އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ދައްކަވަމުން އަންނަ ވާހަކަތަކާ ގުޅިގެން ޝަކުވާ ލިބިފައިވާތީ އެ މައްސަލަ ބަލަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އަންހެނުން ހިތާނުކުރުމަށް ހިތްވަރު ލިބޭގޮތަށް އިޔާޒް ގެންދަނީ ތަކުރާރުކޮށް ޓްވީޓް ކުރަމުންނެވެ. ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް އަންހެނުންނަށް ގެއްލުން ކުރިމަތިވާ ކަމެއް ކަމަށްވާ ހިތާނުކުރުމަށް ހިތްވަތު ލިބޭ ފަދަ މޭރުމަކުން އިޔާޒް ޓްވީޓްކުރައްވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާ އަށް ވަނީ އަމާޒުވެފަ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު "އަދަދު" އަށް ވިދާޅުވީ އަންހެން ކުދިން ހިތާނަ ކުރުމާ ގުޅުވައިގެން އިޔާޒް ދެއްކި ވާހަކަތަކާ ގުޅިގެން ބައެއް މީހުން ޝަކުވާ ހުށަހަޅައިފައި އެބަ ހުރި ކަމަށާއި އެހެންވެ އޭނާގެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އަންހެނުން ހިތާނުކުރުމާ ބެހޭގޮތުން އިޔާޒް ދައްކާ ވާހަކަތަކާ ގުޅިގެން، ގައުމީ ޔުނިވާސިޓީން ވެސް އޭނާ ގެ މައްސަލަ ވަނީ ބަލަން ފަށައިފަ އެވެ. އެ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި އިޔާޒަށް އެންމެ ފަހުގެ އިންޒާރު އެ ޔުނިވާސިޓީން ކުރިން އޮތީ ދީފަ އެވެ.

އެގޮތުން ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓްތަކަކާ ގުޅިގެން މިދިޔަ މާޗް މަހު އެމްއެންޔޫއިން އިޔާޒް 14 ދުވަހަށް ސަސްޕެންޑް ކުރި އެވެ. އެއަށް ފަހު އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ފަހުގެ އިންޒާރު އިޔާޒަށްދީ، ސަސްޕެންޝަން އުވާލީ އެވެ.
އިޔާޒް އަންހެން ކުދިން ހިތާނުކުރުމަށް ހިތްވަރުދިން ކަމަށް ބުނެ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ބަލައި ދިނުމަށް، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވަނީ ހުށަހަޅައިފަ އެވެ.
އަންހެނުން ހިތާނުކުރުމަކީ ދީނުގައި އޮތްކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ވިދާޅުވެފަ އެވެ. ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި އަންހެން ކުދިން ހިތާނުކުރުމަކީ ދީނުގައި ބާރުއަޅާ ކަމެއް ނޫނެވެ. އެކަމާ ގުޅިގެން އައިސްފައިވާ ހަދީސްތަކަކީ ބަލިކަށި އަދި އޭގެ ސައްހަކަން ޔަަގީން ނުވާ ހަދީސްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އެކަމާ ގުޅިގެން ފަތުވާއެއް ހޯދުމަށް ފަތުވާ މަޖިލީހަށް ހުށަހަޅާފަ އެވެ.
އިޔާޒު ފާހަގަވެގެން ގޮސްފައިވަނީ ދީނީ ކަންކަމުގައި ހިޔާލު ވަރަށް ތަފާތު ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން، ކޮވިޑާ ގުޅިގެން މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދު ކުރުމާ ދެކޮޅަށް ވާހަކަދައްކަވާފައިވެ އެވެ. އަދި އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ޖިނާއީ ކުށަކަން ހަދަން ސަރުކާރުން މިހާރު ހުށަހަޅައިގެން އުޅޭ އިސްލާހާ ދެކޮޅަށް ފާޅުގައި އެންމެ ބޮޑަށް ފާޑުކިޔަމުން ގެންދާ އެކަކީ ވެސް އިޔާޒެވެ.
ދީނީ މައްސަލަތަކުގައި ރަނގަޅު ނޫން މައުލޫމާތު ދޭ ބައެއް ޝެއިހުންގެ ހުއްދަ މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ބާތިލް ކޮށްފައިވެ އެވެ. ނަމަވެސް އިޔާޒާ ދޭތެރޭ އަޅަނީ ކޮންކަހަލަ ފިޔަވަޅެއް ކަމެއް އަދި ނޭނގެ އެވެ.












