ބޭރު ބަޔަކަށް އެއާޕޯޓް ހިއްސާ ވިއްކުމުގެ ވިސްނުމެއް އަދި ނިޔަތެއް ވެސް ނެތް ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ކެބިނެޓްގައި: ފައްޔާޒް ވިދާޅުވީ ބޭރުގެ ބަޔަކަށް އެއާޕޯޓް ދޭން ނޫޅޭ ކަމަށް-- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ކެބިނެޓްގައި: ފައްޔާޒް ވިދާޅުވީ ބޭރުގެ ބަޔަކަށް އެއާޕޯޓް ދޭން ނޫޅޭ ކަމަށް-- ފޮޓޯ: ރައީސް އޮފީސް

މިސަރުކާރުން ހަވާލުވިއިރު ގަވާއިދު އޮތީ ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކަށް އެއާޕޯޓް ހިންގޭގޮތަށް ކަމަށާއި ރާއްޖޭން ބޭރުގެ ކުންފުންޏަކަށް އެއްވެސް އެއާޕޯޓެއްގެ ހިއްސާ ދިނުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ބިދޭސީންނަށް ނުލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މިރޭ ވިދާޅުވީ، ފޮރިން އިންވެސްޓްމަންޓް ޕޮލިސީއަށް އިއްޔެ ގެނައި އިސްލާހަކާއެކު އެއާޕޯޓް މެނޭޖް ކުރުމާއެކު އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ފުރުސަތު ހުޅުވިގެން ގޮސްފައިވާ ކަމަށް ސިޔާސީ ފަރާތްތަކުން ބުނަމުންދަނިކޮށެވެ.

ފާޑުކިޔުންތަކާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ އެއްވެސް އެއާޕޯޓެއްގެ ހިއްސާ ވިއްކުމަކަށް ނުވަތަ ދިނުމުގެ ވިސްނުން ވެސް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.

"މިއަށްވުރެން ވަރުގަދަކޮށް ބުނަންޏާމު އަޅުގަނޑަށް ދެންނެވޭނީ މާތްﷲ ގަންދީ ހުވާކޮށްފައި މިދަންނަވަނީ އިންޑިއާއަކަށެއް ނޫނީ އެހެން ބަޔަކަށް އަޅުގަނޑުމެންގެ އެއާޕޯޓެއްގެ އެންމެ ހިއްސާއެއްވެސް ވިއްކުމުގެ ވިސްނުމެއް ވެސް ނިޔަތެއްވެސް އެއްވެސް އެއްޗެއް ނެތޭ،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ މަގާމާ ހަވާލުވިއިރު ބޭރު އިންވެސްޓަރުންނަށް އިންވެސްޓް ކުރެވޭ ގޮތާއި ކުރެވޭނެ ކަންކަމާއި ހިއްސާ ދެވޭނެ މިންވަރު އޮތީ އެއިރަކު ހުންނަ އިކޮނޮމިކް މިނިސްޓަރެއްގެ ސިކުނޑީގައި ކަމަށެވެ. އެހެންކަމުން ދެފުށް ފެންނަ ގޮތަކަށް އެކަން ބޭއްވުމަށްޓަކައި ގާނޫނީ ވަކީލުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ޕޮލިސީތަކެއް ހެއްދެވީ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އޭނާ ހަވާލުވިއިރު ގަވާއިދު އޮތްގޮތުން ބޭރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓްތައް ހިންގޭ ކަމަށެވެ. އެ އުސޫލު ބަދަލުކޮށް ވައިގެ ދަތުރުފަތުރުގެ ހިދުމަތް ރާއްޖޭގައި ދިނުމުގެ ހުއްދަ ދެވޭނީ އެންމެ ގިނަވެގެން ބޭރުގެ ފަރާތެއްގެ 75 ޕަސަންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ކަމަށް ނިންމީ އޭނާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ގއ. ކޫއްޑޫ އެއާޕޯޓް 2012 ވަނަ އަހަރު ހަދައި ތަރައްގީ ކުރީ ސިންގަޕޫރުގެ 100 ޕަސެންޓް ހިއްސާއޮތް ކުންފުންޏަކުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ އެއާޕޯޓް 2014 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގައި ރަޖިސްޓްރީވެސް ނުކުރާ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކިޔޯންގް ހޮން ކޮންސްޓްރަކްޝަން ކިޔާ ކުންފުންޏަކަށް ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި 2017 ވަނަ އަހަރުގެ އޮގަސްޓް މަހު އެ ކުންފުންޏާއި ސިންގަޕޫރުގެ އެހެން ކުންފުންޏެއް އެކުވެގެން ރާއްޖޭގައި ރަޖިސްޓްރީ ކުރި 100 ޕަސެންޓް ބޭރުގެ ހިއްސާ އޮންނަ، ޕްރިސްޓީން އައިލެންޑް މޯލްޑިވްސް ކިޔާ ކުންފުންޏަކަށް ކޫއްޑޫ އެއާޕޯޓް ހިންގުން ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން 2017 ވަނަ އަހަރު އަބޫދާބީ ސަރުކާރާއެކު ނ. މާފަރު އެއާޕޯޓް ހިންގަން ވެސް ބޭރުގެ ބަޔަކަށް ދޭން ޔާމީންގެ ސަރުކާރުން ސޮއި ކޮށްފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"މާފަރު އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓާ ބޭރު ބަޔަކަށް 100 ޕަސެންޓް ދެވޭގޮތަށް އެއް ތަން ދެވޭ ގޮތަށް އަނެއްތަން ދީފައި އޮށްވައި އަޅުގަނޑުމެން އައިސް އެކަން ބަދަލު ކުރީ 75 ޕަސެންޓަށް،" ފައްޔާޒް ވިދާޅުވި އެވެ.

މިހާރު ހިންގާ އެއްވެސް އެއާޕޯޓެއް ޕްރަވައިޓައިޒް ކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅުއްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. ނަމަވެސް އަލަށް ހަދާ އެއާޕޯޓްތަކަށް އިންވެސްޓް ކުރަން ބައެއް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައި އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އެފްޑީއައިއަށް ގެނައި އިސްލާހުން ބޭރު އަދި ދިވެހި ފަރާތެއް ވިޔަސް، އެއާ ޓްރެފިކް އޮޕަރޭޝަން އަމިއްލަ ފަރާތަކަށް ދޫނުކޮށްލާނެ ކަމަށާއި، ހުރިހާ އެއާޕޯޓުތަކެއްގައި އެކަން ކުރާނީ ސީދާ ދައުލަތުން ކަމަށެވެ.

ފައްޔާޒް ވިދާޅުވީ ޔާމީންގެ ސިޔާސަތުގެ ތެރެއިން ވެސް ރަނގަޅު ކަންކަން މިސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނެޓްގެ ތެރޭގައި ދެވޭނެ އެއާޕޯޓެއް އޮތުމުގެ ސިޔާސަތު ތަންފީޒު ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ބޭރުގެ އިންވެސްޓަރުން ހޯދަނީ އަލަށް ހަދާ އެއާޕޯޓްތައް ހަދަން ކަމަށާއި ނަމަވެސް 75 ޕަސެންޓް ހިއްސާ އޮންގޮތަށް ތަރައްގީ ކުރަން ވުމުން ބޭރުގެ އިންވެސްޓަރުން މައްސަލަ ޖައްސާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. ކުރިން އޮތްގޮތަށް 100 ޕަސެންޓް ބޭރުގެ ފަރާތްތަކަށް ހިއްސާ ދެވޭނެ ގޮތަށް ބަދަލު ކުރީ އެ އިންވެސްޓަރުންނަށް ފުރުސަތު ދޭން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އޭގެ މާނައަކީ 100 ޕަސެންޓަށް ކޮންމެ އެއްޗެއް ދޭ ވާހަކައެއް ނޫން. އެއީ ސަރުކާރަށް އެ ޕްރޮޕޯސަލް އައިސްގެން އޭގެ ތެރެއިން އެކަން ނިމިގެން ދާނީ،" ފައްޔާޒް ވިދާޅުވި އެވެ.

ރީޖަނަލް އެއާޕޯޓްސްގެ ހިއްސާ އިންޑިއާގެ މަހުޖަނަކަށް ވިއްކާލަން އުޅޭކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ރީޖަނަލް އެއާޕޯޓްސް ކުންފުންޏެއްގެ ގޮތުގައި ގާއިމު ކުރީ ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތައް މިހާރަށް ވުރެން ރަނގަޅު ފެންވަރެއްގައި ހިންގުމަށް ކަމަށެވެ. ރީޖަނަލް އެއާޕޯޓްގެ އެންމެ ހިއްސާއެއް ވެސް ވިއްކުމަކީ ހުވަފެނުގައި ވެސް ފެނުނު ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޕަސެންޓެއްގެ ވާހަކައެއް ނޫން މިދައްކަނީއެއް އެންމެ ހިއްސާއެއްވެސް ބޭރުގެ އެހެން އެއްވެސް ފަރާތަކަށް ވިއްކުމުގެ އެއްވެސް ވިސްނުމެއް ނެތް،-- މިނިސްޓަރު

ފައްޔާޒް ވިދާޅުވީ އެހެން ނަމަވެސް ރީޖަނަލް އެއާޕޯޓްސް ކުންފުނި ރަނގަޅަށް ހިނގައި ގަތުމުން ދިވެހި ރައްޔިތުންނަށް ހިއްސާ ވިއްކުމަކީ ކޮށްފާނެ ކަމެއް ކަމަށެވެ.

ޖީއެމްއާރުގެ ވަކީލަކަށް އުޅުނު ކަމަށް ނޫސްވެރިއަކު ބުނުމުން ފައްޔާޒް ވިދާޅުވީ އެކަމާ ސަރުކާރުން މިހާރު ނިންމާ ނިންމުންތަކާ ގުޅުމެއް ނުވާ ކަމަށެވެ. އެހެންކަމުން އިންޑިއާގެ އިތުރުން އެހެން ގައުމަކަށް ވެސް އެއާޕޯޓެއް ދިނުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރަން އެ ރަށުގެ އެއާޕޯޓް ސަރަހައްދުން 853،937 އަކަފޫޓުގެ ބިމެއް ހަމަޖައްސައި ދިނުމަށް ޕްލޭނިން މިނިސްޓްރީން އެދިފައިވާއިރު އެކަމާ ގުޅިގެން ވެސް ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެކަން ކުރަން އުޅެނީ އިންޑިއާއަށް އެ އެއާޕޯޓް ދޭން ކަމަށް ތުހުމަތު ކުރެ އެވެ.

ހަނިމާދޫ އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީން ފަންޑުކުރާ މަޝްރޫއެކެވެ. އެ މަޝްރޫއަށް 85 މިލިއަން ޑޮލަރު ނުވަތަ 1.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ފައްޔާޒް ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ މައި ތިން އެއާޕޯޓްގެ ތެރެއިން އެއްތަން ކަމުގައި ވާނެ ކަމަށެވެ. ހަނިމާދޫގައި އަލަށް ހަދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިހާރު އޮތްވަރުގެ ރަންވޭއަކަށް ބޮޑު ކުރެވޭ ވަރަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއީ އޭޓީއޭއާރު ލަންކާއާ ދޭތެރޭގައި އެއާކަންހާވަރުގެ އެއާޕޯޓްސް ޖެއްސޭވަރު. އަދި އަޅުގަނޑުމެން މެދުއިރުމަތީގެ ތަންތަނުން ޑައިރެކްޓްލީ ފްލައިޓްސް އަންނަ ވަރުގެ ބޯޓް ޖެއްސޭ ވަރަށް މިވަގުތަށް މިތައްޔާރު ކުރަނީ،" ފައްޔާޒް ވިދާޅުވި އެވެ.

އެއާޕޯޓް ސަރަހައްދަށް ބިން ހޯދަން އެދިފައިއެވަނީ އެންމެ ބޮޑެތި މަތިންދާ ބޯޓް ޖައްސާވަރަށް ތަރައްގީ ކުރެވޭ ވަރަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެއީ އިންޑިއާ މީހުން ތިބެން ކަނޑައަޅާ ބިމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

" އެ ވިދާޅުވާ 8،50،000 އަކަފޫޓަކީ އޭގެ ތެރެއިން އެއްބަޔަކީ އެއާޕޯޓް އެކްސްޓެންޝަނަށް ބާއްވާފައި އޮތް ބައެއް. އަނެއް ބަޔަކީ އެނގިވަޑައިގަންނަވާނެ އެމްއެންޑީއެފްގެ ނޮދަން ކޮމާންޑް ސެންޓަރު މިހާރު މާފިލާފުށިން އެއްކޮށް ހަނިމާދޫއަށް ބަދަލު ކުރުމުގެ ވިސްނުން އެބޭފުޅުންގެ ހުރީ،" ފައްޔާޒް ވިދާޅުވި އެވެ.

އަދި ބާކީ އޮތް ބިމުގައި އެއާޕޯޓާ ގުޅިގެން ސިޓީ ހޮޓަލެއް ހެދުމަށް ވެސް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox