ބޭންކުގެ ކަސްޓަމަރުން ބޭނުންވާ އާ ގިނަ ފީޗާސްތަކާއެކު އަޕްގްރޭޑްކޮށްފައިވާ ބީއެމްއެލް މޮބައިލް ބޭންކިން އެޕް މިއަދު ތައާރަފުކޮށްފި އެވެ.
މިއީ، 2015 ވަނަ އަހަރު ބީއެމްއެލް މޮބައިލް ބޭންކިން އެޕް ތައާރަފުކުރި ފަހުން މިހާތަނަށް އެޕަށް ގެނައި އެންމެ ބޮޑު އަޕްގްރޭޑެވެ. އާ ފީޗާތަކުގެ އިތުރުން މުޅި އެޕްގެ ޔޫސާ އިންޓަފޭސްއަށް ބޮޑެތި ބަދަލުތަކެއް ބީއެމްއެލްއިން ގެނެސްފައިވެ އެވެ.
ބީއެމްއެލް މޮބައިލް ބޭންކިން އެޕްގައި އަލަށް ތައާރަފު ކުރި ފީޗާސްތަކުގެ ތެރޭގައި:
- ކުއިކް ޕޭއިން ކޮންޓެކްޓް ލިސްޓަށް އެކައުންޓް ނަންބަރު އެޑް ނުކޮށް ފައިސާ ޓްރާންސްފާ ކުރެވޭ
- ފައިސާ ޓްރާންސްފާ ކުރުމުގެ ކުރިންނާއި ކޮންޓެކްޓެއްގެ ގޮތުގައި ހިމެނުމުގެ ކުރިން އެކައުންޓްގެ ވެރިފަރާތް ޔަގީންކުރެވޭ
- ކުރިން ކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދު ލިބޭ
- ޕާސަނަލް، ޖޮއިންޓް ނުވަތަ ބިޒްނަސް އެކައުންޓްވެސް އެޕް މެދުވެރިކޮށް ބޭނުންކުރެވޭ
- ބޭންކިން ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ކަސްޓަމަރުންގެ މައުލޫމާތު އަފްޑޭޓް ކުރުން
- ކާޑު މެނޭޖްކުރެވޭ
- ބޭންކަށް މެސެޖް ފޮނުވުމާއި ބޭންކުން ޖަވާބު ފޮނުވުމުން ފޯނަށް ނޮޓިފިކޭޝަން ލިބޭ
މި އެޕް ތައާރަފުކުރުމާ ގުޅިގެން މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިއީ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ޓެކްނޮލޮޖީއަށް ކުރަމުންދާ އިންވެސްޓްމަންޓުގެ ދަށުން ހާސިލުކުރެވުނު މުހިއްމު ލަނޑުދަނޑިއެއް ކަމަށެވެ.
ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ބޭންކުގެ ޑިޖިޓަލް މަގުޗާޓުގައި ހިމެނޭ އާ އެޕް މިއަދު ތައާރަފް ކުރެވުގެންދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. -- ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ
މިހާރުގެ އަޕްގްރޭޑްގައި އިންޓަނެޓް ބޭންކިންގެ ފީޗާތައް އެކަނި ހިމެނުނު ނަމަވެސް، ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސްތައް އެޕަށް ތައާރަފުކުރެވޭނެ ކަމަށް ބޭންކުން ވަނީ ހާމަކޮށްފަ އެވެ.
ބީއެމްއެލްއިން ދީފައިވާ މައުލޫމާތުތައް ބުނާ ގޮތުން ބޭންކުގެ 90 އިންސައްތަ ކަސްޓަމަރުން އޮންލައިން ބޭންކިންއަށް ރަޖިސްޓްރީ ކޮށްފައިވާއިރު، މިދިޔަ އަހަރު 73 މިލިއަނަށް ވުރެ ގިނަ މުއާމަލާތް ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ހިންގާފައި ވެއެވެ.











