އަންހެނުން ހިތާނުކުރުން އިސްލާމް ދީނުގައި އޮންނަ ގޮތާ ގުޅޭގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރެން އުޅުނު ފަތުވާ ނުނެރެން ނިންމާފައިވާ ކަމަށް އެ މަޖިލީހުން މިއަދު ބުނެފި އެވެ.
ހިތާނުކުރުމުގެ މައްސަލައިގައި ފަތުވާއެއް ނެރޭނެ ކަމަށް މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ފަތުވާ މަޖިލީހުން ބުނީ އަންހެނުން ހިތާނަ ކުރުމާ ގުޅޭ ވާހަކަތަކެއްގެ ސަބަބުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރުމުންނެވެ. ފަތުވާއަކަށް އެދި އެ މަޖިލީހުގައި އެދުނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.
ފަތުވާ މަޖިލީހުގެ ރައީސް ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް މިއަދު "އަދަދު" އަށް ވިދާޅުވީ އަންހެނުން ހިތާނަ ކުރުމާ ގުޅޭގޮތުން ފަތުވާ ނުނެރެން ނިންމީ ގައުމުގެ މަސްލަހަތު އިސްކުރުމުގެ ގޮތުން ކަމަށެވެ. އާލާސްކަންފުޅާ އުޅުއްވާތީ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އިތުރު ތަފްސީލް ހޯދުމަށް ފަތުވާ މަޖިލީހުގެ ނައިބު ރައީސް ޝެއިހް އިބްރާހިމް އަހުމަދު، އާ މި ނޫހުން ގުޅުމުން ވިދާޅުވީ އެ މައްސަލާގައި އެ މަޖިލީހުން ފަތުވާއެއް ނެރެން ނިންމި ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޒާހިރު ވިދާޅުވީ ހިތާނުކުރުމާ ގުޅޭ ގޮތުން ދީނީ އިލްމުވެރިޔާ މުހައްމަދު އިޔާޒް އަބްދުއްލަތީފް ދައްކަވާފައިވާ ވާހަކަތަކަށް މާފަށް އެދިވަޑައިގެންފައި އޮތުމާ އެކު މިވަގުތަށް އިތުރު ފަތުވާއެއް އެކަމުގައި ނެރެން ނިންމާފައި ނުވާ ކަމަށެވެ.

"އެއީ، [ހިތާނުކުރުމަކީ އޮތް ކަމެއް ނޫން ކަން] ޒަމާނުއްސުރެން މީހުންނަށް އެނގޭ ކަމެއް. އެހެންވީމަ މިވަގުތަށް ފަތުވާއެއް ނުނެރޭނެ،" ޒާހިރު ވިދާޅުވި އެވެ.
އަންހެނުން ހިތާނުކުރުން ނުވަތަ ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް)ގެ މައްސަލަތައް މިފަހަކަށް އައިސް ރިޕޯޓް ކުރާ މިންވަރު އިތުރުކަން އެޗްއާރްސީއެމްއިން ވަނީ ހާމަކޮށްފަ އެވެ.
އެކަމުގެ ކަންބޮޑުވުން އޮތްވައި، ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވަނީ އެއީ ދީނުގައި އޮތް ކަމެއް ކަމާއި، އެކަމުން ސިއްހީ ފައިދާތަކެއް ލިބޭކަން ދޭހަވާފަދަ ޓްވީޓުތަކެއް ކުރައްވައިފަ އެވެ.
ނަމަވެސް، އެކަމާ ދެކޮޅަށް ގިނަ ބަޔަކު ތެދުވި އެވެ.
އަންހެނުން ހިތާނަ ކުރުމަކީ ދީނީ ކަމެއް ނޫން: އިލްމުވެރިން
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދީނީ ބައެއް އެހެން އިލުމުވެރިން ވެސް ވިދާޅުވަނީ އަންހެނުން ހިތާނު ކުރުމަކީ ދީނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި އަންހެން ކުދިން ހިތާނުކުރުމަކީ ދީނުގައި ބާރުއަޅާ ކަމެއް ނޫނެވެ. އެކަމާ ގުޅިގެން އައިސްފައިވާ ހަދީސްތަކަކީ ބަލިކަށި އަދި އޭގެ ސައްހަކަން ޔަަގީން ނުވާ ހަދީސްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ އެވަރުގެ ކަމެއް ޝަރީއަތުގަ ހަރުދަނާ ދަލީލުތަކެއްގެ މައްޗަށް މެނުވީ ނުއެއް ނިންމޭނެ އެއީ ދީނީ ކަމެއްގެ ގޮތުގައެއް. އެއީ ދީނީ ގޮތުން ހުއްދަ ކަމެއްގެ ގޮތުގައި ކީރިތި ގުރުއާންގައި ވެސް އަދި ރަސޫލާގެ ސުންނަތުގައި ވެސް ފާޅުވާކަށް ނެތޭ އަޅުގަނޑު ދަންނަވާނީ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، އަންހެނުން ހިތާނަކުރުމަކީ ދީނީ ގޮތުން މާކެޓް ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފައިވާ ގޮތުގައި އެފްޖީއެމްއިން އެއްވެސް ސިއްހީއެއް ފައިދާއެއް ނެތެވެ. އެކަމަކު، އޭގެ ސަބަބުން އަންހެން ކުދިންނާއި އަންހެނުންނަށް އެތައް ގޮތަކުން އަނިޔާ ލިބެ އެވެ. އެގޮތުން، އަންހެނާގެ ހަށިގަނޑުގެ ނެޗްރަލް ފަންކްޝަންތަކަށް އަސަރުކުރެ އެވެ. އަދި، ނޯމަލް ޖެނިޓަލް ޓިޝޫތައް ހަލާކުވެ އެވެ. މަސްހަރު ކަންތަކުގައި އުނދަގޫވުމާއި ކުޑަކަމުދާ ނިޒާމަށް ވެސް ގެއްލުންވެ އެވެ.
ހިތާނުކުރާ ވަގުތު، އިންތިހާއަށް ލޭ ބޭރުވެ ބައެއް ގައުމުތަކުގައި އަންހެން ކުދިން މަރުވާ ނިސްބަތް ވެސް މައްޗެވެ.
ސިއްހީ ގިނަ ތަކުލީފުތަކާ ހިތާނަކޮށްފިނަމަ، އަންހެނުންނަށް ކުރިމަތިލާންޖެހޭކަން ޑަބްލިއުއެޗްއޯއިން ބުނާއިރު، އެ ޖަމިއްޔާއިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި 27 ގައުމެއްގައި އަންހެނުން ހިތާނުކުރުމުގެ ސަބަބުން ދިމާވި ސިއްހީ ކަންކަމަށް ފަރުވާކުރުމަށް 2018 ވަނަ އަހަރު އެކަނި ވެސް 1.4 ބިލިއަން ޑޮލަރު ހަރަދުކުރަން ޖެހުނެވެ.













