އަންހެނުން ހިތާނު ކުރުން އިސްލާމް ދީނުގައި އޮންނަ ގޮތާ ގުޅޭގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ފަތުވާއަކަށް އިސްލާމިކް މިނިސްޓްރީން މިއަދު އެދެފި އެވެ.
އަންހެނުން ހިތާނުކުރުން ނުވަތަ ފީމޭލް ޖެނިޓަލް މިއުޓިލޭޝަން (އެފްޖީއެމް)ގެ މައްސަލަތައް މިފަހަކަށް އައިސް ރިޕޯޓް ކުރާ މިންވަރު އިތުރުކަން އެޗްއާރްސީއެމްއިން ވަނީ ހާމަކޮށްފަ އެވެ.
އެކަމުގެ ކަންބޮޑުވުން އޮތްވައި، ގައުމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވަނީ އެއީ ދީނުގައި އޮތް ކަމެއް ކަމާއި، އެކަމުން ސިއްހީ ފައިދާތަކެއް ލިބޭކަން ދޭހަވާފަދަ ޓްވީޓުތަކެއް ކުރައްވާފަ އެވެ.
ނަމަވެސް، އެކަމާ ދެކޮޅަށް ގިނަ ބަޔަކު ތެދުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދީނީ ބައެއް އެހެން އިލުމުވެރިން ވެސް ވިދާޅުވަނީ އަންހެނުން ހިތާނު ކުރުމަކީ ދީނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ.
މިކަމުގެ ބަހުސް ހޫނުވެފައިވާއިރު އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އެ މައުޟޫއާ ގުޅިގެން ފަތުވާއެއް ހޯދުމަށް ހުށަހަޅާފަ އެވެ.
ފަތުވާ މަޖިލީހުގެ ރައީސް ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް މިއަދު "އަދަދު" އަށް ވިދާޅުވީ އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން މިހާތަނަށް ރާއްޖޭގައި ފަތުވާއެއް ނެރެފައި ނުވާ ކަމަށެވެ.
މިއަދު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ގުޅުއްވައި އެދިވަޑައިގަތުމުން އެކަމުގައި ފަތުވާއެއް ނެރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރާނަން މިހަފްތާގެ ތެރޭގައި އެކަންތައް ވޭތޯ،" ޝެއިހް ރަޝީދު ވިދާޅުވި އެވެ.
އެކަން އިސްލާމް ދީނުގައި އޮންނަ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވާނީ ފަތުވާއަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި އަންހެން ކުދިން ހިތާނުކުރުމަކީ ދީނުގައި ބާރުއަޅާ ކަމެއް ނޫނެވެ. އެކަމާ ގުޅިގެން އައިސްފައިވާ ހަދީސްތަކަކީ ބަލިކަށި އަދި އޭގެ ސައްހަކަން ޔަަގީން ނުވާ ހަދީސްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ އެވަރުގެ ކަމެއް ޝަރީއަތުގަ ހަރުދަނާ ދަލީލުތަކެއްގެ މައްޗަށް މެނުވީ ނުއެއް ނިންމޭނެ އެއީ ދީނީ ކަމެއްގެ ގޮތުގައެއް. އެއީ ދީނީ ގޮތުން ހުއްދަ ކަމެއްގެ ގޮތުގައި ކީރިތި ގުރުއާންގައި ވެސް އަދި ރަސޫލާގެ ސުންނަތުގައި ވެސް ފާޅުވާކަށް ނެތޭ އަޅުގަނޑު ދަންނަވާނީ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، އަންހެނުން ހިތާނަކުރުމަކީ ދީނީ ގޮތުން މާކެޓް ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފައިވާ ގޮތުގައި އެފްޖީއެމްއިން އެއްވެސް ސިއްހީއެއް ފައިދާއެއް ނެތެވެ. އެކަމަކު، އޭގެ ސަބަބުން އަންހެން ކުދިންނާއި އަންހެނުންނަށް އެތައް ގޮތަކުން އަނިޔާ ލިބެ އެވެ. އެގޮތުން، އަންހެނާގެ ހަށިގަނޑުގެ ނެޗްރަލް ފަންކްޝަންތަކަށް އަސަރުކުރެ އެވެ. އަދި، ނޯމަލް ޖެނިޓަލް ޓިޝޫތައް ހަލާކުވެ އެވެ. މަސްހަރު ކަންތަކުގައި އުނދަގޫވުމާއި ކުޑަކަމުދާ ނިޒާމަށް ވެސް ގެއްލުންވެ އެވެ.
ހިތާނުކުރާ ވަގުތު، އިންތިހާއަށް ލޭ ބޭރުވެ ބައެއް ގައުމުތަކުގައި އަންހެން ކުދިން މަރުވާ ނިސްބަތް ވެސް މައްޗެވެ.
ސިއްހީ ގިނަ ތަކުލީފުތަކާ ހިތާނަކޮށްފިނަމަ، އަންހެނުންނަށް ކުރިމަތިލާންޖެހޭކަން ޑަބްލިއުއެޗްއޯއިން ބުނާއިރު، އެ ޖަމިއްޔާއިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި 27 ގައުމެއްގައި އަންހެނުން ހިތާނުކުރުމުގެ ސަބަބުން ދިމާވި ސިއްހީ ކަންކަމަށް ފަރުވާކުރުމަށް 2018 ވަނަ އަހަރު އެކަނި ވެސް 1.4 ބިލިއަން ޑޮލަރު ހަރަދުކުރަން ޖެހުނެވެ.













