މިރޭގެ ފަތިސް ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރަން ފަށަން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
ކޮވިޑް މާބޮޑަށް ފެތުރެން ފެށުމާ ގުޅިގެން، މިދިޔަ މެއި މަހުގެ 12 އިން ފެށިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ ހުއްޓާލައިފަ އެވެ. މިއީ ކޮވިޑް މާލޭގައި ފެތުރެން ފެށި ފަހުން ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލި ދެވަނަ ފަހަރެވެ.
މިނިސްޓްރީން ބުނީ ޖަމާއަތުގައި ނަމާދު ކުރާނީ ގައިދުރުކަން ބަހައްޓައިގެން ކަމަށެވެ. އަދި މިސްކިތަށް ދާއިރު މާސްކް އަޅައިގެން ތިބުމަށާއި އަމިއްލަ މުސައްލަ ގެންދިއުމަށް މިނިސްޓްރީން އެދެ އެވެ.

ކޮވިޑްގެ މިހާލަތުން ސަލާމަތް ކޮށްދެއްވުމަށް އެދި ﷲ ގެ ހަޒުރަތުގައި ދުއާ ދެންނެވުމަށް ވެސް މިނިސްޓްރީން އެދެ އެވެ.
ކޮވިޑް ކޭސްތައް މާލެ ސަރަހައްދުގައި ދަށް ވެފައިވާއިރު ޖަމާއަތުގައި ނަމާދު ކުރަން ނުފަށާތީ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި މަނާ ކޮށްފައި ވަނިކޮށް މިދިޔަ ހުކުރު ދުވަހު ބައެއް މިސްކިތްތަކުގައި ޖަމާއަތުގައި ހުކުރު ނަމާދު ވެސް ކޮށްފައިވެ އެވެ.
އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވި ލުއިތަކުގެ ތެރޭގައި މާދަމާއިން ފެށިގެން ކާފިއު ގަޑި ރޭގަނޑު 8:00 ފެށިގެން ފަތިހު 4:00 ލުއި ކުރުން ހިމެނެ އެވެ. ރެސްޓޯރަންޓު އަދި ކެފޭތަކުގެ ހިދުމަތް ކާފިއު ނޫން ގަޑީގައި ހުޅުވާލުމުގެ ހުއްދަ ވެސް އިއްޔެ ސަރުކާރުން ދިނެވެ.













