަހަރަކު ގެއިން ނުކުމެ ވަޑައިގެންނެވިއިރު އާއި، އެނބުރި ގެއަށް ވަޑައިގެންނެވިއިރު ވެސް ގޮއްވާލަން ރެޑީކޮށްފައި ހުރި ސައިކަލު އެތަނުގައި ޕާކުކޮށްފައި ހުންނާނެ އެވެ.

އަދުހަމް އެއް ގަޑިއިރުކުރިން ދިޔަ

ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުން، އެއްފަހަރަށްވުރެ ގިނަ ފަހަރަށް ނީލޯފަރު ހިނގުމުގައި ހަރަކާތްތެރިވެ، ގ. ކެނެރީގެ ސަރަހައްދު ސާވެއިލް ކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެ އެވެ.

އަދި ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގެ ގަޑިއެއްހާ އިރު ކުރިން އަދުހަމް އަހުމަދު ރަޝީދު އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.

އަދުހަމްއަކީ ނަޝީދު ކާރުކޮޅާ އަރާހަމަވިތަނާ ބޮން ގޮއްވާލަން ރިމޯޓަށް ފިއްތާލި މީހާ އެވެ. އެމަނިކުފާނު ކެނެރީގެއިން ނުކުންނަވައި މަޖީދީމަގުގައި އޮތް ކާރުކޮޅާ ހިސާބަށް ވަޑައިގަންނަވަންދެން އަދުހަމް އަތަމާ ޕެލަސް ގޯޅިތެރޭގައި ހުންނަތަން ފެންނަ ވީޑިއޯއެއް ވެސް ފުލުހުން އާއްމުކޮށްފައިވެ އެވެ.

"އަދުހަމް އަހުމަދު ރަޝީދު، އޭނާ ގެ އެއްފައި އަތަމާ ޕެލަސް ގޯޅީގެ ފާރެއްގައި ޖައްސައިގެން ލެނގިލައިގެން ކޮއްޅަށް، ރައީސް މުހައްމަދު ނަޝީދު ގެކޮޅުން ނިކުމެވަޑައިގަންނަވާނެ ވަގުތެއްގެ އިންތިޒާރުގައި، ނީލޯފަރު ހިނގުމާ ދިމާއަށް ބަލަން ހުރިކަމަށާއި، އެވަގުތު އޭނާގެ ކަނާއަތުގައި ރިމޯޓެއްފަދަ އެއްޗެއް އޮތް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދީފައި ވެ އެވެ،" ރިޕޯޓުގައި ބުންޏެވެ.

ނަމަވެސް، އޭގެ ކުރިން ނަޝީދު ގެއިން ނުކުމެވަޑައިގެންނެވި ތިން ފަހަރު، އަދުހަމް އެ ސަރަހައްދުގައި އުޅުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް ރިޕޯޓުގައި ބުނެފައެއް ނެތެވެ.

ހަމަލާދިނީ ސެކިއުރިޓީ ޓީމު މަދުކުރި ފަހަރު

އެހެންކަމުން، އެ އައިއީޑީ ގޮއްވައިލީ ނަޝީދު ގެއިން ނުކުމެވަޑައިގެންނެވި ހަތަރު ވަނަ ފަހަރުކަމީ އިއްތިފާގެއް ކަމަށް ބުނު ފަރުޖައްސާލުމަށްވުރެ މާ ބޮޑެތި ކަންތައްތަކެއް ރިޕޯޓުން ފެންނަން އެބަހުއްޓެވެ.

ނަޝީދަށް ކުރިން ދެވިފައިވާ އިންޒާރުތަކަށް ބަލައި، އެމަނިކުފާނުގެ ކޮންމެ މޫވްމަންޓެއްގައި އަރިހުގައި ތިބޭ ބޮޑީގާޑުންގެ އަދަދު އޮތީ އިތުރުކޮށްފަ އެވެ. އެ އަދަދު ކަނޑައަޅާފައިވަނީ ހިމާޔަތް ދެވޭ މީހާގެ "ބޮޑީ ކަވާ" އަށް ވިސްނައިފަ އެވެ.

ނަމަވެސް، ބޮން ގޮއްވައިލި ވަގުތު، އެމަނިކުފާނުގެ އަރިހުގައި ތިބި ސެކިއުރިޓީ ޓީމު ވަނީ މަދުވެފަ އެވެ. އެއީ ކުރުނބާއިން އަރިހުގައި ވަޑައިގަންނަވާ އެންމެންގެ ނެގެޓިވް ޕީސީއާރު ޓެސްޓެއް ބޭނުންވާނެކަމަށް ބުނުމުން، ޓެސްޓް ނެގެޓިވް ރިޕާޓު ލިބިފައިވާ އަދި އެ ވަގުތު ޑިއުޓީގައި ނެތް ބޮޑީގާޑުން ނެތުމުންނެވެ.

އުސޫލާ ހިލާފުކަމެއް ނަމަވެސް، އެޑްވާންސް ޓީމުގެ ގޮތުގައި ކުރުނބާއަށް ފޮނުވީ ނަޝީދުގެ އަރިހުގައި ތިއްބަވަންޖެހޭ ސެކިޔުރި ޓީމުގެ އޮފިސަރުންނެވެ.

"އެ އަދަދަށް ބޮޑީގާޑުންގެ ޓީމެއް ރައީސް މުހައްމަދު ނަޝީދު އަރިހުގައި ތިބިނަމަ، މެއި 6 ގެ ހަމަލާދިން ގަޑީގައި، އެ ހަމަލާ ދިން މީހާއަށް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވައިލި ގަޑީގައި ރައީސް މުހައްމަދު ނަޝީދު ފުރިހަމައަށް ފެނުމުގެ ފުރުސަތު ކުޑަވީސް ކަމަށާއި އަދި އެ އަދަދަށް ބޮޑީގާޑުން ތިބިނަމަ، "ބޮޑީ ކަވާ" އިން އިތުރަށް ހިމާޔަތް ކުރުމުގެ ފުރުސަތު އިތުރުވީސްކަމަށް މި އިންކުއަރީއަށް މައުލޫމާތު ދެއްވި ތަޖުރިބާކާރުން ވިދާޅުވި އެވެ،" ރިޕޯޓުގައި ބުނެފައި ވެ އެވެ.

އަދި ޓީމުން ބަޔަކު މަދުކުރުމަކީ އައިއީޑީ ގޮއްވައިލުމުން ބުރައިގެން ދިޔަ ރޭޒާފުއްތައް ނަޝީދާ ހަމައަށް ފޯރައި އެ މިންވަރަށް ޒަހަމްވުން އިތުރުވި ކަމެއްކަން ވެސް އިންކުއަރީއަށް ފާހަގަކުރެވުނުކަމަށް ބުނެފައި ވެ އެވެ.

ފަންޑުކުރި ބަޔަކު ހޯދަން އެންމެ ކުރު މަގު؟

އެ ހުރިހާ މައުލޫމާތެއްގެ އަލީގައި އެއް ކަމެއް ވަރަށް ސާފެވެ.

އެ ގަޑީގައި ނަޝީދު ގެއިން ނުކުމެވަޑައިގަންނަވާނެކަން އަދުހަމަށް ދުރާލައި އެނގިފައި އޮތް ކަމެވެ. އެއް ގަޑިއިރުކުރިއަށް އޭނާ އެތަނަށް ދިޔައީ 8:30 ގެ ކުރިން ނަޝީދު ކުރުނބާއަށް ވަޑައިގަންނަވާނެކަން އެނގިގެންނެވެ.

އެއީ ހަމަ ބޮން ގޮއްވާލުމާއެކު ސިކުނޑީގައި އުފެދުނު ފުރަތަމަ ސުވާލެވެ.

އާއްމުންކޮށް އަންގާފައިނެތް ނަޝީދުގެ މޫވްމަންޓެއް އަދުހަމަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އެ މައުލޫމާތު އޭނާއަށް ދިނީ ކާއްކު ހެއްޔެވެ؟ އެ ގަޑީގައި ހަމަލާދޭން އޭނާ ހިޔާރުކުރީ ސެކިއުރިޓީ ޓީމު މަދުކޮށްފައި އޮތީމާ ހެއްޔެވެ؟ އެކަން އޭނާއަށް ދުރާލައި އަންގާފައިއޮތް ހެއްޔެވެ؟

އެ މައުލޫމާތު ހިއްސާކުރެވިގެން އައި ތަރުތީބަށް ބަލާއިރު، ނަޝީދު ކުރުނބާއަށް ވަޑައިގަންނަވަން އޮތް ކަން އެނގިފައި އޮތީ މަދު ބަޔަކަށެވެ. ހާއްސަކޮށް މަދު ވަގުތުކޮޅެއްގެ ތެރޭގައި އެ މޫވްމަންޓަށް އައި ބަދަލުތަކުގެ ސަބަބުންނެވެ.

އެ މައުލޫމާތުގެ ފުރަތަމަ މަސްދަރަކީ މަޖިލީހުގެ އިދާރާގެ ބިއުރޯގެ އިތުރުން އެމްއެންޑީއެފްގެ އެސްޕީޖީ އެވެ. އަރިހުގައި ވަޑައިގަންނަވާ ސެކިޔުރިޓީ ޓީމުގެ ޕީސީއާރު ޓެސްޓު ހައްދަންޖެހޭތީ އެކަމުގެ މުއާމަލާތްތަކެއް ސެނަހިޔާ ހޮސްޕިޓަލާ ހިއްސާ ކުރެވުނުކަން ރިޕޯޓުން އެނގެ އެވެ. އެހެންކަމުން ނަޝީދު ވަޑައިގަންނަވަން އޮތް ސީދާ ގަޑި އެ ހޮސްޕިޓަލުގެ ކޮންމެ ވެސް ބަޔަކާ ހިއްސާކުރެވިފައި އޮތުން ގާތެވެ.

އޭގެ އިތުރަށް ބަލާއިރު، ނަޝީދު ކުރުނބާއަށް ވަޑައިގަންނަވަން ހަމަޖެހިފައިއޮތީ އެ ރިސޯޓުގެ ލޯންޗެއްގަ އެވެ. އެހެންވީމާ، ރިސޯޓުގެ ބަޔަކަށް ވެސް އެ މައުލޫމާތު އެނގޭނެ އެވެ. އަދި ކުރުނބާގައި ނަޝީދު ބައްދަލުކުރައްވަން ހަމަޖެހިފައިއޮތް ބަޔަކަށް ވެސް އެ މޫވްމަންޓުގެ މައުލޫމާތު ދުރާލައި އެނގޭނެ އެވެ.

ކޮންމެ ގޮތަކަށް ބެލި ނަމަވެސް، އެ ހަމަލާދިން މީހުންނަށް ނަޝީދުގެ މޫވްމަންޓުގެ މައުލޫމާތު ލިބުނު މަސްދަރެއް އޮންނާނެ އެވެ. ދެން އެއީ އާންމުކޮށް އަންގާފައިނެތް މޫވްމަންޓެއް ކަމުން، އެ މައުލޫމާތު ލީކުވި ގޮތް ބަލަން ދަމަންޖެހޭ ރޮދިތައް މަދުވާނެ އެވެ.

އެއާއެކު، އެންމެ ފުރަތަމަ އުފެދުނު ސުވާލުގެ ޖަވާބަކީ، ފަންޑުކުރި ބަޔެއްގެ ބޮޑު ސުވާލަށް ޖަވާބެއް ހޯދުމުގެ އެންމެ ކުރު މަގު ކަމަށް ވުމުގެ ފުރުސަތު ވަރަށް ވެސް ބޮޑެވެ.

މުހައްމަދު ވިޝާމް

--

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox