އެހީތެރިކަން ބޭނުންވާ މަންމައިންނާއި ދަރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ މަމްސް އިން ބާއްވާ "މަމްސް އޮންލައިން އެކްސްޕޯ 2021" ފަށައިފި އެވެ.
ފަންޑް ރެއިޒިން ހަރަކާތެއްގެ ގޮތުގައި ކުރިޔަށް ގެންދާ އެކްސްޕޯ ބާއްވާ މިއީ ތިން ވަނަ އަހަރެވެ. އަދި ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ކުރީ އަހަރެކޭ އެއް ގޮތަށް މި އަހަރުގެ އެކްސްޕޯ ވެސް ބާއްވަނީ އޮންލައިންކޮށެވެ.
މަމްސް އޮންލައިން އެކްސްޕޯއާ ގުޅޭގޮތުން ފާތުމަތު ރިޔާސާ (ރީޝް) "އަދަދު"އަށް ބުނި ގޮތުގައި މި އެކްސްޕޯ ކުރިޔަށް ދާނީ މިއަދުން ފެށިގެން ފަސް ދުވަހަށެވެ. އަދި މި އަހަރުގެ އެކްސްޕޯގައި ސަތޭ ސަތޭކައަށް ވުރެ ގިނަ އެގްޒިބިޓަރުން/ވިޔަފާރިތަކުގެ އުފެއްދުންތައް ފެންނާނެ ކަމަށް އޭނާ ބުންޏެވެ.
އެކްސްޕޯގެ ފުރަތަމަ އަހަރުގައި އަންހެނުން އިސްވެ ހިންގާ ވިޔަފާރިތަކަށް އެކަނި ފުރުސަތު ދިން ނަމަވެސް، މިދިޔަ އަހަރާއި މި އަހަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ބޮޑެތި ވިޔަފާރިތަކަށް ފުރުސަތު ވަނީ ދީފަ އެވެ.
ހުރިހާ ގިންތިއެއްގެ ވިޔަފާރިއަކަށް އެކްސްޕޯގައި ބައިވެރިވާން ފުރުސަތު ހުޅުވާލަން ނިންމީ ކޮވިޑްގެ ތެރޭގައި ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ހީނަރުކަމުގެ ތެރޭގައި އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ނިޔަތުގައި ކަމަށް އޭނާ ބުންޏެވެ. އަދި އެކަށީގެންވާ ވަރުގެ ތަރުހީބެއް ލިބެމުން އަންނަ ކަން ފާހަގަކުރި އެވެ.
މި އެކްސްޕޯ އޮންލައިންކޮށް ބާއްވާތީ މާލެ އާއި މާލެ ކައިރި އަތޮޅުތަކުގެ ވިޔަފާރިތަކުގެ އިތުރުން ދުރު އަތޮޅުތަކުގައި ހިންގާ ވިޔަފާރިތަކުން ވެސް ބައިވެރިވި ކަމަށް މަމްސް އިން މައުލޫމާތު ދެ އެވެ. އަދި ގިނަ އަދަދަކަށް އަންހެން ވިޔަފާރިވެރިން ވެސް ހިމެނޭތީ އެކަން ވެސް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރި އެވެ.
ފޭސްބުކްގެ ޒަރިއްޔާއިން ކުރިޔަށް ގެންދާ އެކްސްޕޯގައި ބައިވެރިވާ ވިޔަފާރުތަކުގެ އުފެއްދުންތައް މަމްސްގެ ޕޭޖުން ފެންނަން ހުންނާނެ އެވެ. އަދި އެއްވެސް އެއްޗެއް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އެ ވިޔަފާރިއެއްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ވިއްކާ ތަކެތި ގަނެވޭނެ އެވެ.
މަމްސްއިން އަންނަނީ އެކްސްޕޯގައި ބައިވެރިވާ ހުރިހާ ވިޔަފާރިތަކުގެ ޕްރޮޑަކްޓް އަލްބަމްތައް ސްޕޮންސަރު ކޮށްފައިވާ ޕޯސްޓްތަކުގެ ގޮތުގައި ބޫސްޓް ކުރަމުންނެވެ. މީގެ ސަބަބުން އެކްސްޕޯގެ ބައިވެރިންގެ ޕޭޖްތައް ބޮޑު އޯޑިއެންސަކަށް ފެންނާނެ ކަމަށް އެ އެންޖީއޯއިން އުއްމީދު ކުރެ އެވެ.











