ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އާ ލީޑަޝިޕާ އެކު ޖެނެރަލް ސެކްރެޓަރީގެ ޒިންމާއާ ހަވާލުވެ، އެ މަސައްކަތް ކުރަމުން އަންނަނީ މެނޭޖްމަންޓް ދާއިރާގެ ގިނަ އަހަރުތަކެއްގެ ތަޖުރިބާ ހުރި ފަރާތެއް ކަމަށްވާ އައިޝަތު ސޫޒަން ހަނީފް އެވެ. އޭނާ އަކީ ވީއޭއެމްގެ ފުރަތަމަ އަންހެން ޖެނެރަލް ސެކްރެޓަރީ އެވެ. އަދި ރާއްޖޭގެ ބޮޑު ކުޅިވަރު އެސޯސިއޭޝަނެއްގެ ފުރަތަމަ އަންހެން ޖެނެރަލް ސެކްރެޓަރީ ވެސް މެ އެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަން މާކެޓިން އިން މަތީ ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި ސޫޒަން ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އިއްޔެ އޭނާ ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އޭޝިއާގެ މައި ވޮލީ ބޯޅަ ފެޑެރޭޝަން، އޭވީސީ އާއި ވީއޭއެމްގެ އިސްވެރިން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފަ އެެވެ.
އެ ބައްދަލުވުމުގައި ވީއޭއެމްގެ ފަރާތުން ޖެނެރަލް ސެކްރެޓަރީ ސޫޒަންގެ އިތުރުން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) އާއި އޭވީސީގެ ރައީސް ރީތާ ސުބޯވޯ ވަނީ ރާއްޖޭގެ ވޮލީބޯޅައިގެ ކުރިމަގާ ބެހޭގޮތުން އޭވީސާއާ އެކު ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ.
ވިއްސަކަށް އަހަރުގެ މެނޭޖްމަންޓް ތަޖުރިބާއާ އެކު ސޫޒަން ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ ޒިންމާއާ ހަވާލުވުމާ ބެހޭގޮތުން "އަދަދު" އަށް ވިދާޅުވީ އެކި ދާއިރާތަކުގައި ކޮށްފައި ހުރި މަސައްކަތްތަކަށް ބަލާއިރު، ވީއޭއެމްގައި މި ލިބުނު ފުރުސަތުގެ ބޭނުން ހިފަން ނިންމީ ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އިތުބާރާ އެކު އެވެ.
"ވީއޭއެމްގެ މިހާރު އޮތް ލީޑަޝިޕުން މި ފުރުސަތު ދިނީމަ. މިއީ ނުވާނެ ކަމެއްގެ ގޮތުގައި ނުއެއް ދެކެން. ގަބޫލުކުރަނީ އަންހެނަކަށް ވިޔަސް ކުރެވޭނެއޭ މި މަސައްކަތް. އަޅުގަނޑު މަސައްކަތް ކޮށްފައި ހުރި މެނޭޖްމަންޓްގެ ދާއިރާގެ މަސައްކަތްތަކަށް ބަލާއިރު މިއީ ތަފާތު ތަޖުރިބާ އަކަށް ވާނެ. މީގެ ވީއޭއެމްގެ ލީޑަޝިޕްގެ އެއްބާރުލުމާ އެކު މިހާރު މި ޕްލޭން ކުރެވޭ ކަންތައްތައް ކުރެވޭނެ،" އެމްޓީސީސީގައި 19 އަހަރު މަސައްކަތް ކުރެއްވި ސޫޒަން ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ވީއޭއެމް އާއި އޭވީސީގެ ވީޑިއޯ ކޮންފަރެންސް ބައްދަލުވުމުގެ ތެރެއިން.
ޖެނެރަލް ސެކްރެޓަރީގެ އެންމެ އިސް ޒިންމާ އަކީ ދުވަހުން ދުވަހަށް އެސޯސިއޭޝަން ހިންގުމުގައި އެކުރަންޖެހޭ ކަންތައްތައް ފުރިހަމަ އަށް އަދާ ކުރުމެވެ. އަދި ލީޑަޝިޕްގެ ޕްލޭނުގައި ހުންނަ ކަންތައްތައް އެސޯސިއޭޝަންގެ އިދާރީ ހިންގުމުގެ ތެރެއިން ކުރިއަށް ގެންދިއުމަކީ ޖެނެރަލް ސެކްރެޓަރީއާ ހަވާލުވެފައި އޮންނަ ކަމެކެވެ.
ހަގީގަތުގައި ގިނަ އަންހެނުން މި މަސައްކަތް ކުރަނީ ޑެސްކް ޖޮބްތަކުގައި . މި ފަދަ ޒިންމާދާރު މަގާމުތަކުގައި ވެސް އަންހެނުންނަށް ފުރުސަތު ދީފިއްޔާ މަސައްކަތް ކުރެވޭނެއޭ. އެއީ އަޅުގަނޑު ދެކޭގޮތް. ވީއޭއެމް އިން އަޅުގަނޑަށް މި ފުރުސަތު ދިނީމަ އަޅުގަނޑު ގަބޫލުކުރީ މިކަން އަޅުގަނޑަށް ކުރެވޭނެއޭ ލީޑަޝިޕްގެ އެއްބާރުލުމާ އެކު - ސޫޒަން
ވޮލީބޯޅަ އަކީ ދެ ޖިންސުން ބަލާއިރު، ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރެވެ. މިދިޔަ ދެ އަހަރެއްހާ ދުވަހަށް ބަލާއިރު، ސިޔާސީ ކަންތައްތަކާއި ދެ ލީޑަޝިޕެއްގެ ހިޔާލު ތަފާތުވުންތަކާ ހެދި ވީއޭއެމްގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
ވީއޭއެމް ހިންގުމުގައި ހުރި އެތައް މައްސަލައެއްގެ ސަބަބުން އިދާރީ ހިންގުމުގައި އެތައް ގޮންޖެހުންތަކެއް ވަނީ ދިމާވެފަ އެވެ. އެންމެ ފަހުން ވޮލީބޯޅަ އެސޯސިއޭޝަންގެ ކަންކަން ހައްލުކުރަން ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީގެ އެހީގައި އެކުލަވާލި އެޑްހޮކް ކޮމިޝަން މެދުވެރިކޮށް ކަންކަން އިސްލާހުކުރުމަށް ފަހު އާ އިންތިހާބެއް ބޭއްވުނީ މިދިޔަ އޭޕްރީލް މަހު އެވެ. އެފްއައިވީބީ އާއި އޭވީސީގެ ލަފާގެ މަތިން ވެސް ވީއޭއެމްގައި ރަނގަޅުކުރަން ޖެހޭ ކަންތައްތައް އެބަހުއްޓެވެ.
ކުރަން ހުރި މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ސޫޒަން ވިދާޅުވީ ގިނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށާއި މި ވަގުތު ހާލަތު ހުރި ގޮތުން ބައެއް ކަންކަން ކުރަން ވަގުތު ނަގާނެ ކަމަށެެވެ.
"ހުރިހާ ކަމެއް އަލުން ފަށަން ޖެހިފައި ހުރި ކަހަލަ ގޮތަކަށް ކަންތައްތައް ހުރީ. އަދި ޖޮއިންކުރިތާ އެހާ ދުވަހެއް ވެސް ނުވޭ. ވީއޭއެމްއާ ގުޅުނުއިރު ވަރަށް ދެރަކޮށް މި އޮތީ މި ވަގުތުގެ ހާލަތު. ޕެންޑެމިކްގެ ސަބަބުން ކުޅިވަރު ހަރަކާތްތައް ހުއްޓިފައި،" ދޮޅު އަހަރެއްހާ ދުވަހު ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ވެސް އަދާކުރެއްވި ސޫޒަން ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެންގެ ވިސްނުމަކީ ސެޕްޓެމްބަރު ހިސާބު ހުރިހާ ކަމެއް ފެށޭނެ ކަމަށް ބަލައި އިދާރީ ގޮތުން މި ހުރި ކަންކަން ރަނގަޅުކުރުން. އެ މަސައްކަތް ހުރިހާ ފަރާތެއް ގުޅިގެން ކުރަން ބޭނުންވަނީ،"
ވީއޭއެމްގެ ރައީސް ރަނޭޝް ވިދާޅުވީ މިހާރު އޮތް ލީޑަޝިޕުން އެންމެ ފުރަތަމަ ވެސް އެސޯސިއޭޝަން ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދަން ނިންމީ އަންހެނުން ބާރުވެރި ކުރެވޭނެ ގޮތެއް ބެލުމަށް ފަހު ކަމަށެވެ.
އެ ގޮތުން ޖެނެރަލް ސެކްރެޓަރީ ފަދަ އިސް މަގާމަކަށް މެނޭޖްމަންޓުގެ ތަޖުރިބާ ހުރި ސޫޒަން އައްޔަނުކުރީ އެސޯސިއޭޝަންގެ ޕްލޭނާ އެއްގޮތަށް ޑިވެލޮޕްމަންޓްގެ ކަންކަމާއި އެސޯސިއޭޝަންގެ އިދާރީ ހިންގުން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ރަނޭ ވިދާޅުވި އެވެ.
ސޫޒަން އަކީ ވީއޭއެމްގެ ހަ ވަނަ ޖެނެރަލް ސެކްރެޓަރީ އެވެ. އެންމެ ފުރަތަމަ ވީއޭއެމްގެ ރައީސަކަށް މުހައްމަދު ރިޔާޒް ހުންނެވިއިރު، ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވީ ހުސެއިން މުހައްމަދު (ވޮލީ ހުސެން) އެވެ. އޭގެ ފަހުން ވީއޭއެމްގެ ރައީސްކަން ކުރެއްވި މުހައްމަދު ލަތީފްގެ ދައުރުގައި ވަނީ ހަތަރު ޖެނެރަލް ސެކްރެޓަރީން މަސައްކަތް ކޮށްފަ އެވެ. އެންމެ ފުރަތަމަ އެ ޒިންމާ ހަވާލުކުރީ ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި ފެނުނު މުހައްމަދު އާދަމްއާ އެވެ. އޭނާ މާ ގިނަ ދުވަހެއް ވަންދެން އޭނާ އަށް އެ ޒިންމާ އަދާނުކުރެވުނެވެ.
އޭގެ ފަހުން ލަތީފްގެ ލީޑަޝިޕްގައި މުހައްމަދު ޝަރަފް އާއި އަހުމަދު އަދީލް (ބޭބެ) ވަނީ ޖެނެރަލް ސެކްރެޓަރީގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އެ ދެ މީހުންނަށް ފަހު ލަތީފްގެ ދައުރު ނިމެންދެން ޖެނެރަލް ސެކްރެޓަރީގެ ޒިންމާ އަދާކުރެއްވީ މުހައްމަދު ޝާފީ އެެވެ.













