ރިސޯޓްތަކުގެ މުވައްޒަފުންނަށް ލުޔެއް ނުލިބުމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، ވެކްސިން ފުރިހަމަކޮށްފައި ތިބި މުވައްޒަފުންނަށް ކަރަންޓީނާ ނުލައި ޗުއްޓީއަށް ދެވޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކުރެއްވި ޓޫވީޓެއްގައި ވިދާޅުވީ ޕީސީއާރު ޓެސްޓް ނެގެޓެވް މުވައްޒަފުންނަށް ކަރަންޓީނަކާ ނުލައި ދަތުރުކުރެވޭނެ ގޮތަށް ސަރުކާރުން ނިންމާފައިވާ ކަަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ 97 ޕަސެންޓަށް އެއް ޑޯޒް އަދި 71 ޕަސެންޓް މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ. ރާއްޖޭގައި ރިސޯޓް މުވައްޒަފުންނަށް ވެކްސިން ޖަހަމުން އަންނަނީ އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންގެ ގޮތުގައި ބަލައިގެންނެވެ.
ނަމަވެސް މިވީހާ ދުވަހު ވެކްސިން ފުރިހަމަކޮށްފައި ތިބި މުވައްޒަފުންނަށް ލުއި ނުދީގެން އެ މުވައްޒަފުންގެ ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ މެދު ތެރޭގައި ބޯޑަރު އަލުން ހުޅުވާލި ފަހުން ރިސޯޓަށް ދިޔަ ގޮތަށް އާއިލާއާ ބައްދަލުނުވާ މުވައްޒަފުން ވެސް ހިމެނެ އެވެ.
މި މުވައްޒަފުން ހިމެނޭ ގޮތަށް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ކުރިން ލުއި ދިން ނަމަވެސް، އޭރެ ދަތުރުކުރެވޭނެ ކަމަށް ބުނި ތާރީހުގެ ކުރިން ކޮވިޑްގެ ހާލަތު ގޯސްވެ، އެ ލުއި ނުދޭން ނިންމީ އެވެ. އޭގެ ފަހުން ދިން ލުއިތަކުގެ ތެރޭގައި ވެކްސިން ފުރިހަމަ ކުރި ނަމަވެސް، ދަތުރުކުރަން ހުއްދަ ނުދޭ ގޮތަށް ނިންމި އެވެ.

ސަރުކާރުން ރިސޯޓް މަސައްކަތްތެރިންނަށް މި ލުއިތައް ދޭން ނިންމާފައިވާ ކަން އިއުލާންކުރީ، އެކަމުގައި ކަންބޮޑުވުން ފާޅުކޮށް ލުއިތަކެއް ދޭން ގޮވާލާ ގިނަ އަދަދެއްގެ މުވައްޒަފުންގެ ޕެޓިޝަނެއްގައި ސޮއިކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.













