ސައްތައިންސައްތަ ބޭރުގެ އިންވެސްޓްމަންޓްތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ސަރުކާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އިކޮނޮމިކް މިނިސްޓްރީން އިއްޔެ އިސްލާހުކޮށްފައިވާއިރު، އެއާ ޓްރެފިކް ކޮންޓްރޯލް ވެސް އިންވެސްޓުކުރާ ބޭރުގެ ކުންފުންޏަށް ލިބޭތީ ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް މިނިސްޓްރީން މިއަދު ޖަވާބުދީފި އެވެ.
ސަރުކާރުގެ ސިޔާސަތަށް މިއައި ބަދަލުގެ ސަބަބުން މިހާރު ބޭރުގެ ވިޔަފާރިވެރިންނަށާއި ވިޔަފާރިތަކަށް ރާއްޖޭގައި އެއާ ޓްރާންސްޕޯޓް ހިދުމަތް ދޭން އެއާޕޯޓްތަކާއި ޓާމިނަލް އޮޕަރޭޓް ކުރެވޭނެ އެވެ. އަދި އެއާ ޓްރާންސްޕޯޓް ހިދުމަތް ދޭން ބޭނުންވާ އެހެނިހެން ހިދުމަތްތައް ކަމުގައި ގްރައުންޑް ސާވިސަސް އަދި އެއާ ޓްރެފިކް ކޮންޓްރޯލް ހަރަކާތްތައް ހިންގޭނެ އެވެ.
މި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތަކަށް ފުރަތަމަ ފަސް އަހަރުގެ ތެރޭގައި މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓް ކުރަން ޖެހެ އެވެ.
މީގެ ކުރިން ވައިގެ ދަތުރުފަތުރުގެ ހިދުމަތް ރާއްޖޭގައި ދިނުމުގެ ހުއްދަ ދެވޭނީ އެންމެ ގިނަވެގެން ބޭރުގެ ފަރާތެއްގެ 75 ޕަސަންޓް ހިއްސާ އޮންނަ ކުންފުނިތަކަށެވެ.
ރާއްޖޭގެ އެއާޕޯޓުތަކުގެ ފުލް ކޮންޓްރޯލް ބޭރުގެ ފަރާތެއްގެ އަތް މައްޗަށް ދޫކޮށްލުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އަދި އެއީ ރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ނިންމުމެއް ކަމަށް ވެސް ދަނީ ބުނަމުންނެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކުރި ޓްވީޓެއްގައި ވިދާޅުވީ އެފްޑީއައިއަށް ގެނައި އިސްލާހުން ބޭރު އަދި ދިވެހި ފަރާތެއް ވިޔަސް، އެއާ ޓްރެފިކް އޮޕަރޭޝަން އަމިއްލަ ފަރާތަކަށް ދޫނުކޮށްލާނެ ކަމަށާއި، ހުރިހާ އެއާޕޯޓުތަކެއްގައި އެކަން ކުރާނީ ސީދާ ދައުލަތުން ކަމަށެވެ.
"މިހާރު އަޅާފައިވާ އޮޅުންތަކުގެ ސަބަބުން އެކަން ސާފުކޮށް ބަޔާންކުރުމަށްޓަކައި އިބާރާތްކުރުން އިސްލާހުކުރާނަން،" ފައްޔާޒް ވިދާޅުވި އެވެ.
ރާއްޖޭގައި ހުރި އެއާޕޯޓުތަކުގެ ތެރެއިން ގިނަ އެއާޕޯޓުތައް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ބެލުމުގެ ދަށުގައި އޮތަސް ބައެއް އެއާޕޯޓުތައް ވިޔަފާރި އުސޫލުން ހިންގަން ޕްރައިވެޓް ކުންފުނިތަކުންނެވެ.
މި ވަގުތު ޕްރައިވެޓް ކުންފުނިތަކުން އޮޕަރޭޓް ކުރަމުން އަންނަ އެއާޕޯޓުތަކުގެ ތެރޭގައި ހިމެނެނީ ގއ. ކޫއްޑޫ އެއާޕޯޓާއި ދ. ކުޑަހުވަދޫ އެއާޕޯޓާއި އދ. މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓެވެ. މީގެ ތެރެއިން ބައެއް ކުންފުނިތަކަކީ ބިދޭސީ ހިއްސާދާރުންގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިތަކެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެއާޕޯޓްތައް އޮޕަރޭޓްކުރަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އައިލެންޑް އޭވިއޭޝަން ސާވިސަސް އަދި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެވެ. ރީޖަނަލް އެއާޕޯޓްސް ކުންފުނި ވުޖޫދުވީ ހިސާބުން ގިނަ އެއާޕޯޓްތައް އޮޕަރޭޓްކުރުން އެ ކުންފުނީގެ ދަށަށް ވަނީ ބަދަލުކުރެވިފަ އެވެ.












