ކޮވިޑާ ގުޅިގެން އައި އިގުތިސޯދީ ހީނަރުކަމުގެ ތެރޭގައި ވިޔަފާރިތަކަށް ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް މާލީ އިދާރާތައް މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާގެ ކޮވިޑް ރިލީފް ލޯން ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ލުއިތައް އިއުލާންކުރަން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވި ގޮތުގައި، މީގެ ތެރެއިން 943 މިލިއަން ރުފިޔާގެ ލޯން ދޫކުރީ ބީއެމްއެލް މެދުވެރިކޮށެވެ.
އޭގެ ތެރޭގައި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް މެދުވެރިކޮށް ދޫކުރި 358 މިލިއަން ރުފިޔާގެ ލޯނާއި ބޮޑެތި ވިޔަފާރިތަކަށް ދޫކުރި 585 މިލިއަން ރުފިޔާގެ ލޯން ހިމެނެ އެވެ.
ބާކީ 363 މިލިއަން ރުފިޔާގެ ލޯން ދޫކުރީ އެސްޑީއެފްސީ މެދުވެރިކޮށެވެ. މީގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރި ލޯންތަކާއި އަމިއްލަ މަސައްކަތްކުރާ މީހުންނަށް ދޫކުރި ފައިސާ ހިމެނެ އެވެ.
އެސްޑީއެފްސީ މެދުވެރިކޮށް ލޯން ދޫކުރި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 1519 ވިޔަފާރި އާއި 685 އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯނު ހޯދަން ބައެއް ކުދި ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް އަދިވެސް ދިމާވެފައިވާ ކަމަށް ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ފައްޔާޒް ވިދާޅުވީ، ލޯނު ދޫކުރަން މިހާރު ކަނޑައަޅާފައިވާ މިންގަނޑަކީ ލުއި މިންގަނޑެއް ކަމަށެވެ. ނަމަވެސް މި ދޫކުރަނީ ރައްޔިތުންގެ ޓެކްސް ފައިސާ ކަމުގައިވާތީ ކޮންމެވެސް ކަހަލަ އުސޫލުތަކަކާއި ހަމަތަކެއް ގެންގުޅެން ޖެހޭ ކަމަށެވެ.
ނަމަވެސް މިހާރު އެސްޑީއެފްސީން ދޫކުރާ ލޯނުތަކަށް ހުށަހަޅާ ފަރާތްތަަކަށް ލުއިވާނެ ގޮތަކަށް އެޕްލިކޭޝަން ޕްރޮސެސް ވަރަށް ފަސޭހަ ވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މިހާރު އެސްޑީއެފްސީން އިއުލާންކޮށްފައިވާ ސަސްޓެއިނަބަލް ސްޓިމިއުލަސް ލޯނުގެ ތިން ޕެކޭޖުގެ ތެރެއިން އިތުރު ހިދުމަތެއްގެ ގޮތުގައި ދޭން ނިންމާފައިވާ ބިޒްނަސް ކްލިނިކް ހިދުމަތުގެ ތެރެއިން ވިޔަފާރިތަކުގެ މާލީ ހާލަތު ވަޒަންކުރާނީ އެސްޑީއެފްސީގެ ފަންނީ ބޭފުޅުންގެ އެހީތެރިކަމާ އެކުގަ އެވެ.
"ސިމްޕަލް އެޕްލިކޭޝަނެއް އޮންނާނީ. އެޕްލިކޭޝަން ފުރާފަ ލީމަ އިތުރަށް ބަލާފަ ބިޒްނަސް ކްލިނިކުން ބައިވެރިވެގެން މަޝްވަރާ ކުރެވިގެން ކުރިޔަށް ދާނީ. އެހެންކަމުން އޮޑިޓް ކަހަލަ ކަންކަމުގައި ފަންނީ އެހީތެރިކަން ލިބޭނެ." ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި މިއީ ވިޔަފާރިތަކަށް ލުއި ދިނުމުގެ އިތުރަށް، ކުރިން ކަނޑައެޅި ލުއި މިންގަނޑުތަކުގެ ތެރޭގައި ބައެއް ވިޔަފާރިތަކުން އޮޅުވާލާފައިވާތީ ތައާރަފުކުރި ހިދުމަތެކެވެ.
އަދި މިހާރު ދޫކުރާ ލޯންތަކަކީ ރިލީފް ލޯނަކަށް ވުރެ ބޮޑަށް، ވިޔަފާރި ފުޅާކޮށް ދެމެހެއްޓުމުގެ މަގުސަދުގައި ދޫކުރާ ލޯންތަކަށް ވާތީ މި ހިދުމަތުގެ ބޭނުން ހިފައިގެން އެކަން ހާސިލުކުރަން މަގުފަހި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަތަރުވަނަ ރާޅުގައި އިގުތިސޯދަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ވަނީ އިތުރު ލޯންތަކެއް ދޫކުރަން ނިންމާފަ އެވެ. މީގެ ތެރޭގައި އެސްޑީއެފްސީން ދޫކުރާ ލޯންގެ އިތުރަށް ދެން ހިމެނެނީ ބީއެމްއެލް މެދުވެރިކޮށް ދޫކުރާ އިކޮނޮމިކް ސްޓިމިއުލަސް ލޯނެވެ.











