މެޑްރިޑް (ޖޫން 17) - ރެއާލް މެޑްރިޑްގައި މަޑުކުރަން ބޭނުންވިއިރު އެ ކްލަބުން އޭނާ އަށް ހުށަހެޅި އާ އެއްބަސްވުމުގެ މުއްދަތު އޮތީ ހަމަވެފައި ކަމަށް 16 އަހަރަށް ފަހު މިއަދު ރެއާލް ދޫކޮށްލި ސާޖިއޯ ރާމޯސް ބުނެފި އެވެ.
އުމުރުން 35 އަހަރުގެ ރާމޯސް ރެއާލް ދޫކޮށްލީ ހިލޭ ޓްރާންސްފާއެއްގަ އެވެ. މި މަސް ނިމުމުން ރާމޯސް ރެއާލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެ އެވެ. ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ހާޒިރުގައި މިއަދު ބޭއްވި ރާމޯސްގެ ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ ރެއާލް ދޫކޮށްލަން ޖެހުނު ގޮތް ނޫސްވެރިންނަށް ހިއްސާކޮށްފަ އެވެ.

ރާމޯސް ރެއާލްގެ ޓްރޮފީތަކާ އެކު.-- ފޮޓޯ: ރެއާލް މެޑްރިޑް
ރާމޯސް ބުނީ އޭނާ ރެއާލް ދޫކޮށްލަން ބޭނުންނުވާ ކަމަށާއި ކްލަބްގައި މަޑުކުރަން ބެލިއިރު، އެ ޓީމުން ކުރި މަޝްވަރާތައް ހުއްޓާލާފައިވާ ކަމަށެވެ.
"އަހަރެން އަބަދުވެސް ބޭނުންވީ ރެއާލްގައި ހުންނަން. ކްލަބުން ހުށަހެޅީ އެއް އަހަރުގެ ކޮންޓްރެކްޓެއް ކުރިން ލިބެމުން އައި މުސާރަ ކުޑަކޮށްފައި. އަހަރެން ބޭނުންވީ އަހަންނާއި އަހަރެން އާއިލާ އަށް ޓަކައި ދެ އަހަރުގެ ކޮންޓްރެކްޓެއް. ފަހުން އަހަރެން އެއް އަހަރަށް ވިޔަސް ކްލަބްގައި މަޑުކުރަން ނިންމާފައި ބަލާލިއިރު އަހަންނަށް އެންގީ ކުރިން ކްލަބުން ހުށަހަޅާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެފައިވާ ކަމަށް. އެއީ އަހަންނަށް ކުރިން އަންގާފައި އޮތް ކަމެއް ނޫން،" ރޮވިފައި ހުރެ ރާމޯސް ކިޔައިދިނެވެ.
ރެއާލްގެ ކޯޗުކަން މި ފަހަރު ދޫކޮށްލި ޒިނެދިން ޒިދާން ވެސް ވަނީ އެ ޓީމުން އޭނާ އަށް އެންމެ ބޭނުންވި ސަޕޯޓް ނުލިބޭ ކަމަށާއި ކްލަބުން އޭނާ އަށް ކުރަން ޖެހޭ އިތުބާރު ވެސް ބޭނުންވި ވަގުތު ނުފެންނަ ކަމަށް ބުނެފަ އެވެ. ރާމޯސް މިއަދު ވަނީ އޭނާއާ އެކު ރެއާލުން މަޝްވަރާތައް ކުރިއިރު ކަންތައް ކުރީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް ދޭހަވާ ވާހަކަތަކެެއް ދައްކައިފަ އެވެ.
"އަހަންނަށް ނޭނގެ އަހަންނަށް ހުށަހެޅި ކޮންޓްރެކްޓް (އެއް އަހަރުގެ އެއްބަސްވުން) ގައި މުއްދަތު ހަމަވާ ތާރީހެއް އޮތް ކަމެއް. މަޝްވަރާކުރިއިރު ވެސް އެ ވާހަކަ ހިއްސާއެއް ނުކުރޭ. ފަހަރެއްގައި ވެދާނެ އަހަންނަށް ހުރިހާ ކަމެއް އޮޅުން ނުފިލީ ކަމަށް. އެކަމަކު އެއްވެސް މީހެއް އެ އޮފާ ފަހުން ވެސް ނޯންނާނެ ކަމަށް ނުބުނޭ،" ރެއާލްގެ ކެޕްޓަނެއްގެ މަގާމުގައި ހުރި ރާމޯސް ބުންޏެވެ.
ޒިދާނަށް ފަހު ރެއާލާ ހަވާލުވި ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ރެއާލް ކޯޗެއްގެ ގޮތުގައި މީޑިއާ އަށް ތައާރަފްކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާމޯސް އެ ޓީމުގައި ބަހައްޓަން ބޭނުންވާ ކަމަށް ބުނެފަ އެވެ
ރާމޯސް ރެއާލަށް ބަދަލުވީ ސެވިއްޔާ ދޫކޮށް 2005 ވަނަ އަހަރު އެވެ. ރެއާލުން އޭނާގެ ސޮއި ހޯދީ 27 މިލިއަން ޔޫރޯ ދައްކައިފަ އެވެ. އެއީ އޭރު ސްޕެއިނުގެ ޑިފެންޑަރަކަށް ހޭދަކުރި އެންމެ ބޮޑު ޓްރާންސްފާ ފީ އެވެ. ރެއާލަށް 671 މެޗު ކުޅެދިން ރާމޯސް ވަނީ އެ ޓީމާ އެކު ފަސް ލީގު ތަށްޓާއި ހަތަރު ޗެމްޕިއަންސް ލީގާއި، ހަތަރު ކްލަބް ވޯލްޑް ކަޕާއި އަދި ދެ ސްޕެނިޝް ކަޕް ކާމިޔާބުކޮށްފަ އެވެ.
"އަހަރެން އަބަދުވެސް މި ކްލަބަށް (ރެއާލަށް) ސަޕޯޓްކުރާނަން. މި ޓީމަށް ކުރިއަށް އޮތްތަނުގައި ވެސް ކޮންމެވެސް ސިފައެއްގައި ހިދުމަތް ކުރަން ބޭނުން،" ރެއާލާ އެކު 22 ތަށި އުފުލާލި ރާމޯސް ބުންޏެވެ.
ރާމޯސް ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ފްރާންސްގެ ޕީއެސްޖީންނެވެ. އަދި އިނގިރޭސި ބައެއް ކްލަބްތަކާއި އިޓަލީގެ ބައެއް ޓީމުތަކުން ވެސް ރާމޯސް އަށް ޝައުގުވެރިވެ އެވެ.












