މި މަހު ޖަޕާނުގައި ފަށާ ޓޯކިޔޯ އޮލިމްޕިކްސްގައި ވާދަކުރާ އެތުލީޓުންގެ ތެރެއިން ގާތުން ދޭ މައިންނަށް މުބާރާތަށްދާއިރު، ތުއްތު ދަރިފުޅު ގެންދެވޭ ގޮތަށް ހުއްދަ ދޭން ޓޯކިޔޯ އޮލިމްޕިކްސްގެ އިންތިޒާމް ކޮމިޓީން ނިންމައިފި އެވެ.
ޓޯކިޔޯ އޮލިމްޕިކްސްގެ އިންތިޒާމް ކޮމިޓީން މި ހުއްދަ ދޭން ނީންމީ ގިނަ ކުޅުންތެރިން މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމާ ގުޅިގެންނެެވެ. އެ ގޮތުން ގާތުން ބޯ ތުއްތު ދަރިފުޅު ގޮވައިގެން އޮލިމްޕިކްސްގައި ވާދަކުރަން އެތުލީޓުންނަށް ޖަޕާނަށް އެތެރެވެވޭނީ އެ އެތުލީޓެއް ނިސްބަތްވާ ގައުމެއްގެ ކުޅިވަރު ފެޑެރޭޝަނުން އެ ހާލަތު އޮޅުން ފިލުވައިދީ ތައްޔާރުކޮށްފައިވާ ލިޔުމަކާ އެކީ އެވެ.
މި ފަހަރުގެ އޮލިމްޕިކްސްގެ ހިންގާ ކޮމިޓީން ވަނީ ކޮވިޑް-19 އިން ރާއްކާތެރިވުމަށް މުބާރާތުގައި ކަނޑައަޅާފައިވާ ޕްރޮޓޮކޯލްގެ ތެރެއިން އެއްވެސް އާއިލާ މެމްބަރަކު މުބާރާުތުގައި ވާދަކުރަން އަންނަ އެތުލީޓަކާ އެކު ނުގެނެވޭނެ ގޮތަށް ފުރަތަމަ އުސޫލު ކަނޑައަޅައިފަ އެވެ. އެކަމަކު އެތުލީޓުންގެ ތެރެއިން ގާތުން ދޭ މައިންނަށް ޒަރޫރީ ހާލަތުގައި ދަރިފުޅު ގެނެވޭ ގޮތަށް ގަވާއިދު ބަދަލުކުރީ އެވެ.
ގާތުން ބޯ ތުއްތު ދަރިފުޅު ނުލައި މުބާރާތަށް ދާން ޖެހޭތީ އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރީ ކެނަޑާގެ ބާސްކެޓްބޯޅަ ތަރި ކިމް ގޯޗާ އެވެ. އޭނާ ބުނީ މުބާރާތުގައި ވާދަކުރަން ޖެހިފައި އޮތީ ތިން މަހުގެ ކުޑަ އަންހެން ދަރިފުޅު ދޫކޮށްފައި ގޮސް ކަމަށާއި އެއީ އިންސާފުވެރި ގޮތަކަށް އޮތް އުސޫލެއް ކަމަށް ނުބެލެވޭ ކަމަށެެވެ.
"އިހުތިޔާރު ކުރަން މި ޖެހެނީ ދަރިފުޅުތޯ ނޫނީ މުބާރާތްތޯ. މިއީ ވާން ޖެހޭނެ ގޮތެއް ނޫން،" ގޯޗާ ބުންޏެވެ.
އުސޫލުތަކާ އެއްގޮތަށް މިހާރު ގޯޗާ އަށް ދަރިފުޅު ގޮވައިގެން އޮލިމްޕިކްސް އަށް ދެވޭނެ އެވެ.
އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމުގެ ތަރި އަލެކްސް މޯގަން ބުނީ ކުޑަ ދަރިފުޅު ގޮވައިގެން މުބާރާތަށް ދިއުން މުހިއްމު ކަމަށް ފެންނަ ކޮންމެ އަންހެން އެތުލީޓަކަށް ވެސް އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ.
"އަހަރެމެން އޮލިމްޕިކްސްގައި ވާދަކުރާ އެތުލީޓުންގެ ގޮތުގައި ތިބެމެ މަންމަ އެއްގެ ޒިންމާ ވެސް އަދާކުރުމުގެ ފުރުސަތު އޮންނަން ވާނެ. ގޭމްސް އަށް ފުރަން ހަތް ދުވަހަށް ވެފައި އޮތްއިރު ވެސް ވާން ޖެހޭ ގޮތްތަކެއް ސާފެއް ނުވޭ،" އެއް އަހަރުގެ އަންހެން ދަރިފުޅު ނުލައި ގޭމްސް އަށް ދާން ޖެހިދާނެތީވެ ކަންބޮޑުވެފައި ހުރި މޯގަން ބުންޏެވެ.
އިނގިރޭސިންގެ ތެރެއިން އޮލިމްޕިކްސްގައި ވާދަކުރާ ކުޅަދާނަ އާޗަރު ނައޯމީ ފޯލްކާޑް ބުނީ ގާތުން ދޭ މައިންނަށް ޖަޕާނުން އެ ހުއްދަދޭން ނިންމީ އޭނާގެ ފަސް މަހުގެ ދަރިފުޅު ބަހައްޓާފައިވާ ގޭމްސްގައި ވާދަކުރަން ދާން ހުރިހާ އިންތިޒާމެއް ހަމަޖެއްސި ފަހުން ކަމަށެވެ.
ޓޯކިޔޯ އޮލިމްޕިކްސްގެ އިންތިޒާމް ކޮމިޓީން ނިންމާފައިވަނީ ތުއްތު ކުދިންނާއި މައިން އެތުލީޓްސް ވިލެޖާ ވަކިން ބެހެއްޓުމަށެވެ.
އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވަނީ ކޮވިޑްގެ މި އުނދަގޫ ވަގުތުގައި ވެސް އެންމެ މަތީ ލެވަލްގައި މަންމައިންގެ ރޯލު އަދާކުރަމުން އަންނަ އެތުލީޓުން ވާދަކުރުމަކީ ކުޅިވަރަށް ލިބޭ މޮޅެއް ކަމަށް ބުނެފަ އެވެ.
މި މަހު 23 ވަނަ ދުވަހު ފަށާ އޮލިމްޕިކްސްގެ އިވެންޓްތައް ބާއްވާ ކޮންމެ ސްޓޭޑިއަމަކަށް ވަންނަން ހުއްދަ ދީފައިވަނީ ޖަޕާނުގެ ލޯކަލް 10،000 މީހުންނަށެވެ. އެހެން ގައުމުތަކުގެ ސަޕޯޓަރުން ސްޓޭޑިއަމްތަކަށް ނުވައްދާނެ އެވެ.












