ބައެއް ގާނޫނުތައް ވުޖޫދަށް ގެންނައިރު، އާ މުއައްސަސާތައް އުފަންވެގެން އަންނާތީ އެކަމުން ދައުލަތުގެ މާލިއްޔަތަށް އިތުރު ބުރައަކަށްވެ، ކޮވިޑް-19ގެ ހާލަތުގައި މާލީ ސިޔާސަތު ތަންފީޒު ކުރަން ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު "އަދަދު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަމީރު ވިދާޅުވީ ކޮވިޑާ ގުޅިގެން ދައުލަތުގެ އާމްދަނީއަށް ނޭދެވޭ ބޮޑެތި އަސަރުތައް ކުރަމުންދާއިރު، ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރަން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން، މިދިޔަ އަހަރު ކޮވިޑުގެ ހާލަތު އެންމެ ގޯސްވެގެންދިޔައިރު، މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުން 11 ބިލިއަނެއްހާ ރުފިޔާ ކުޑަކުރެވުނުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިއަހަރު ވެސް އެކި ދިމާތަކުން ހަރަދުތައް ތާށިކޮށްގެން އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރަން އަމާޒުހިފައިވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، ކޮވިޑުގެ ހާލަތުން އަދިވެސް އަރައިނުގަނެވޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ހަރަދު ކުޑަކުރުމުގައި ހުރިހާ މުއައްސަސާތަކަކުން ވެސް އެކީގައި، އެއް މިސްރާބަކަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
"މިނިސްޓްރީ އޮފް ފިނޭންސް ނޫނީ ފިނޭންސް މިނިސްޓަރަށް އެކަނި ވާނެ ކަމެއް ނޫން ދައުލަތުގެ ހަރަދު ކުޑަކުރުމަކީ. އެކަން ވާނީ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުމާ އެކީގައި. މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއް އެބަޖެހޭ އެއްބަސްވާން އަޅުގަނޑުމެން މިއުޅެނީ ކްރައިސިސް ހާލަތެއްގައިކަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން، މަރާމާތު ކުރުމާއި، ދަތުރުފަތުރު ކުރުމާއި މުވައްޒަފުން ނެގުން ފަދަ ހަރަދުތައް ފިނޭންސް މިނިސްޓްރީން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެއާއެކު، ކުރިން 35،000ރ. އަށް ވުރެ ދަށުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދައި ހަރަދު ކުރެވުނު ނަމަވެސް، ކޮވިޑަށްފަހު އެ އަދަދު މިހާރު 5،000ރ. އަށް ދަށްކުރެވިފައިވާކަން ވެސް އޭނާ ހާމަކުރެއްވި އެވެ. ނަމަވެސް، ބައެއް ދިމާތަކުން ކުރިން ރާވާފައިނުވާ ހަރަދުތައް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އެވާހަކަ ތަފްސީލުކޮށް ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި، ބަޖެޓު ފާސްކުރާ ފަހުން ބައެއް ގާނޫނުތައް ވުޖޫދުވެ، އުފައްދަންޖެހޭ މުއައްސަސާތަކުގެ ސަބަބުން، ބަޖެޓުކޮށްފައިވާ ނުވާ އިތުރު ހަރަދުތައް ކުރަންޖެހޭ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން، މާލީ ސިޔާސަތު ތަންފީޒުކުރަން ވެސް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
"ގާނޫނުތަކަށް ގެންނަ ގިނަ ބަދަލުތަކުން މުއައްސަސާއެއްގެ މެންޑޭޓު ފުޅާވަނީ. ނޫނީ އެހެން ތަނަކަށް ބަދަލު މިވަނީ. އެކަމުން ދައުލަތުގެ ބަޖެޓަށް މާބޮޑު ބަދަލެއް ނާދޭ. އެކަމަކު ބައެއް ގާނޫނުތަކާއެކު ދައުލަތުގެ ހަރަދަށް އިތުރަށް ބުރަވާ ގޮތަށް އެބަ އުފެދޭ މުއައްސަސާތައް،" މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން، މުޅި ދައުލަތް އެކީގައި ރާއްޖެ މިވަގުތު އޮތް މާލީ ހާލަތު ގަބޫލުކޮށް، ގާނޫނުތައް ވުޖޫދުކުރާއިރު ވެސް އެ ހާލަތާމެދު ވިސްނުން ބެހެއްޓުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.













