ފެނާއި ކަރަންޓު އަދި ނަރުދަމާގެ ހިދުމަތްތަކެކޭ އެއް ފަދައިން، ކުނި މެނޭޖުކުރުމުގެ ހިދުމަތުން ވެސް މުދަލާއި ހިދުމަތުން ނެގޭ ޓެކްސް ނުވަތަ ޖީއެސްޓީ އިސްތިސްނާކޮށްދޭން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން އެދިފައިނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރުމަށް މިދިޔަ ހުކުރު ދުވަހު މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން ބޭއްވި ބައްދަލުވުމަށް ވެމްކޯ އިން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޖީއެސްޓީ އިސްތިސްނާ ހިދުމަތްތަކުގެ ތެރޭގައި ފެނާއި ކަރަންޓު އަދި ނަރުދަމާ ހިމެނިގެންވާ ކަމަށެވެ.
ނަމަވެސް، ޔުޓިލިޓީ އޮތޯރިޓީގެ ގާނޫނުގައި ފެނާއި ކަރަންޓު އަދި ނަރުދަމާގެ އިތުރުން ކުނި މެނޭޖުކުރުން ވެސް ގިންތި ކޮށްފައިވަނީ އާއްމު ބޭނުންތަކުގެ ހިދުމަތުގެ ގޮތުގައި އެ ސިޓީގައި ފާހަގަކޮށްފައި ވެ އެވެ.
ކަން އެހެން އޮތް ނަމަވެސް، ވެމްކޯއިން ބުނި ގޮތުގައި، އާއްމު ބޭނުންތަކުގެ ހިދުމަތްތަކުގެ ގޮތުގައި ގިންތި ކޮށްފައިވާ ހިދުމަތްތަކުގެ ތެރެއިން ޖީއެސްޓީ ނަގާ ހަމައެކަނި ހިދުމަތަކީ ކުނި މެނޭޖުކުރުން ކަމަށެވެ.

އެހެންކަމުން ކޮމިޓީން މިހާރު ދިރާސާކުރަމުންދާ ބިލުގެ މަސައްކަތުގެ ތެރެއިން، އާއްމު ބޭނުންތަކުގެ އެހެން ހިދުމަތްތަކެކޭ އެއް ފަދައިން ޖީއެސްޓީ ނެގުމުން އިސްތިސްނާވާ ހިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުރުކުރުމުގެ ހިދުމަތް ވެސް ހިމަނައި ދިނުމަށް ވެމްކޯއިން ވަނީ އެދިފަ އެވެ.
ދައުލަތުގެ މާލީ ސިޔާސަތުތައް އެކުލަވާލައި ހިންގާ ފިނޭންސް މިނިސްޓްރީގައި ޖީއެސްޓީ އުނިކޮށްދޭން ނޭދި، ސީދާ މަޖިލީހުގައި ވެމްކޯއިން އެދެން ޖެހުނު ސަބަބު އެހުމުން، މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް "އަދަދު"އަށް ވިދާޅުވީ އެފަދަ ކަމެއް އެއްވެސް އިރެއްގައި މިނިސްޓްރީއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.
"އެއްވެސް އިރެއްގައި ވެމްކޯއިން މިނިސްޓްރީގަ އެދިފައެއް އޮތް ކަމެއް ނޭނގެ،" ސަރުވަޝް ވިދާޅުވި އެވެ.
ސަރުވަޝް ވިދާޅުވި ގޮތުގައި ޖީއެސްޓީއަށް އިސްތިސްނާއެއް ބޭނުންވާ ނަމަވެސް، އެކަމުގައި ވިސްނަންޖެހޭ ކަންތައްތަކެއް ހުންނާނެ އެވެ.
އެގޮތުން، ޖީއެސްޓީ މައާފުކުރުމުން އިމްޕޯޓު ޓެކްސަށް ލިބޭ އިސްތިސްނާ ގެއްލޭއިރު، އެކަމުން ކުންފުންޏަށާއި ރައްޔިތުންނަށް ފައިދާ ބޮޑީ ކޮން ގޮތެއްތޯ ބަލަންޖެހޭ ކަމަށެވެ.
މީގެ 10 އަހަރު ކުރިން ވުޖޫދުކުރި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މިހާރު އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށާއި، އެ މަސައްކަތް މިނިސްޓްރީން ކުރަމުންދާކަމަށް ސަރުވަޝް ހާމަކުރެއްވި އެވެ.
"ކޮވިޑާ ހެދި އެކަން ކުޑަކޮށް ލަސްވެގެން މިދިޔައީ. އެކަމަކު އަޅުގަނޑުމެން އެ މަސައްކަތް އެބަ ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.
ކުނި މެނޭޖް ކުރަން ހާއްސަ ކޮށްގެން ވެމްކޯ އުފެއްދީ 2009 ވަނަ އަހަރުގެ ތެރޭގައި އެވެ.
ނަމަވެސް، މުޅި ރާއްޖޭގައި ކުނި ނައްތާލުމުގެ ހާއްސަ މެންޑޭޓަކާއެކު އެ ކުންފުނީގެ ހަގީގީ މަސައްކަތްތައް ފަށާފައިވަނީ 2015 ވަނަ އަހަރެވެ.
މާލޭ ސަރަހައްދުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތާ އެ ކުންފުނިން ހަވާލުވެފައި ވަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ.












