ބޭރަށް ފުރާއިރު ނަގާ ފީ ބޮޑުކުރަން މުޅި މަޖިލީހުގެ ކޮމިޓީން ނިންމައިފި

ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި: ރާއްޖެ އަންނަ ފަސިންޖަރުންގެ އަތުން ނަގާ ފީ ބޮޑުކުރަން މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ތާއީދުކޮށްފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންތަކެއް ވެލާނާ އެއާޕޯޓުގައި: ރާއްޖެ އަންނަ ފަސިންޖަރުންގެ އަތުން ނަގާ ފީ ބޮޑުކުރަން މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ތާއީދުކޮށްފަ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދައުލަތުގެ އާމްދަނީ އިތުރުކުރަން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީތައް ބޮޑުކުރަން 2019 ވަނަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ސަރުކާރުގެ ފަރާތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އެ އިސްލާހު ހުށަހެޅުއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

މަޖިލީހުގެ ކޮމިޓީގައި އެ ބިލު ގިނަ ދުވަސްތަކެއް ވަންދެން ތާށިވެފައި އޮތް އިރު، މިއަހަރަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ވެސް އާމްދަނީ އިތުރުކުރަން ހިމެނި އާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭން ބޭރަށް ފުރާ ޕަސިންޖަރުންގެ އަތުން ޓެކުހާއި ފީތައް ބޮޑު ކުރަން ވަނީ ހިމަނައިފަ އެވެ.

އެއާޕޯޓް ޑިވްލޮޕްމަންޓް ޗާޖު (އޭޑީސީ) ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ ދިވެހިންގެ އަތުން މިހާރު 12 ޑޮލަރާއެކު އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 12 ޑޮލަރާއެކު ޖުމްލަ 24 ޑޮލަރު ނަގަ އެވެ.

އަދި އޭޑީސީގެ ގޮތުގައި ވިއައިއޭއިން ފުރާ 25 ޑޮލަރާއެކު ސާވިސް ޗާގުގެ ގޮތުގައި އިތުރު 25 ޑޮލަރާއެކު ޖުމްލަ 50 ޑޮލަރު މިހާރު ނަގަމުންދެ އެވެ.

އެކަމަކު ސަރުކާރުން ހުށަހަޅާފައިވަނީ އަލަށް ތައާރަފު ކުރާ ޑިޕާޗާ ޓެކުހުން އިކޮނޮމީ ކްލާހުން ދަތުރުކުރާނަމަ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 30 ޑޮލަރެވެ. ބިޒްނަސް ކްލާހުންނަމަ 60 ޑޮލަރު އަދި ފަސްޓް ކްލާހުން ނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު ނެގުމަށް ވެސް ހިމެނި އެވެ.

މީގެ އިތުރުން ޕްރައިވެޓް ޖެޓުން އަންނަ މީހުންގެ އަތުން 120 ޑޮލަރުގެ ފީއެއް ނަގަން ވަނީ ހުށަހަޅައިފަ އެވެ.

ޑިޕާޗާ ޓެކުހުގެ އިތުރުން މިހާރު ނަގަމުން އަންނަ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ ވެސް ދަތުރުކުރާ ކްލާހުގެ ނިސްބަތުން ހަމަ އެ މިންވަރަށް ވަނީ ބޮޑުކޮށްފަ އެވެ.

އާ ޑިޕާޗާ ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމަންޓު ފީއާއެކު ނެގޭނެ ޖުމްލަ އަދަދު

  • އިކޮނޮމީ ކްލާސް - ދިވެހިން - 24 ޑޮލަރު / ބިދޭސީން - 60 ޑޮލަރު
  • ބިޒްނަސް ކްލާސް - ދިވެހިން - 120 ޑޮލަރު / ބިދޭސީން 120 ޑޮލަރު
  • ފަސްޓް ކަލާސް - ދިވެހިން - 180 ޑޮލަރު / ބިދޭސީން 180 ޑޮލަރު
  • ޕްރައިވެޓް ޖެޓު - ދިވެހިން - 240 ޑޮލަރު / ބިދޭސީން 240 ޑޮލަރު

އެ ބިލު ދިރާސާކުރިއިރު މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން އެ ބިލަށް މާބޮޑު ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

އެގޮތުން، އެ ބިލުގެ ބަޔާންކޮށްފައިވާ މުއްދަތުތައް ފަހަނައަޅާފައިވާތީ، ކޮމިޓީން ހަމައެކަނި ބަދަލުކުރީ އެ ފީތައް ނަގަން ފަށާ ތާރީހެވެ. ކޮމިޓީން އެ ބިލު އިސްލާހުކޮށްފައިވަނީ އަންނަ އަހަރުން ފެށިގެން އާ ފީތައް ނަގަން ފަށާ ގޮތަށެވެ.

ކަމާގުޅޭ ދާއިރާތަކާ މަޝްވަރާނުކުރާތީ ކަންބޮޑުވުން

ދައުލަތުގެ އާމްދަނީއާ ގުޅުން ހުރި ބިލަކަށްވާތީ، އިގުތިސޯދީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ދިރާސާކުރަން މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި މާވަށު ދާއިރާގެ އިދިކޮޅު މެމްބަރު މުހައްމަދު ސައީދު ވަނީ ބައެއް ކަންބޮޑުވުންތައް ފާހަގަކުރައްވައިފަ އެވެ.

އެގޮތުން، ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދީ ހާލަތު ވަރަށް ދަށްވެ، ޓޫރިޒަމަށް ބަރޯސާވާ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ފަސިންޖަރުން އަތުން ނަގާ ފީ ބޮޑު ކުރަން މިއީ އެންމެ ރަނގަޅު ދަނޑިވަޅުކަމާމެދު އޭނާ ސުވާލު އުފެއްދެވި އެވެ.

އޭގެ އިތުރުން، އެ ފީތައް ބޮޑުކުރުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ އެއާލައިންތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާ އެކަށީގެންވާ ގޮތެއްގައި މަޝްވަރާ ކޮށްފައިނުވާތީ ސައީދު ކަންބޮޑުވުންފާޅު ކުރެއްވި އެވެ.

"ފަސަންޖަރުންނެއް ނާންނާނެ އެއާލައިންތަކަށް ދެކޮޅު ނުޖެހޭ ކަމަށްވަންޏާ،" ކުރީގެ އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވި އެވެ.

ސައީދުގެ ކަންބޮޑުވުންތަކަށް ރައްދު ދެއްވައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ސަރުކާރުން ބޮޑުކުރަން ހުށަހަޅާފައިވާ އަދަދުތަކަކީ މިހާރު ވެސް އެހެން ގައުމުތަކާ އަޅާބަލާއިރު ކުޑަ މިންވަރެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ މި ބަދަލު ގެނައުމުން ވެސް އާއްމު ރައްޔިތުންގެ އަތާ ނަގާ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އެ ބަހުސްގައި ވާހަކަ ދައްކަވަމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އިގުތިސޯދީ ހާލަތަށް ނުވިސްނައި، ސަރުކާރުން އެފަދަ ބިލެއް ހުށަހަޅާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެހެންކަމުން، އިގުތިސޯދީ ކޮމިޓީން ނިންމި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރަން އޭނާ ތާއީދުކުރެއްވި އެވެ.

އެއާއެކު، އިގުތިސޯދީ ކޮމިޓީން ނިންމި ގޮތަށް ޑިޕާޗާ ޓެކުހެއް ތައާރަފުކޮށް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރަން މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެމްބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވި ދެ މެމްބަރަކު ތިއްބެވި އެވެ.

މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރުމުން އެ ބިލާ މެދު ގޮތެއް ނިންމުމަށް ދެން ދާނީ މަޖިލީހުގެ ތަޅުމަށެވެ.

އެ ފީތައް ބޮޑުކޮށްގެން 273 މިލިއަން ރުފިޔާގެ އިތުރު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށް މިއަހަރުގެ ބަޖެޓުގައި ވެސް އޮތީ ހިމަނައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox