ޔޫރަޕްގެ މުބާރާތްތަކުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އެންމެ ފުރަތަމަ ބޭނުންކުރަން ފެށީ 2019 ވަނަ އަހަރު ފެބްރުއަރީ މަހު އެވެ. އޭގެ ފަހުން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާ ހަމައަށް 453 މެޗެއްގައި ޔުއެފާ އިން ވަނީ ވީއޭއާރް ބޭނުންކޮށްފަ އެވެ. އެކި ގައުމުތަކުގައި ވީއޭއާރް ބަލައިގެން ނިންމުންތައް ނިންމާ ގޮތުގެ ސަބަބުން ބޮޑެތި ހިޔާލުތަފާތުވުންތައް އުފެދުނެވެ. އެ ހުރިހާ ކަމެއް ބަދަލުކޮށް މި ފަހަރުގެ ޔޫރޯ އަށް ތައްޔާރުވުމުގެ ކުރިން ޔުއެފާ އިން ނިންމީ ވީއޭއާރްގެ ކޮންޓްރޯލް ރަނގަޅު ގޮތަކަށް ބެލެހެއްޓުމަށެވެ. އެ ގޮތުން މި ފަހަރުގެ ޔޫރޯއާ ދިމާކޮށް ސްވިޒަލެންޑްގެ ނިޔޯންގައި ހުންނަ ޔުއެފާ ހެޑްކުއާޓަރުގައި ހާއްސަ ދެ ރޫމެއް ކަނޑައަޅައި ޔޫރޯގެ ވީއޭއާރް ކަންތައްތައް ބެލުމުގެ އިންތިޒާމް ހަމަޖެއްސި އެވެ. މީގެ ކުރިން ވީއޭއާރް ބަލަމުން އައީ އެ މެޗެއް ކުޅޭ ދަނޑެއްގެ ރޫމަކުންނެވެ.
ޔުއެފާ އިން މީގެ ދެ އަހަރު ކުރިން ވީއޭއާރްގެ ބޭނުން ކުރަން ފެށި ފަހުން މި ފަހަރުގެ ޔޫރޯއާ ހަމައަށް ވަނީ ޔުއެފާގެ އެކި މެޗުތަކުގައި ޖުމްލަ 2522 ހާލަތެއްގައި ވީއޭއާރްގެ އެހީ ހޯދައި ގޮތް ނިންމައިފަ އެވެ. އެ ހާލަތްތަކުގައި 94.5 ޕަސެންޓް ހުރީ ރަނގަޅަށް ގޮތް ނިންމައިފަ އެެވެ. އެކަމަކު އަތުން ދޫވެފައި އެ އޮތް މަދު ޕަސެންޓެއްގެ ތެރެއިން ވެސް ގިނަ ޓީމުތަކުގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެ ކަމަށް ބަލައި، ޔުއެފާ އިން ނިންމީ ހެޑްކުއާޓަރުގެ ދަށަށް ވީއޭއާރް ކަންތައް ބަދަލުކުރާށެވެ.
ޔުއެފާ އިން ވަނީ ހެޑްކުއާޓަރުން ވީއޭއާރް ކަންތައްތައް ބެލުމުގައި ދަތިތަކެއް ހުރިތޯ ކަށަވަރުކުރަން މިދިިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ބައެއް މެޗުތަކުގައި ހެޑްކުއާޓަރު މެދުވެރިކޮށް ވީއޭއާރް ކަންތައްތައް ބަލައިފަ އެވެ.

ޔުއެފާ އިން ޔޫރޯ އަށް ބޭނުންކުރާ ވީއޭއާރް ރޫމް.
އެ ގޮތުން އެންމެ ފުރަތަމަ ހެޑްކުއާޓަރުން ވީއޭއާރް ބެލި މެޗަކީ މިދިޔަ ޑިސެމްބަރު މަހު ޗެމްޕިއަންސް ލީގުގައި ޗެލްސީ އާއި ސެވިއްޔާ އިން ސްޕެއިނުގައި ކުޅުނު މެޗުގަ އެވެ. އެ ދުވަހު ވަނީ ބެކަޕެއްގެ ގޮތުގައި ސެވިއްޔާ ދަނޑުގައި ވެސް ވީއޭއާރް ރޫމެއްގައި ވީއޭއާރް ބަލައިފަ އެވެ. އެއީ ފުރަތަމަ ފަހަރަށް ހެޑްކުއާޓަރުން ވީއޭއާރް ބަލާއިރު، ކަމެއް ގޯސްކޮށް ގޮސްފިނަމަ ބެކަޕެއް ބޭއްވުމުގެ ގޮތުންނެވެ.
ޔޫރޯގައި ވީއޭއާރް އަށް ހާއްސަ ދެ ރޫމް، 22 ވީޑިއޯ މެޗު އޮފިޝަލުން
ޔުއެފާގެ ހެޑްކުއާޓަރުގައި ވީއޭއާރް އަށް ހާއްސަ ދެ ރޫމެއް ކަނޑައެޅިއިރު، ވަނީ މި ފަހަރުގެ ޔޫރޯގައި ބައިވެރިވާ 22 ވީޑިއޯ މެޗު އޮފިޝަލުންނަށްް ފަހުގެ އަޕްޑޭޓްތަކާ އެކު ގަވާއިދުތައް ކިޔައިދީފަ އެވެ. އެ ގޮތުން ކޮންމެ މެޗެއްގެ ކުރިން ކުރީ މެޗުތަކުގެ ވީޑިއޯ އެނަލައިސިސް ރިޕޯޓްތައް ދިރާސާކުރުން ހެޑްކުއާޓަރުގައި ކުރިއަށްދާނެ އެވެ.
ކޮންމެ މެޗަކަށް ހާއްސަ ވީޑިއޯ އެސިސްޓަންޓް ރެފްރީ އަކާއި އޭނާ އަށް އެސިސްޓަންޓް ރެފްރީއެއްގެ އިތުރުން އޮފްސައިޑަށް ހާއްސަ ވީޑިއޯ އެސިސްޓަންޓް ރެފްރީއެއް ހުންނާނެ އެވެ. މީގެ ބޭނުމަކީ ކޮންމެ ކަމަކަށް ހާއްސަ އޮފިޝަލެއް ވަކިން ބެހެއްޓުމެވެ. މީގެ އިތުރުން އެ ތިން އޮފިޝަލުންނަށް އެހީވުމުގެ ގޮތުން އަދި އިތުރު ތިން ޓެކްނިކަލް ސްޓާފުން ތިބޭނެ އެވެ. އޭގެ އެއް ބޭނުމަކީ މެޗުގައި ދަނޑުމަތީގައި ހުންނަ ރެފްރީ އަށް މައިކްރޯފޯނުން ބަރާބަރަށް ވާހަކަ ދެއްކޭތޯ ކަށަވަރުކުރުމުގެ ގޮތުންނެވެ.

ޔުއެފާ ރެފްރީސް ކޮމިޓީ ޗެއާމަން ރޮބާޓޯ ރޮސެޓީ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.
ޔުއެފާ ރެފްރީސް ކޮމިޓީ ޗެއާމަން ރޮބާޓޯ ރޮސެޓީ ވިދާޅުވީ ނިޔޯންގައި ޔުއެފާ ހެޑްކުއާޓަރުން ވީއޭއާރް ކަންތައްތައް ބެލެހެއްޓުމުގެ އެންމެ ބޮޑު އެއް ފައިދާ އަކީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިމާވާ ކަންތައްތަކަށް ޔަގީން ހައްލެއް އޮތުމެވެ. އެއީ ހެޑްކުއާޓަރުގައި ވީއޭއާރް ބަލަމުންދާއިރު، ޔުއެފާ އަށް ހުރިހާ ކަމެއް ވަރަށް ގާތުން ބެލޭނެ ކަމަށް ރޮސެޓީ ވަނީ ވިދާޅުފަ އެވެ.
މިއީ ރަނގަޅު ބަދަލެއްތަ؟
މި ފަހަރުގެ ޔޫރޯގެ ކުރިން ޔުއެފާ އިން ވަނީ ވީޑިއޯ އެސިސްޓަންޓް އޮފިޝަލުންނާއި ހުރިހާ މެޗު ރެފްރީންނާ އެކު ޔުއެފާ ހެޑްކުއާޓަރުގައި ބޮޑު ސެމީނާއެއް (ބައްދަލުވުމެއް) ބާއްވައިފަ އެވެ. މީގެ ކުރިން ވެސް އެކި މުބާރާތްތަކުގެ ކުރިން ސެމީނާ ބާއްވަ އެވެ. އެކަމަކު މި ފަހަރު ގެނެވިފައިވާ ބަދަލުތަކާ ބެހޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި ވާހަކަ ދެކެވުނެވެ. އެންމެ ބޮޑު ބޭނުމަކީ އެކި ގައުމުތަކުގައި ފުޓްބޯޅައިގެ ފަހުގެ ގަވާއިދުތަކަށް އަމަލުކުރާ ގޮތްތަކާ ބެހޭގޮތުން ރެފްރީންނަށް ހުރިހާ ކަމެއް އެނގިފައި އޮތުމެވެ. އަދި ވީއޭއާރް ބޭނުންކުރުމުގައި ޔުއެފާ އިން އަމަލުކުރާ ގޮތަށް ހުރިހާ އޮފިޝަލުން ފަރިތަކުރުމެވެ.
އެ ގޮތުން އެންމެ ބޮޑަށް މަޝްވަރާ ކުރެވުނު އެއް ކަމަކީ "ހޭންޑްބޯލް" ގަވާއިދެވެ. މިއީ މުޅި ދުނިޔޭގެ ފުޓްބޯޅައިގައި ވެސް އެންމެ ބޮޑަށް ބަހުސްކުރެވޭ ފުޓްބޯޅަ ގަވާއިދެވެ. އަމުދުން ވީއޭއާރް ބޭނުންކޮށްގެން ސްލޯ މޯޝަނުގައި އަތުގައި ޖެހޭ ބޯޅަތައް ބެލުމަށް ފަހު އެކި ރެފްރީން ގޮތް ނިންމާފައި ހުރީ އެކި ގޮތަށް ކަމަށްވާތީ ޔޫރޯގެ ކުރިން ހޭންޑްބޯލް ގަވައިދާ މެދު އަމަލުކުރާނެ ގޮތްތަކެއް ކަނޑަަޅަން ޖެހުނެވެ.
ޔުއެފާ އިން މި ފަހަރު ޔޫރޯގެ ކުރިން ބޭއްވި ރެފްރީންގެ އެ ސެމީނާގައި ވެސް އެންމެ ފުޅާކޮށް ވާހަކަ ދެކެވިފައި ހުރީ ހޭންޑްބޯލް ގަވާއިދާ ބެހޭގޮތުންނެވެ. އެއީ ޔޫރޯގައި ފުރަތަމަ ފަހަރަށް ވީއޭއާރް ބޭނުންކުރާއިރު، ހުރިހާ ކަމެއް އޮންނަން ޖެހޭނީ ރަނގަޅަށް ބެލެހެއްޓޭ ފަދަ އުސޫލެއްގެ ތެރެއިން ކަމަށްވާތީ އެވެ. އަދި އެކި ފަހަރު އެކި ގޮތަށް ހޭންޑްބޯލްގެ ކަންތައްތައް ނިންމުމުގެ ފާޑުކިޔުންތައް މަދުކުރުމަށެވެ.
ހޭންޑްބޯލް ގަވާއިދަށް މި ފަހަރުގެ ޔޫރޯގައި އަމަލުކުރާ ގޮތާ ބެހޭގޮތުން އެންމެ ފުރަތަމަ ސުވާލު އުފެދުނީ ޔޫރޯގެ ފުރަތަމަ މެޗުގައި ތުރުކީގެ ކުޅުންތެރިން އަތުގައި އެކި ފަހަރު ބޯޅަ ޖެހުނު ނަމަވެސް އިޓަލީ އަށް ޕެނަލްޓީއެއް ނުދޭތީ އެވެ. ޔުއެފާ އިން މި ފަހަރު ޔޫރޯގައި އަމަލުކުރަން ކަނޑައެޅި ގަވާއިދުގެ ތެރެއިން ހޭންޑްބޯލް ކަމަށް ނިންމާއިރު، އަތުގައި ޖެހުނު ނަމަވެސް އެންމެ ބޮޑަށް އިސްކަންދޭން ނިންމާފައިވަނީ އެ ކުޅުންތެރިއެއް އަތުގައި ޖެހުނުއިރުގެ ހާލަތަަށެވެ. ނޫނީ ޖެހުނުއިރު އަތުގެ ފުޅާމިން ގޯލާ ދިމާލަށް ހުންނަ މިސްރާބަށެވެ. އެހެންވެ، ކުރިން ޕެނަލްޓީ ދީފައި ހުރި ބައެއް ހޭންޑްބޯލްތަކަށް މި ފަހަރުގެ ޔޫރޯގައި ފައުލު ނުލިބުމުގެ ފުރުސަތު ބޮޑެވެ.
ޔުއެފާ އިން ހެޑްކުއާޓަރުގެ ބެލުމުގެ ދަށުން ވީއޭއާރް ބަލަން ނިންމި ސަބަބުތަކުގެ ތެރެއިން ދެން އެންމެ ބޮޑަށް ހިމެނެނީ އެކި ގައުމުތަކުގައި ފައުލުވާ މިންގަނޑު ތަފާތުވެ، އެކަން ވެސް ދެމެހެއްޓެނިވި އުސޫލެއްގެ ތެރެއިން ކުރުމަށެވެ. އަދި އަމުދުން މި ފަހަރުގެ ޔޫރޯ ކުޅެނީ ތަފާތު 11 ގައުމެއްގައި ކަމަށްވާއިރު، ކޮންމެ ގައުމެއްގައި ވަކިން އެ ސްޓޭޑިއަމެއްގައި ހުންނަ ހާއްސަ ރޫމަކުން ވީއޭއާރް ބަލަން ވެއްޖެނަމަ އެކި މައްސަލަތައް ކުރިމަތިވާނެތީ ޔުއެފާ އިން ނިންމީ ހެޑްކުއާޓަރެއްގެ ބެލުމުގެ ދަށުން އެކަން ކުރިއަށް ގެންދާށެެވެ.

މި ފަހަރު ޔޫރޯގެ މެޗެއްގެ ތެރެއިން ރެފްރީއެއް ވީއޭއާރް އިން ބެލުމަށް ފަހު ޕެނަލްޓީއެއް ދެނީ.
"ވީއޭއާރް އިންކޮންސިސްޓެންޓް (އެއް އުސޫލަކުން ހުރިހާ ފަހަރަކު ނުބެލުން) އެއީ މުޅި ފުޓްބޯޅަ އަށް ލިބޭ ގެއްލުމެއް. މިސާލަކަށް ޔުއެފާގެ މުބާރާތެއް އެއީ ޗެމްޕިއަންސް ލީގު. އެ މުބާރާތެއްގެ މެޗުތައް އެކި ގައުމުތަކުގައި ކުޅޭއިރު އެކި ގައުމުތަކުގައި ވީއޭއާރް އިން ބަލައިގެން ވެސް މި އަންނަނީ ތަފާތު ނިންމުން،" 2019 ވަނަ އަހަރު ބޭއްވި ޔުއެފާ ފޯރަމްއެއްގައި ވާހަކަ ދައްކަމުން ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް އަދި އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ބުންޏެވެ.
އިނގިރޭސި ފުޓްބޯޅައިގައި ފައުލު ނުވާ ހާލަތްތައް. ނެދަލެންޑްސް ނޫނީ ސްޕެއިނުގައި އެބަވޭ ވީއޭއާރް އިން ބަލައިގެން. އެހެންވީމަ (ފުޓްބޯޅަ) އިންސާފުވެރިކުރަން ކަމަށް ބުނެ ވީއޭއާރް ގެނައި މަގުސަދު އެބަ ގެއްލޭ - ވެންގާ
ވެންގާ ވަނީ ދާދި ފަހުން އޮޓަމެޓިކް ސިސްޓަމެއް މެދުވެރިކޮށް ފުޓްބޯޅައިގައި އޮފްސައިޑްގެ ނިންމުންތައް ނިންމޭނެ ގޮތަކަށް ހެދުމަށް ކުރާ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށާއި ބޭނުންނަމަ އަންނަ އަހަރު އެ އަށް އަމަލުކުރަން ފެށިދާނެ ކަމަށް ބުނެފަ އެވެ. އެއީ ވެސް ވީއޭއާރްގެ ނިންމުންތަކުގެ ތެެރޭގައި ހިމަނަން ވެންގާ ބޭނުންވާ ކަމެކެވެ.
ވީއޭއާރްގެ ސަބަބުން ފުޓްބޯޅައިގެ އަސްލު ގެއްލޭ ކަމަށް ބުނާ ފުޓްބޯޅައިގެ ތަޖުރިބާކާރުން ގިނަ އެވެ. އެއް ސަބަބަކީ ސިސްޓަމެއްގެ ބޭނުން ހިފައިގެން ބަލައި ފުޓްބޯޅައިގެ ކަންކަން ނިންމެންދެން މަޑުކުރަން ޖެހި ފުޓްބޯޅައިގައި އޮންނަން ޖެހޭ އިމޯޝަންސް (އިހުސާސްތައް) ގެއްލިގެން ދާތީ އެވެ. މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި ކޯޗުން ވެސް ވަނީ އެ ވާހަކަތައް ތަކުރާރުކޮށް ދައްކައިފަ އެވެ.
އެކަމަކު، ފީފާ އާއި ޔުއެފާ އަދި އެހެން ބައްރުތަކުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް އަންނަނީ ވީއޭއާރް ދިފާއުކޮށް ވާހަކަ ދައްކަމުންނެވެ. އަދި އިތުރު ބަދަލުތައް ގެނެސްގެން ވީއޭއާރް އަކީ ފުޓްބޯޅަ އިންސާފުވެރިކޮށް ކުރިއަށް ގެންދަން މުހިއްމު ބައެއް ކަމަށް ފެޑެރޭޝަންތަކުން ބުނެ އެވެ. ޔުއެފާ އިން މި ފަހަރު ހެޑްކުއާޓަރުގެ ރޫމަކުން ވީއޭއާރް ބަލަމުންދާއިރު، އެ ބަދަލާ މެދު ރަނގަޅު ވިސްނުންތަކެއް ވެސް އެބަހުއްޓެވެ. މުސްތަގުބަލުގައި މި ގޮތަށް ގިނަ މުބާރާތްތައް ބޭއްވުމުގެ ފުރުސަތު ބޮޑެވެ.












