ކޯޕެންހޭގަން (ޖޫން 17) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މީގެ ފަސް ދުވަސް ކުރިން ފިންލެންޑް އަތުން 1-0 އިން ޑެންމާކް ބަލިވި މެޗުގައި ހިތްހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނު ޑެނިޝް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ހިތަށް އައިސީޑީ (އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ) ޑިވައިސްއެއް ލައްވަން ޖެހިއްޖެ އެވެ.
ޑެންމާކް ފުޓްބޯޅަ ފެޑެރޭޝަނުން މިއަދު ބުނީ އުމުރުން 29 އަހަރުގެ ކުޅުންތެރިޔާގެ އެންމެ ފަހުގެ ޓެސްޓްތަކުން ދެއްކި ގޮތުން ޑިވައިސްއެއް ލައްވަން ޖެހޭ ކަމަށާއި އެކަމަށް ޑެންމާކުގެ ޑޮކްޓަރު މާޓިން ބޮއެސަން ލަފާދިނުމާ އެރިކްސަން އެއްބަސްވެފައިވާ ކަމަށެވެ.
އައިސީޑީ އަދި ޕޭސްމޭކަރު ލައްވައިގެން ބައެއް ފުޓްބޯޅަ ކުޅުންތެރިންނާއި އެތުލީޓުން ވަނީ މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. މި ފަހަރު ޔޫރޯގައި ނެދަލެންޑްސް ޓީމަށް ކުޅޭ ޑޭލީ ބްލިންޑް ވެސް ކުޅެނީ ހިތަށް ޕޭސްމޭކަރެއް ލައްވައިގެންނެވެ.
އައިސީޑީ އަކީ ހާޓް ރޭޓް ކޮންޓްރޯލް ވަރެއްގައި ދެމެހެއްޓުމަށް ހަރުކުރާ ޑިވައިސް އެކެވެ. ހިތުގެ ވިންދު މާ އަަވަސްވާނަމަ އައިސީޑީން އެ ޑިޓެކްޓްކޮށް ކޮންޓްރޯލް ކުރާނެ އެވެ. ޕޭސްމޭކަރުގެ ފައިދާ އަކީ ހިތުގެ ވިންދު ލަސްނަމަ އަވަސްކޮށްދީ ރަނގަޅު ލެވަލެއްގައި ބަހައްޓާނެ އެވެ.
ޕޭސްމޭކަރެއް ލައްވައިގެން ކުޅެމުން އަންނަ ބްލިންޑް އަކީ މީގެ ކުރިން އަޔަކްސްގައި އެރިކްސަންއާ އެކު ތިން ސީޒަން ހޭދަކުރި ކުޅުންތެރިއެކެވެ. އެރިކްސަން އަށް ދިމާވި ހާދިސާގެ ސަބަބުން މިފަހަރު ޔޫރޯގައި ނެދަލެންޑްސް ކުޅެން އޮތް ފުރަތަމަ މެޗުގައި ޔޫކްރެއިނާ ދެކޮޅަށް ކުޅެން ބްލިންޑް ފަސްޖެހުނެވެ. އެކަމަކު ފަހުން މެޗުގައި ކުޅެން ނިންމައި މެޗުގެ ބޮޑުބައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އަދި ބަދަލުކުރި ވަގުތު ދަނޑުން ފައިބައިގެން ދިޔަ ވަގުތު ބްލިންޑް ހުރީ ރޮވިފަ އެވެ.
ބްލިންޑް ހިތަށް ޕޭސްމޭކަރެއް ލެއްވީ 2019 ވަނަ އަހަރު އެވެ. މިދިޔަ އަހަރު އޮގަސްޓް މަހު އެކުވެރިކަމުގެ މެޗެއްގެ ތެރެއިން ހިތުގެ މައްސަލައެއް ދިމާވެ ބްލިންޑް ހޭނެތުނު ނަމަވެސް ފަހުން ކުރި ޓެސްޓްތަކުން އެނގުނީ މާ ނުރައްކާތެރި ހާލަތެއް ނެތް ކަމަށެވެ.
އައިސީޑީ އާއި ޕޭސްމޭކަރު ލައްވައިގެން ކުޅޭ ކުޅުންތެރިންނަށް ބައެއް ގައުމުތަކުގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމުގައި ދަތިތަކެއް ދިމާވެ އެވެ. އެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ލީގުގައި ވަރަށް ގިނަ ޓެސްޓްތަކެއް ހަދައިގެން ނޫނީ އެ ފަދަ ހާލަތްތަކެއްގައި ހުރި ކުޅުންތެރިންނަށް ފުރުސަތެއް ނުދެ އެވެ. އެރިކްސަން މި ވަގުތު ކުޅެމުން އަންނަނީ އިޓަލީގެ އިންޓަ މިލާނަށެވެ.
މީގެ ކުރިން އެރިކްސަން އަށް ދިމާވި ގޮތަށް ދަނޑުމަތީގައި ހިތް ހުއްޓިގެން ބައެއް ކުޅުންތެރިން ފުޓްބޯޅަ ކުޅުން ހުއްޓާލާފައި ވެސް ވެ އެވެ. އެކަމަކު އެރިކްސަން އަށް އެފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ބުނަން އަދި އަވަސް ކަމަށް ޑެންމާކް ޓީމު ޑޮކްޓަރު ބޮއެސަން ވަނީ ބުނެފަ އެވެ.
ޑެންމާކާއި ބެލްޖިއަމް މިރޭ ކުޅޭ މެޗުގައި އެެރިކްސަން އަށް ހާއްސަ ވަގުތު ކޮޅެއް ދޭން ދެ ޓީމުން ވަނީ ނިންމައިފަ އެވެ. އެ ގޮތުން ބެލްޖިއަމްގެ ކުޅުންތެރިން މެޗުގެ 10 ވަނަ މިނިޓްގައި އެރިކްސަން އަށް ސަޕޯޓް ދޭން ވަގުތު ކޮޅެއް ހާއްސަކުރަން ބޯޅަ ބޭރަށް ޖަހާނެ އެވެ. ދިހަ ވަނަ މިނިޓްގައި އެކަން ކުރަން ނިންމީ އެއީ އެރިކްސަންގެ ޖޯޒީ ނަމްބަރާ ގުޅުވާލުމަށް ފަހު އެވެ. ބޯޅަ ބޭރަށް ޖެހުމާ އެކު ވަގުތު ކޮޅަކަށް ދަނޑުގައި ތިބޭ 14 ހާހެއްހާ ސަޕޯޓަރުން ވެސް އެރިކްސަން އަށް ދޭ މި ޓްރިބިއުޓްގައި ބައިވެރިވާނެ އެވެ.
ބެލްޖިއަމާއި ޑެންމާކް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:00 ގަ އެވެ.












