އެރިކްސަންގެ ފުރާނަ ސަލާމަތްވުމުގައި ކެޕްޓަން ކިއޭގެ ދައުރު ބޮޑު

Jun 13, 2021, 3:32 AM
ސިމޯން ކިއޭ: މުހިއްމު ވަގުތުގައި ކެޕްޓަނެއްގެ ޒިންމާ ފުރިހަމަ އަށް އަދާކުރި.

ސިމޯން ކިއޭ: މުހިއްމު ވަގުތުގައި ކެޕްޓަނެއްގެ ޒިންމާ ފުރިހަމަ އަށް އަދާކުރި.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ފިންލެންޑާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގެ ފުރަަތަމަ ހާފުގެ ފަހުކޮޅުގައި އެ ޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަން، 29، ދަނޑު މައްޗަށް ހޭނެތިގެން ވެއްޓުމާ އެކު އޭނާގެ ފަރުވާ އަވަސްކުރަން އެންމެ ފުރަތަމަ މެޑިކަލް ޓީމަށް އިޝާރާތްކުރި ކުޅުންތެރިންގެ ތެރޭގައި ޑެންމާކުގެ ކެޕްޓަން ސިމޯން ކިއޭ ހިމެނެ އެވެ.

ޑެންމާކުގެ ޓީމު މެމްބަރުންގެ ތެރެއިން އެރިކްސަންގެ އެންމެ ގާތް އެކުވެރިޔާ، ކިއޭ ވަނީ ރޭ އެރިކްސަން އަށް މި ދިމާވި ކުއްލި ކަންތައްތަކުގެ ތެރޭގައި މުހިއްމު ރޯލުތަކެއް ކުޅެފަ އެވެ.

އެ ގޮތުން އެންމެ ފުރަތަމަ އެެރިކްސަން އަށް ފަރުވާ ދިނުމުގައި ވެސް އެހީތެރިވި އެވެ. އެރިކްސަން ދަނޑު މައްޗަށް ވެއްޓުނު ވަގުތު އޭނާ އަށް އަވަހަށް ސީޕީއާރް ދިނުމުގެ ކަންކަން ކުރުމުގައި އަަވަސްވެގަތީ ކިއޭ އެވެ. އަދި އެރިކްސަންގެ ނޭވާ ނުހުއްޓޭގޮތަށް އަނގަ ބަންދުވިޔަ ނުދީ މެޑިކަލް ޓީމު އަންނަންދެން ފަރުވާ ދެމުންދިޔަ އެވެ. އަދި އެރިކްސަންގެ އަނގައިގެ ތެރެއަށް ދޫ ދިޔަ ނުދޭން ވެސް ކިއޭ މަސައްކަތްކުރި ކަމަށްވެ އެވެ.

ޑެންމާކުގެ ނޫހެއް ކަމަށްވާ ބީޓީ އަށް ޑެންމާކުގެ ޓީމު ޑޮކްޓަރު މޯޓެން ބޮއެސަން ދިން އިންޓަވިއުއެއްގައި ބުނީ އެރިކްސަން ދަނޑު މައްޗަށް ވެއްޓުމާ ހަަމައިން އޭނާ އަށް މެޑިކަލް ޓީމު ފަރުވާދޭން ފެށުމާ ހަަމައަށް ހިނގި ވަގުތުގައި ވެސް އެރިކްސަންގެ ފުރާނަ ސަލާމަތްކުރަން އޮތީ މުހިއްމު ކަންތައްތަކެއް ކުރެވިފަ އެވެ.

އަދި އެ ވަގުތު ކިއޭ ކުރި ކަންކަން ހިމެނޭ ގޮތަށް މެޑިކަލް ސާވިސް ދެވިފައި ހުރީތީ ޑރ. ބޮއެސަން ވަނީ ޝުކުރު އަދާކޮށްފަ އެެވެ.

"އަހަރެމެން ދިޔައިރު ވެސް އެރިކްސަން ނޭވާލައި. އެރިކްސަންގެ ވިންދު އަވަސް ވެފައި ހުރީ. އަހަރެން ބުނާނީ އެރިކްސަން އަށް އެ ގޮތަށް ދިމާވި ވަގުތުން ފެށިގެން މެޑިކަލް ޓީމުން ފަރުވާ ދޭން ފެށުމާ ހަމައަށް މި ހިނގި ވަގުތުގައި އޭނަގެ ފުރާނަ ސަލާމަތް ކުރަން މުހިއްމު ކަންތައްތަކެއް ކުރެވިފައި އެބަހުރި. އެންމެ މުހިއްމު ކަމަކީ އޭނަގެ ނޭވާ ނުހުއްޓޭ ގޮތަށް ހެދުން. އެކަން ހުރީ ރަނގަޅަށް ކުރެވިފައި،" ބޮއެސަން ބުންޏެވެ.

ހުރިހާ ކަމެއް ރަނގަޅަށް ދިޔައީމަ އަހަރެމެން އޭނަގެ ހިތަށް ޓްރީޓްމަންޓް ދޭން ފެށިތާ އިރުކޮޅެއްގެ ތެރޭގައި ދަނޑުން ހޮސްޕިޓަލަށް ދިއުމުގެ ކުރިން ވެސް އެރިކްސަން ވާހަކަ ދެއްކި، - ޑރ. ބޮއެސަން

ކިއޭ އަށް ދެން ގިނަ ބަޔަކު ތައުރީފުކުރަމުން އަންނަ އަނެއް ކަމަކީ އެރިކްސަން އަށް ފަރުވާ ދިން ވަގުތު އެ މަންޒަރުތައް ޓީވީ އަށް ނުދެއްކުމަށް ޓީމުގެ ކުޅުންތެރިންނާ އެކު އެރިކްސަން ވަށައިގެން އަތުރާލުމުގައި ބައިވެރިވެ، ފަހުން އެރިކްސަންގެ އަންހެނުން ސަބްރީނާ އަށް އެހީވެދޭން ކުރި މަސައްކަތުންނެވެ. އެރިކްސަން އަށް ދިމާވި ގޮތުން ފުން ހިތާމައެއްގައި ހުރެ ސަބްރީނާ ރޮމުންދިޔައިރު، އޭނާ މަސަލަސް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތެރިވީ ކިއޭ އެވެ. އެރިކްސަންއާ އެކު ސަބްރީނާ އަށް ހޮސްޕިޓަލަށް ދެވުމާ ހަމައަށް އެ އާއިލާ އަށް އެހީވުމުގައި ކިއޭ ލީޑު ވެސް ނެގި އެވެ.

އެރިކްސަންގެ އަންހެނުން ސަބްރީނާ (ވ) މަސަލަސް ކުރުމުގައި ކިއޭ ހަރަކާތްތެރިވަނީ.

ފަނަރަ މިނިޓެއްހާއިރު ވަންދެން ދަނޑުމަތީގައި އުމުރުން 29 އަހަރުގެ އެރިކްސަން އަށް ފަރުވާ ދިނުމަށް ފަހު މެޗުގެ ރެފްރީ އެންތަނީ ޓޭލާ ދެ ޓީމުގެ ކޯޗުންނާއި މެޗު ކޮމިޝަނަރުންނާ މަޝްވަރާ ކުރުމަށް ފަހު ނިންމީ މެޑިކަލް އިމަޖެންސީ އެއް ކަމަށް ނިންމައި މެޗު ވަގުތީ ގޮތުން ސަސްޕެންޑް ކުރާށެވެ. ފަހުން އެރިކްސަންގެ ހާލު ރަނގަޅުވުމުން އަންނާތީ ޔުއެފާ އިން ނިންމީ ހުއްޓާލި ހިސާބުން މެޗު އަލުން ފަށާށެވެ. އަލުން ފަށައިގެން މެޗު ނިމުނީ 1-0 އިން ޑެންމާކް ބަލިވެގެންނެވެ.

ކިއޭ އަށް ހުރީ އަސަރުކޮށްފައި، މެޗު ފުރިހަމައެއް ނުކުރެވުނު

ދެ ގަޑިިއިރެއްހާއިރު ފަހުން އަލުން މެޗު ކުޅެން ފެށިތާ 15 މިނިޓް ތެރޭ އުމުރުން 32 އަހަރުގެ ކިއޭ ވަނީ ބަދަލުކޮށްފަ އެވެ.

ޑެންމާކުގެ ކޯޗު ކެސްޕާ ޖޮލްމަންޑް ބުނީ ކިއޭ ބަދަލުކުރަން ނިންމީ އެރިކްސަންގެ އެ ހާދިސާ އަށް ފަހު ކިއޭ ފަހުން ހުރީ ނަފްސާނީ ގޮތުން ބަލާއިރު މެޗު ކުޅެވޭނެ ހާލަތެއްގައި ނޫން ކަމަށް އޭނާ ވެސް ބުނުމުން ކަމަށެވެ.

"ކިއޭ އަށް ހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައި. މެޗު އަލުން ފެށިއިރު އޭނާ ހުރީ ވެސް ދެވިސްނުމެއްގައި ކުޅެވޭނެތޯ ނުވަތަ ނޫންތޯ. އެހެން ހުރެފައި ވެސް ޓީމަށްޓަކައި އޭނާ ކުޅެން އެރީ. އެކަމަކު ކުރިއަށް ދެވޭ ވަރަށް ފޯކަސް ނުކުރެވޭތީ ކިއޭ އެދުނީ ބަދަލުކުރަން. އަހަރެން ފުރިހަމަ އަށް އިހުތިރާމްކުރަން އެ ނިންމުމަށް. ފަސޭހަކަމެއް ނޫން މިއީ،" ޖޮލްމަންޑް ބުންޏެވެ.

މެޗަށް ފަހު ރޮވިފައި ހުރެ ދިން އިންޓަވިއުއެއްގައި ޖޮލްމަންޑް ބުނީ މިއީ އޭނާގެ ކުޅުމުގެ ކެރިއަރާއި ކޯޗިން ހަޔާތުގައި ވެސް ހަނދާނުން ނުފިލާނެ ކަމެއް ކަމަށެވެ. އަދި ދިމާވި އުނދަގޫ ވަގުުތުތަކުގައި ފެނުނީ މުޅި ފުޓްބޯޅައިގެ އެއްބައިވަންތަކަމާއި ގުޅުން ބަދަހިކުރުމުގެ މުހިއްމުކަން ކަަމަށް ޖޮލްމަންޑް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

"މިކަމުން ވެސް އެނގުނީ ދިރިއުޅުމުގައި އެންމެ މުހިއްމު އެއް ކަަމަކީ ގުޅުން ބަދަހިކުރުމާއި ގާތް އެކުވެރިންނާއި އާއިލާއާ ދެމެދު އޮންނަ ގާތްކަން ދެމެހެއްޓުންކަން. މި މެޗުގައި މި ހިނގާދިޔަ ކަންކަމުން ވެސް އެކަން ސާފުވެއްޖެ،" ޖޮލްމަންޑް ބުންޏެވެ.

އެރިކްސަން އަށް ފަރުވާ ދެމުންދިޔައިރު، ދެ ޓީމުގެ ސަޕޯޓަރުން ދިޔައީ އޭނާ އަށް އޮތް ސަޕޯޓް ދައްކުވައިދޭން ނަން ގޮވަމުންނެވެ. އަދި އެރިކްސަން ދަނޑުން ފަރުވާދެމުން ބޭލުވި ވަގުތު އޭނާ ފޮރުވައިލަން ބޭނުންކުރީ ދަނޑުގެ އެ ދިމާލުގައި ތިބި ފިިންލެންޑް ސަޕޯޓަރުން އެެއްލި އެ ގައުމުގެ ދެ ދިދަ އެވެ. އެކަމަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން އާއި ޖޮލްމަންޑް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އިންޓަ މިލާނަށް ކުޅެމުން އަންނަ އެރިކްސަން އަވަހަށް ރަނގަޅުވުމަށް އެދި ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާ އަށް މެސެޖްތައް ޕޯސްޓްކޮށްފަ އެވެ. އެރިކްސަންއާ އެކު އިންޓަ މިލާނަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އާއި އަލްޖީރިއާ ފުލްބެކް އަޝްރަފް ހަކީމީ ވަނީ ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު އެރިކްސަން އަށް ހާއްސަ ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox