އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ފާސްކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
އާންމު މީހަކު އިސްނަގައިގެން ތައްޔާރުކުރި މި ޕެޓިޝަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެންޑޯޒްކުރައްވައި ޓްވީޓު ކުރައްވާފަ އެވެ. އޮންލައިންކޮށް ސޮއިކުރަމުންދާ ޕެޓިޝަނުގައި މިހާތަނަށް 300 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.
އެ ޕެޓިޝަންގައި ބުނެފައިވަނީ "ލާދިނީ"އޭ ކިޔައިގެން މީހުންނާމެދު ނަފުރަތު އުފެއްދުން ހުއްޓުވަން ޖެހޭ ކަމާއި އެކަމަށްޓަކައި ނަފުރަތުގެ ބިލް ފާސްކުރަން ޖެހޭ ކަމެވެ. މީހުން ލޭބަލްކޮށް ދައްކާ ވާހަކަތަކުގެ ސަބަބުން މިދިޔަ 10 އަހަރުގެ ތެރޭގައި ލޭއޮހޮރުވުންތަކެއް ހިނގާފައިވާ ކަމާއި، ރައީސް ނަޝީދަށް ދިން ހަމަލާއަކީ ވެސް އެގޮތުގެ މަތިން އައި ހަމަލާއެއްކަން ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.
އެ ޕެޓިޝަން ހަދާފައިމިވަނީ 101 އިލްވެރިޔަކު ސޮއި ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށެވެ. އެ ޕެޓިޝަނުގައި އިލްމްވެރިން ރައީސްއަށް ދަންނަވާފައިވަނީ ބިލް އަނބުރާ ގެންދިޔުމަށެވެ.

ޕެޓިޝަނުގައި އިލްމްވެރިން ބުނެފައިވާ ގޮތުގައި، ބިލްގެ ސަބަބުން އިސްލާމްދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތްތަކާއި ނުރަނގަޅު ގޯސް ކަންތައްތައް ނުކުރުމަށް އިލްތިމާސްކޮށް، އާންމުން ހޭލުންތެރިކުރުމަށް އިލްމްވެރިންނަށް އަދި އެހެން ފަރާތްތަކަށް ވެސް ހުރަސް އެޅިގެންދާނެ އެވެ.
ބިލް އަނބުރާ ނެގުމަށް ރައީސަށް އިލްމްވެރިން ދަންނަވާފައިވާއިރު، ގިނަ ކައުންސިލްތަކަކުން ވެސް ވަނީ އެ ބިލް ކުށްވެރިކޮށް ބަޔާން ނެރެފަ އެވެ.
ހިޔާލު ތަފާތުވެފައިވާ ބިލް މިހާރު ރައްޔިތުންގެ މަޖިލީހުން ވަނީ ބަލައިގަނެ، ކޮމިޓީ މަރުހަލާގެ މަސައްކަތްތައް ފަށާފަ އެވެ. އާންމުންނާއި ބައެއް މުއައްސަސާތަކުގެ ހިޔާލު ހޯދުމަށް ވެސް ކޮމިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކޮމިޓީން ވަނީ ބިލްގެ މަސައްކަތް ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލުމަށް އަމާޒު ހިފާފަ އެވެ.
ބިލުން ގެންނަނީ ކޮން ބަދަލެއް
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.
އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، ގާނޫނުލްއުގޫބާތުގެ ދަށުން އެ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެވެ.
އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީ ވެސް ކުށެކެވެ.
މީގެ އިތުރުން، މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުން ވެސް ވަނީ ކުށަކަށް ހަދަން ހުށަހަޅާފަ އެވެ.
އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖިނާޔަތުގެ ހަތަރެއް އަދި ފަސް ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ. އޭގެ މާނައަކީ އެފަދަ ކުށެއް ސާބިތުވާ މީހަކަށް ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މީގެ އިތުރުން، މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.
އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.
އަދި، އޭގެ ތެރެއިން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ނަފްރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ހުށަހަޅާފައިވަނީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިނުމަކީ އެމަނިކުފާނާ މެދު ނަފްރަތު އުފައްދަން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވިދާޅުވަމުންދާ ދަނޑިވަޅެއްގަ އެވެ.












