ކޮވިޑްގެ ސަބަބުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން މަނާކޮށްފައި ވަނިކޮށް އިއްޔެ ބައެއް މިސްކިތްތަކުގައި ހުކުރު ކޮށްފައިވާއިރު އެކަމުގައި އިސްލާމިކް މިނިސްޓްރީގެ އިމާމަކު ބައިވެރި ވެފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި އިއްޔެ ބޮޑު ޖަމާއަތުގައި ހުކުރު ނަމާދު ކޮށްފައިވަނީ ގާކޮށި ފްލެޓް ކައިރި ހުންނަ ފުރުގާން މިސްކިތާއި ހުޅުމާލޭގައި ހުންނަ އުމަރު ބިން އަލް ހައްތާބު މިސްކިތުގަ އެވެ. އޭގެ އިތުރުން ވެސް ބައެއް މިސްކިތްތަކުގައި ހުކުރު ކުރި ކަމަށް ބުނާތީ އެކަން ބަލަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ މާލެ ސަރަހައްދުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން މަނާކޮށްފައި ވަނިކޮށް ގިނަ ބަޔަކު އެއްވެ ހުކުރު ކުރި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެކަން ކުރީ އާއްމުންގެ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިނިސްޓްރީގެ އެއްވެސް އިމާމަކު ބައިވެރިކަން މިހާތަނަށް އެނގިފައެއް ނެތް. ބައިވެރި ވެފައިވާ ނަމަ ފިޔަވަޅު އަޅާނަން. އެކަން ހިނގި ގޮތް ބަލަމުން މިދަނީ. ކުރި ބަޔަކު އެނގުމުން ފިޔަވަޅު އަޅާނަން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ޖަމާއަތް ހަދައިގެން ނަމާދު ކުރާ ނަމަ އެކަން ހުއްޓުވުމަށް މީގެ ކުރިން ވެސް ފުލުހުންނަށް އަންގާފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ޖަމާއަތް ހަދައިގެން ހުކުރު ކުރި ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުރުގާން މިސްކިތުގައި ޖަމާއަތް ހަދައިގެން ހުކުރު ކުރަން އުޅޭކަން ކުރިން އެނގިފައިވާ ކަމަށެވެ. އިއްޔެ އެކަން ހިނގިގޮތް އިމާމުންނާ ވާހަކަ ދައްކައިގެން ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ މެދުކަނޑާލީ މާލޭގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރެން ފަށައި އެތައް ބަޔަކު މަރުވާން ފެށުމުންނެވެ. މިސްކިތުގެ ޖަމާއަތުގެ އިތުރުން ގިނަ މީހުން އެއްވެ ކުރާ ހުރިހާ ކަމެއް ވެސް މަނާކުރި އެވެ.
ޖަމާއަތް ހެދުން މެދުކަނޑާލި ނަމަވެސް މިސްކިތްތަކުގައި ފަސް ވަގުތު ބަންގި ގޮވަ އެވެ. އަދި ވަކިވަކިން ނަމާދު ކުރަން މިސްކިތްތައް ހުންނަނީ ހުޅުވައިފަ އެވެ.












