ހުޅުމާލޭ މޫދުގައި ޒަހަމްތަކަކާ އެކު މަރާލާފައި އޮއްވައި ފެނުނު ކުޑަ ކުއްޖާގެ މަރުގެ މައްސަލާގައި ހައްޔަރުކުރި މީހުން ފިލަން ތިބީ މާލޭގެ ގެސްޓް ހައުސްއެއްގައި ކަން "އަދަދު" އަށް އެނގިއްޖެ އެވެ.
ރަހީނު ކުރުމަށް ފަހު މަރާލާފައި އޮއްވައި ފެނުނީ އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރެވެ. މި މައްސަލައިގެ ތުހުމަތަށް 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއްގެ އިތުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އެ މީހުން ފިލާ ތިބީ ހެންވޭރު ދުނބުރިމަގުގައި ހުންނަ އެކްސްޓްރާ ހެވަން ކިޔާ ގެސްޓް ހައުސްއެއްގަ އެވެ. އެކަމަކު އެތަން ކުއްޔަށް ނެގީ މި މައްސަލައިގައި ހައްޔަރު ކުރި މީހެއްގެ ނަމުގައެއް ނޫނެވެ.
އެ ގެސްޓް ހައުސް ހިންގާ ބިދޭސީ، ބަސްގަރު ހުސައިން "އަދަދު" އަށް ބުނި ގޮތުގައި ދެ ފިރިހެނުން ކޮޓަރި ކުއްޔަށް ހިފައިގެން އެ ގެސްޓް ހައުސްއަށް ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 10:15 ހާ އިރު ކަމަށެވެ. އެ މީހުން ތިބީ އެ ގެސްޓް ހައުސްގެ ދެ ވަނަ ފްލޯގައި ހުންނަ 202 ކޮޓަރީގަ އެވެ.

އާދީއްތަދުވަހު އެ މީހުން ފިލަން ގެސްޓް ހައުސްއަށް ދިޔައިރު ރާއިފް ގެއްލުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ރާއިފް ނުފެނިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓްކުރީ އާދިއްތަ ދުވަހު އެވެ.
އެ މީހުން ހައްޔަރު ކުރުމަށް އާދައިގެ ހެދުމުގައި ތިބި ދެ ފުލުހުން އެ ގެސްޓް ހައުސްއަށް ދިޔައީ ރޭ 8:15 ކަންހާއިރު އެވެ. އެ މީހުން ހައްޔަރު ކޮށްގެން ގެންދިޔައީ 3:15 ގަ އެވެ. ދެ މީހުން ހައްޔަރު ކޮށްގެން ގެންދިޔައީ ރޭގެ ދެންވަރުގެ ދެ ގަޑިއެއްގަ އެވެ.

މަރާލާފައިވާ ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ހެކި ހޯދަން ފުލުހުން ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު
"ފުލުހުން ފޮޓޯ ދައްކާފައި ބުނީ އޭނާ އެބައުޅޭހޭ. ދެން މަބުނީ އޭނާ އެބަ އުޅެއޭ. ދެން އެ މީހުން ބުނީ ކޮޓަރި ދައްކައިދޭށޭ. ބުނީމަ ކޮޓަރި ދެއްކީމާ ގޮސް ޓަކި ޖެހީމައި އެތެރެ މީހުން ދޮރު ނުހުޅުވި،" ބަސްގަރު ބުންޏެވެ.
އޭނާ ބުނިގޮތުގައި އެތެރޭގައި ތިބި މީހުން ދޮރު ނުހުޅުވުމުން ކައުންޓަރުން ތަޅުދަނޑި ހޯދައިގެން ގޮސް ހުޅުވަން އުޅުނުއިރު ދޮރު ހުރީ އެތެރެއިން ތަންޑު އަޅުވައިފަ އެވެ.
"ތަންޑު އަޅުވާފައި ހުރުމުން ބައިގަޑިއިރު އެ މީހުންނަށް މަޑުކޮށްގެން ނުހުޅުވައިގެން އަނެއް ކަހަލަ އެއްޗެއް ގެނެސްގެން ދޮރު އެއްކޮށް ފުނޑުފުނޑު ކޮށްލީ. ކޮށްގެން އެތެރެއަށް ވަދެގެން ގެންދިޔައީ،" ބަސްގަރު ބުންޏެވެ.
އެ ދެ މީހުން ހައްޔަރު ކުރުމަށް ފަހުގައި ފުލުހުން އެ ކޮޓަރިތެރެއިން ކަރުދާސް ކޮތަޅުގައި އެއްޗެހިތަކެއް ގެންދިޔަ އެވެ. އެ ކޮޓަރީގައި ހުރި ގޮދަޑި ކަނުގައި އޭރު ލޭ ހުރި ކަމަށް ބަސްގަރު ބުންޏެވެ.
"ކޮޓަރި އެތެރެއަށް އަދިވެސް ނުވަދެވޭ. އެހެންވެ ނޭނގެ ވީ ގޮތެއް. ކުޑަކޮށް ލޭ ހުރި ގޮދަޑީގައި،" ބަސްގަރު ބުންޏެވެ.

މަރާލާފައިވާ ކުއްޖާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ހެކި ހޯދަން ފުލުހުން ހަރަކާތްތެރިވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު
އަޑު ފެތުރިފައިވާ ގޮތުގައި ރާއިފް މަރާލާފައި އޮއްވައި ފެނުނީ ފޮއްޓެއްގެ ތެރެއިންނެވެ. އެ ގެސްޓް ހައުސްއިން ފޮއްޓެއް އެއްޗެއް ބޭރަށް ގެންދިޔަތޯ ސުވާލު ކުރުމުން ބަސްގަރު ބުނީ އެ ދެ މީހުން ކޮޓަރިއަށް ވަން ގޮތަށް އެއްވެސް ގޮތަކަށް ބޭރަށް ނުނިކުންނަ ކަމަށެވެ.
"އެ މީހުން 20 ގައި [އާދީއްތަދުވަހުގެ] ރޭ އައިގޮތަށް އެ މީހުން ނުނިކުމޭ. ކާއެއްޗެހިވެސް ގެނެސް ދެނީ ކޮންމެވެސް ކުއްޖެއް. ފެނަށް ބޭނުންވީމަ ވެސް ރިސެޕްޝަނަށް ގުޅާފައި ބުނަނީ ފެންފުޅި ފޮނުވައި ދޭށޭ. ގެންގޮސް ދިނީމައި ކުޑަކުޑަކޮށް ދޮރު ހުޅުވައިގެން ރޫމްބޯއީ އަތަށް ލާރި ދެނީ،" ބަސްގަރު ބުންޏެވެ.
އެ މީހުން ނުނިކުމޭ ދެ ދުވަސްވީރު ވެސް.
ގެސްޓް ހައުސް ހިންގާ މީހާ ބުނިގޮތުގައި އެއީ ކޮން ކަހަލަ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި ބައެއްތޯ ސުވާލު ކުރުމުން ފަހުން އަންގާނެ ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން ހައްޔަރު ކުރި ކޮޓަރީގެ ދޮރުމަތީގައި އަދިވެސް ދެ ފުލުހަކު އެބަތިއްބެވެ.













